ނޮވެމްބަރު 25، 2005 ގައި ފުޓްބޯޅަ ދުނިޔެ އަށް ލިބިގެންދިޔަ ބޮޑު ދެރަ އަކީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޖޯޖް ބެސްޓް މަރުވުމެވެ. އޭނާގެ ނިމި ދިއުމަށް 15 އަހަރު ފުރުނު މިދިޔަ ބުދަ ދުވަހުގެރޭ އަނެއްކާ ވެސް ދުނިޔޭގެ ފުޓްބޯޅަ ހިތާމައިގެ ފުން ވަޅުގަނޑެއްގެ ތެރެއަށް ވައްޓާލީ ދުނިޔެ ދުށް އެންމެ އެއް ފުޓްބޯޅަ ކުޅުންތެރިޔާ ޑިއޭގޯ މަރަޑޯނާގެ މަރުގެ ހަބަރުންނެވެ. މި ދެ ތަރިންނަކީ ވެސް ފުޓްބޯޅައިގެ ހުނަރު ސާބިތުކޮށްދީ އެތައް ބަޔެއްގެ ތައުރީފު ހޯދި ދެ ކުޅުންތެރިންނެވެ.
ދެ ތަރިންގެ މަރުގެ ބޮޑު އިއްތިފާގަކީ ވަކި ވެދިޔައީ އެއް ތާރީހެއްގައި ކަމަށް ވުމެވެ. ފުޓްބޯޅައިގެ ގިނަ ބަޔަކު މިހާރު ސިފަކުރާ ގޮތުގައި މި ތާރީހަކީ ފުޓްބޯޅައިގެ "ކަޅު ދުވަހެއް" ގެ ގޮތުގައި ގިނަ ބަޔަކު ހަނދާނުގައި ހުންނާނެ ދުވަހެކެވެ. ބެސްޓް އާއި މަރަޑޯނާގެ މަގުބޫލުކަން އެތައް ގޮތަކުން ވަރަށް ބޮޑަށް ތަފާތެވެ. މި ދެ ކުޅުންތެރިން ފުޓްބޯޅައިގައި ހާސިލްކޮށްފައިވާ ކަންތައްތަކަކަށް ބަލާއިރު މި ދެ ތަރިން ގެއްލިމިދިޔައީ މާ އަވަހަށް ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ބެސްޓް މަރުވީ އުމުރުން 59 އަހަރުގަ އެވެ. މަރަޑޯނާ މަރުވިއިރު އުމުރަކީ 60 އަހަރެވެ.
މަޝްހޫރު ގިނަ ކްލަބްތަކަށް ކުޅުނު މަރަޑޯނާ އާއި ބެސްޓްގެ ތަފާތުކަން ފުޓްބޯޅަ ދަނޑުމަތީގައި ފެނިގެންދިޔަ ނަމަވެސް އެ ދެ ތަރިންނާ މަރު ބައްދަލުކުރީ ބަލި އެނދުގައި އޮއްވަ އެވެ. ދެ ކުޅުންތެރިންނަށް ވެސް ހަޔާތުގެ ފަހު ކޮޅުގައި ދިމާވީ ކާމިޔާބު ކުޅުމުގެ ކެރިއަރުގައި އުޅެވިފައި ހުރި ގޮތުން ދިމާވި ކަންތައްތަކުގެ ހިތި ނަތީޖާ އެވެ. މަރަޑޯނާ އަކީ ކެރިއަރުގައި މަނާ ބޭހާއި ޑްރަގް ބޭނުންކުރުމުގެ ސަބަބުން އެތައް ފަހަރަކު އަދަބު ލިބިފައިވާ ކުޅުންތެރިއެކެވެ. ބެސްޓްގެ ކެރިއަރަށް އެޅުނު ހިޔަންޏަކީ ރާ ބުއިމާއި ޕާޓީ ކުރުން ފަދަ އަހުލާގީ އެ ފަދަ މައްސަލަތަކެވެ. އޭނާ މަރުވީ ފުއްޕާމޭ ހަލާކުވެ، ބަލި އެނދުގައި ފަރުވާ ހޯދަމުން ދަނިކޮށް ފަހު ވަގުތު ގިނަ ގުނަވަންތަކެއް މަސައްކަތްކުރުން ހުއްޓުމުންނެވެ. މަރަޑޯނާ ހާޓްއެޓޭކެއް ޖެހިގެން މަރުވިއިރު، މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ސިކުނޑީގައި ލޭ ކޮޅެއް ގަނޑުވެގެން ކުއްލި އޮޕަރޭޝަނެއް ކުރި އެވެ.
