ލަނޑު ޖެހުމަށް ފަހު ޓޮޓެންހަމްގެ ސޮން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
27 އޮކްޓޯބަރ 2020 - 09:38
ބާންލީ (އޮކްޓޫބަރު 27) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސޮން ހެއުން މިންގެ ލަނޑުން 1-0 އިން ބާންލީ ބަލިކޮށް ޓޮޓެންހަމް ހޮޓްސްޕާސްގެ ފަސް ވަނަ އަށް ޖެހިލައިފި އެވެ.
ޓޮޓެންހަމް ފަސް ވަނައިގައި އޮތީ ހަ މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ. ރޭގެ ބައްޔާ އެކު ބާންލީ ލީގުގެ 18 ވަނައިގައި އޮތީ ކުޅުނު ފަސް މެޗުން މޮޅެއް ނުލިބި އެއް ޕޮއިންޓާ އެކު އެވެ.
ރޭގެ މެޗު ފަށައިގެން ޓޮޓެންހަމުން ރަނގަޅު ކުޅުމެއް ދައްކަމުންދިޔަ ނަމަވެސް ފުރަތަމަ ގޯލު ޖެހީ ބާންލީ އިންނެވެ. އެ ޓީމުގެ އެޝްލީ ބާންސް ޖެހި ގޯލު ބަލައިނުގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ. ޓޮޓެންހަމްގެ ހެރީ ކޭން ޖެހި ބޯޅައެއް ބާންލީގެ ޑިފެންޑަރު ޖޭމްސް ޓާކޯސްކީ ވަނީ ގޯލު ރޮނގުމަތިން ސަލާމަތްކޮށްފަ އެވެ.
މި ސީޒަނުގައި ތަފާތު ފޯމެއްގައި ހުރި ސޮން ޓޮޓެންހަމް މޮޅުކޮށްދިން ލަނޑު ޖެހީ މެޗު ނިމެން 14 މިނިޓަށްވެފައި ހުއްޓަ އެވެ. ކޭން ތަނަވަސްކޮށްދިން ފުރުސަތަކުން ސޮން މި ގޯލު ޖެހީ ބޮލުންނެވެ. ސޮން އަކީ މި ފަހަރުގެ ލީގުގެ މިހާތަނަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އަށް ގޯލު ޖަހައިފަ އެވެ.
ޓޮޓެންހަމް މި ސީޒަނުގައި މިހާތަނަށް ދައްކަމުން އަންނަ މޮޅު ކުޅުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ސޮން އާއި ކޭންގެ ޕާޓްނަޝިޕް އެވެ. ކޭން ވަނީ ލަނޑު ޖެހުމުގެ އިތުރުން ލަނޑު ޖަަހަން ފުރުސަތު ތަނަވަސްކުރުމުގައި ވެސް ތަފާތު ދައްކައިފަ އެވެ. އެ ގޮތުން ލީގުގެ ފުރަތަމަ ހަ މެޗު ނިމުނުއިރު ކޭން ވަނީ ފަސް ގޯލު ޖަހައި އަށް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ އެއްބައި މީހުންނަށް 1-0 ކަމުނުގޮސްފާނެ އެކަމަކު މި ތިން ޕޮއިންޓްގެ މުހިއްމުކަން އޭނާ އަށް އެނގޭ ކަމަށެވެ.
"އަހަންނަށް 6-1 އާއި 1-0 ވެސް އެއްވަރެއް. އެއީ މަސައްކަތަކީ މޮޅުވެގެން ޕޮއިންޓް ހޯދުން. އެކަން ދެ މެޗުގައި ވެސް ވެއްޖެ. މެންޗެސްޓާ ޔުނައިޓެޑް ދަނޑުގައި 6-1 އިން މޮޅުވިހާ އުފާ މި މެޗުގައި ވެސް އަހަރެންވޭ،" ކުރިން ޔުނައިޓެޑާއި ޗެލްސީ އަށް ކޯޗުކޮށްދިން މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ ބުނީ އެންމެ ފަހުން ޓޮޓެންހަމް ކުޅުނު ދެ މެޗުގައި އެ ޓީމު ކޮޅަށް ލަނޑެއް ވަނަނުދީ ހިފެހެއްޓުމަކީ ވެސް އޭނާގެ ނަޒަރުގައި އެ ޓީމުން ހޯދި ކުރިއެރުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy