އެފްއޭ ކަޕް ސެމީގައި އާސެނަލް-ސިޓީ، ޔުނައިޓެޑް-ޗެލްސީ

ލަންޑަން (ޖޫން 29) – އިނގިރޭސި އެފްއޭ ކަޕުގެ ސެމީ ފައިނަލުގައި އާސެނަލާއި މެންޗެސްޓާ ސިޓީ އަދި މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ވާދަކުރަން ޖެހިއްޖެ އެވެ.


އާސެނަލް ސެމީން ޖާގަ ހޯދީ ޝެފީލްޑް ޔުނައިޓެޑް އަތުން 2-1 އިން މޮޅުވެގެންނެވެ. ޗެލްސީ ފުރުސަތު ހޯދީ ލެސްޓާ ސިޓީ އަތުން 1-0 އިން މޮޅުވެގެންނެވެ. އަދި މެންޗެސްޓާ ސިޓީ ޖާގަ ހޯދީ ނިއު ކާސަލް ޔުނައިޓެޑް އަތުން 2-0 އިން މޮޅުވެގެންނެވެ. އަދި މެންޗެސްޓާ ޔުނައިޓެޑް ފުރުސަތު ހޯދީ ހޮނިހިރު ދުވަހުގެރޭ ނޯޗިވް ސިޓީ އަތުން 2-1 އިން މޮޅުވެގެންނެވެ.

ސެމީ ފައިނަލުގައި ބައްދަލުކުރާނެ ޓީމުތައް ކަނޑައެޅީ ސިޓީ އާއި ނިއުކާސަލް މެޗުގެ ހާފް ޓައިމްގަ އެވެ. ސެމީގެ ދެ މެޗު އޮންނާނީ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގައި އަންނަ މަހުގެ 18 ވަނަ ދުވަހު އެވެ. ފައިނަލް މެޗު އޮންނަ ދުވަހެއް އަދި ކަނޑަނާޅަ އެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމުގައި އެ ޓީމުން ޝެފީލްޑާ ދެކޮޅަށް ކުޅުނު މެޗުގައި ލީޑު ނަގައިދިނީ 25 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ނިކޮލަސް ޕެޕޭ އެވެ. އޭގެ ފަހުން 87 ވަނަ މިނެޓުގައި ޝެފީލްޑުގެ ޑޭވިޑް މެކްގޯލްޑްރިކް އެއްވަރުކުރި އެވެ. އާސެނަލް މޮޅުވީ އިތުރު ވަގުތުގެ ތެރޭ ޑެނީ ސެބަޔޮސް ޖެހި ގޯލުންނެވެ.

ސްޓެމްފަޑް ބްރިޖުގައި ލެސްޓާ އަތުން ޗެލްސީ މޮޅުވީ 63 ވަނަ މިނެޓުގައި ރޮސް ބާކްލޭ ޖެހި ގޯލުންނެވެ. ބުރާސްފަތި ދުވަހުގެރޭ ޕްރިމިއާ ލީގުގައި ސިޓީ އަތުން 2-1 އިން މޮޅުވި ޗެލްސީ އަކީ އެފްއޭ ކަޕުގެ ފޭވަރިޓެކެވެ. ކުރީގެ ކެޕްޓަން ފްރޭންކް ލަމްޕާޑް ހަވާލުވެ އަންނަނީ ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ. އެ ޓީމު އޮތީ ލީގުގެ ހަތަރު ވަނައިގަ އެވެ.

އިއްތިހާދު ސްޓޭޑިއަމުގައި ނިއުކާސަލް އަތުން ސިޓީ މޮޅުވި މެޗުގައި ފުރަތަމަ ގޯލް 37 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖެހީ ކެވިން ޑި ބްރޭނާ އެވެ. އަދި ދެ ވަނަ ގޯލް 68 ވަނަ މިނެޓުގައި ކާމިޔާބުކުރީ ރަހީމް ސްޓާލިން އެވެ.