އިންޑިވިޖުއަލް އަދި ޓީމުގައި ވެސް ތަފާތު ދެއްކި ދެ ލީޑަރުން
މަރަޑޯނާ އާއި ބެސްޓްއާ އެކު ކްލަބް ލެވަލް އާއި ގައުމީ ޓީމުގައި ގިނަ ކުޅުންތެރިން ވެސް ފާހަގަކުރާ އެއް ކަމެއް އޮވެ އެވެ. ދެ ކުޅުންތެރިންނަކީ ވެސް އަމިއްލަ ހުނަރަށް ބަލާއިރު ބޯޅަ ހިފައިގެން ޖާދޫ ހަދާ ފަދަ ހުނަރު ދައްކާ ދެ ކުޅުންތެރިން ކަމެވެ. އަދި އެހެން ކުޅުންތެރިންނާ ގުޅިގެން އާދަޔާހިލާފު ހުނަރެއް ދައްކާ ދެ ކުޅުންތެރިން ކަމެވެ.
މަރަޑޯނާ އަށް 1986 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި އޭނާގެ ކެރިއަރުގެ ފަހު ކޮޅުގައި ސެވިއްޔާގައި ކޯޗުކޮށްދިން ކާލޯސް ބިލާޑޯ ދިން އިންޓަވިއުއެއްގައި ބުނީ މަރަޑޯނާގެ ޒުވާން އުމުރުގައި ބައްދަލުވިއިރު ވެސް އޭނާ އަކީ ޓީމުގެ އެހެން ކުޅުންތެރިންނަށްޓަކައި ގުރުބާންވާން ތައްޔާރަށް ހުންނަ ވިސްނުމުގައި ކުޅޭ ކުޅުންތެރިއެކެވެ.
ފަހުން ބިލާޑޯ ވަރަށް ބޮޑަށް ބޭނުންވެގެން އޭނާގެ ސެވިއްޔާ އަށް 1992 ވަަނަ އަހަރު މަރަޑޯނާ ގެނައީ މަނާބޭހުގެ ސަސްޕެންޝަނެއްގައި އޭނާ ހުއްޓައި ފީފާގެ ތެރެއިން ވެސް އެތައް ކަމެއް ކޮށްގެންނެވެ. އެންމެ ބޮޑު ސަބަބަކީ ވެސް މަރަޑޯނާ ތަފާތު ދައްކާނެ ކަމާ މެދު އޮތް ޔަގީންކަމެވެ.
ސެވިއްޔާގައި އޭރު މަރަޑޯނާގެ ކައިރިން މުހިއްމު ކަންތައްތަކެއް ދަސްކުރި ގިނަ ކުޅުންތެރިން ފުޓްބޯޅައިގައި ފިޔަ ޖެހި އެވެ. އޭގެ ތެރެއިން އެކަކަކީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ރަން ބޫޓު ހޯދި ކްރޮއޭޝިއާގެ ފޯވާޑް ޑާވޯ ސުކާ އާއި މިހާރު އެތުލެޓިކޯ މެޑްރިޑްގެ ކޯޗަކަށް ހުރި އާޖެންޓީނާގެ ކުރީގެ ކުޅުންތެރިޔާ ޑިއޭގޯ ސިމިއޯނީ އެވެ.
"އަހަރެން ހަނދާނުގައި ހުރެ މަރަޑޯނާ އެ ކުޅުންތެރިން (ސުކާ އާއި ސިމިއޯނީ ފަދަ ކުޅުންތެރިން) ވަށާލައިގެން އެތައް އެއްޗެއް ބުނެދެން ހުންނަތަން. މަރަޑޯނާ އަކީ ފުޓްބޯޅައިގެ ކޮންމެ ވާހަކައެއް ދައްކަން ބިރު ގަންނާނެ އަދި ފަސް ޖެހޭނެ މީހެއް ނޫން. އޭނާ އަށް ދެން ހުންނަ މީހާގެ ހަމުގެ ކުލައެއް ގައުމެއް ނޫނީ އެހެން ކަމެއް މުހިއްމެއް ނޫން. އެންމެނަށް އޭނާގެ ދޮރު އޮތީ ހުޅުވިފައި،" ބިލާޑޯ ބުންޏެވެ.
ބާސެލޯނާ އަށް ކުރިން ކުޅުނު އިނގިރޭސި ފޯވާޑް އަދި މިހާރު މަޝްހޫރު ކުޅިވަރު އެނަލިސްޓް ގެރީ ލިނެކާ ބުނީ މަރަޑޯނާއާ ބައްދަލުވި ކޮންމެ ކުޅުންތެރިއަކަށް ވެސް އޭނާގެ ފަރާތުން ފުޓްބޯޅައިގެ ކަމެއް ދަސްވެފައި ހުންނާނެ ކަމަށެވެ. އެ ގޮތުން އޭނާ ވަނީ ދުނިޔޭގެ އެކި ބައްރުގެ ތަރިން ހިމެނޭ ގޮތަށް ދެހާހުގެ ކުރީކޮޅުގައި ކުޅުނު މެޗެއްގެ ތެރޭގައި ކޮންމެ ކުޅުންތެރިއަކާ ވަކިވަކިން ވާހަކަ ދައްކައި ފުޓްބޯޅައާ ގުޅޭ އެކި ނަސޭހަތްތައް ދީފަ އެވެ. އޭގެ ތެރޭގައި ޔުއެފާގެ ކުރީގެ ރައީސް މިޝެލް ޕްލެޓިނީ އާއި ބާސެލޯނާ އަށް ކުރިން ކުޅުނު ބްރެޒިލްގެ ރޮނާލްޑީނިއޯގެ އިތުރުން ރެއާލް މެޑްރިޑްގެ މިހާރުގެ ކޯޗު ފްރާންސްގެ ކުރީގެ މިޑްފީލްޑަރު ޒިނެދިން ޒިދާން ހިމެނެ އެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ހަތް ނަމްބަރު ޖޯޒީގެ ލެގަސީ ފެށިގެންދިޔައީ ބެސްޓްއާ ހަމައިން ކަމަށް އެ ކްލަބްގެ ތާރީހު ދިރާސާކުރާ ގިނަ ފަރާތްތަކުން ބުނެ އެވެ. ޔުނައިޓެޑްގެ ކާމިޔާބު ތާރީހުގައި ބެސްޓްގެ ހިއްސާ އަބަދުވެސް އޮންނާނެ ކަމަށް އެ ކްލަބަށް އެންމެ ގިނަ ކާމިޔާބު ހޯދައިދިން ކޯޗު އެލެކްސް ފާގަސަން ވަނީ އޭނާގެ އޮޓޯބައިގްރަފީގައި ފާހަގަކޮށްފަ އެވެ. ޔުނައިޓެޑުން އެންމެ ފުރަތަމަ ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައިދިން ތާރީހީ ފަހަރު 1968 ވަނަ އަހަރު ބެސްޓް ވަނީ ތަފާތު ދައްކައިފަ އެވެ. އެއީ މިހާރު މި ފެންނަ މުއްސަނދި ތާރީހެއް އޮތް ޔުނައިޓެޑްގެ ނަން ޔޫރަޕްގައި ގަދަވާން ފެށި ހިސާބެވެ.
ޔުނައިޓެޑްގެ ހަތް ނަމްބަރު ޖޯޒީ ލި މަޝްހޫރު ކުޅުންތެރިން ކަމަށްވާ އެރިކް ކެންޓޮނާ އާއި ޑޭވިޑް ބެކަމް އަދި ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ތަރިންނަކީ ބެސްޓްގެ ލެގަސީ ދެމެހެއްޓި ކުޅުންތެރިންނެވެ. އޭގެން ކޮންމެ ކުޅުންތެރިއަކު ވެސް ވަނީ ބެސްޓްގެ ޖޯޒީ ނަމްބަރު ޖަހާލައިގެން ކުޅުމަކީ ޝަރަފެއްގެ ގޮތުގައި ދެކޭ ކަމަށް ބުނެފަ އެވެ.
ބެސްޓްއާ އެކު ނޯދަން އަޔަލެންޑް ގައުމީ ޓީމަށް ކުރިން ކުޅުނު ގެރީ އާމްސްޓްރޯންގް ބުނީ މަރަޑޯނާ އާއި ބެސްޓް އަކީ އޭނާ ވަރަށް ގިނައިން އެ ދެ ކުޅުންތެރިންނާ ބައްދަލުވި ދެ މީހުން ކަމަށާއި އެއީ ފުޓްބޯޅައިގެ އާދަޔާހިލާފު ވިސްނުންތަކެއް ގެންގުޅުނު ދެ ކުޅުންތެރިން ކަމަށެވެ. މަރަޑޯނާ ބޮޑަށް މަޝްހޫރު ވެގެންދިޔައީ ދުނިޔޭގެ ފުޓްބޯޅައިގެ ސަރަހައްދެއްގައި (ދެކުނު އެމެރިކާ) އުޅުމުގެ އިތުރުން އޭނާގެ މީހުންނަށް ސަމާލުކަން ލިބޭ ލައިފްސްޓައިލްގެ ސަބަބުން ކަމަށް އާމްސްޓްރޯންގް ބުންޏެވެ.
އެހެން އެންމެނެކޭ އެއްގޮތަށް އާމްސްޓްރޯންގްގެ ނަޒަރުގައި ދެ ކުޅުންތެރިންނަށް ވެސް ދިމާވީ ދަނޑު ބޭރުގެ އަހުލާގީ މައްސަލަތަކެވެެ.
"އަހަރެން ބޭނުންވީ އެ ދެ މީހުން. ބެސްޓް އާއި މަރަޑޯނާ ފުޓްބޯޅަ ދުނިޔޭގައި އެތައް އަހަރުތަކެއް އުޅޭތަން ބަލަން. އެކަމަކު (އެތަނުން) އެއްވެސް މީހަކަށް 60 އަހަރަށް ވުރެ ގިނަ ދުވަހެއް ނުވި. މި ދެ ކުޅުންތެރިންގެ ކިބައިން ދަސްކުރަން ޖެހޭ އަދި ފިލާވަޅު ލިބިގަންނަންޖެހޭ އެތައް ކަމެއް އެބަހުރި،" އާމްސްޓްރޯންގް ބުންޏެވެ.
ނެދަލެންޑްސް އާއި ބާސެލޯނާގެ ފުޓްބޯޅަ ލެޖެންޑް ޔޯހަން ކްރައިފް، ބެސްޓް އަށް ތައުރީފުކޮށް ބުނީ އޭނާ ކިބައިގައި އެ ހުރި ފުޓްބޯޅައިގެ އާދަޔާހިލާފު ވިސްނުން ތޫނު ކަމާއި ކުޅުމުގެ މޮޅު ސްޓައިލަކީ ކޯޗަަކަށް ކިޔައިދެވޭނެ އެއްޗެއް ނޫން ކަމަށާއި އެއީ އުފެދުނުއިރު ވެސް ހުރި ހުނަރެއްކަން ސާފުކޮށް ފެންނަ ކަމަށެވެ.
މަރަޑޯނާ އަކީ ބެސްޓްގެ ސަޕޯޓަރެއް
ބެސްޓްގެ މަރާ ގުޅިގެން އޭރު 2005 ވަނަ އަހަރާއި 2006 ވަނަ އަހަރު ދުނިޔޭގެ ފުޓްބޯޅައިގެ ގިނަ ތަރިން ވަނީ ޝުއޫރުތައް ފާޅުކޮށްފަ އެވެ. އެ ދުވަސްވަރު މީޑިއާ އަށް މަަރަޑޯނާ ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އަކީ ބެސްޓްގެ ސަޕޯޓަރެއް ކަމަށާއި ބެސްޓް ކުޅެފައި ހުރި ގިނަ މެޗުތަކެއް ބަލައި އޭގެން ގިނަ ކަންތައްތަކެއް ދަސްކުރި ކަމަށެވެ.
"އަހަރެން ބެސްޓްގެ ކިބައިން ގިނަ ކަންތައްތަކެއް ދަސްކުރިން. އަހަރެން ވަރަށް ގަޔާވާ ކުޅުންތެރިއެއް އެއީ. އަހަރެންގެ ދެކޭ ގޮތުގައި ބެސްޓް އާއި އަހަރެން ކުޅުމުގައި އެއްގޮތް ކަންތައްތަކެއް އެބަހުރި. އަހަރެމެން ދެ މީހުންނަކީ ވެސް އަމިއްލަ ޓީމުގެ އެހެން ކުޅުންތެރިންނާ މެދު ވަރަށް ވިސްނައިގެން ކުޅޭ ދެ ކުޅުންތެރިން. އަހަރެމެން ދެ މީހުން ބޯޅަ ހިފައިގެން ޑްރިބްލް މި ކުރަނީ ވެސް އެއް ކަހަލަ ގޮތަކަށް. އަބަދުވެސް ޖާދުލެއް ދައްކާލެވޭތޯ މަސައްކަތްކުރަނީ،" މަރަޑޯނާ އޭރު ބުންޏެވެ.
އެ ފަހަރު މަރަޑޯނާ އޭރު ވަނީ ބެސްޓްގެ ސިއްހީ ކަންތައްތަކާ ބެހޭގޮތުން ވެސް ވާހަކަ ދައްކައިފަ އެވެ.
"ބެސްޓް ކަށީގައި ހަރުލާފައިވާ ރާބުއިމުގެ ކަންތައްތައް ވެސް އަހަންނަށް އެނގިފައި އޮތީ. އަހަންނަށް އޭގެ އިހުސާސްތައް އެނގޭ. އަހަރެން ވެސް އެ މަގުން ހިތި ތަޖުރިބާތަކެއް ކޮށްފިން. މަރުގެ ތުންފަތް މަތިން ވެސް ސަލާމަތްވި ފަހަރެއް އެންމެ ފަހުން ނިމިދިޔަ ޑިސެމްބަރަކީ،" މަނާބޭހާއި ޑްރަގްގެ ވަބާގައި ޖެހި ގިނަ އަަދަބުތަކެއް ލިބުނު މަރަޑޯނާ ބުންޏެވެ.
މި ވަގުތު ދުނިޔޭގައި ތިބި ދުވަސްވީ މަޝްހޫރު ގިނަ ކުޅުންތެރިން އަންނަނީ ބެސްޓް އާއި މަރަޑޯނާ ފަދަ ފުޓްބޯޅައަށް ދެ ވަނަ އެއް ނެތް އަގުހުރި އެތައް ކަމެއް ކޮށްދީފައިވާ މި ދެ ލެޖެންޑުންނަށް އެންމެ ފުރިހަމަ އިހުތިރާމް އަބަދުވެސް ލިބެންޖެހޭ ކަމަށް ބުނަމުންނެވެ. ފުޓްބޯޅަ ކުޅުންތެރިންނާއި ކްލަބްތަކުން ބެސްޓްގެ މަރަށް 15 އަހަރުވީ ދުވަހު މަރަޑޯނާގެ މަރާ ކުރިމަތިލާން ޖެހުމުން އަންނަނީ ހިތާމައިގެ ޝުއޫރުތައް ފާޅުކުރަމުންނެވެ. މި ހަފްތާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޅުނު މެޗުތަކުގައި މަރަޑޯނާގެ ހަނދާނުގައި ވަނީ ސުކޫތެއް ގެނެސްފަ އެވެ.
އަގުވަޒަންކުރުމާއި ލެގަސީ ދެމެހެއްޓުން
ޔުނައިޓެޑުން 1963 ވަނަ އަހަރު ކްލަބް ކެރިއަރު ފެށި ބެސްޓް ވަނީ 21 އަަހަރުވީ އޭނާގެ ކްލަބް ކެރިއަރުގައި 18 ޓީމަށް ކުޅެފަ އެވެ. އޭގެ ތެރޭގައި އިންގްލެންޑްގެ އިތުރުން ސްކޮޓްލެންޑާއި އެމެރިކާ އާއި ނެދަލެންޑްސްގެ ކްލަބްތަކަށް ކުޅެފަ އެވެ.
ބެސްޓްގެ ކެރިއަރުގެ އުސްއައްޔަކީ އޭނާ ޔުނައިޓެޑުގައި ހޭދަކުރި 11 އަހަރެވެ. ގިނަ ބަޔަކަށް އޭނާ އެނގެނީ ވެސް ކްލަބް ލެވަލްގައި ޔުނައިޓެޑްގެ ލެޖެންޑެއްގެ ގޮތުގަ އެވެ. ބެސްޓްގެ ހަނދާނުގައި ޔުނައިޓެޑުން އަބަދުވެސް ކޮންމެ އަހަރަކު އެތައް ހަރަކާތެއް ހިންގަ އެެވެ. ބެސްޓްގެ ލެގަސީ ދިރުވުމަށް ޔުނައިޓެޑްގެ އެކެޑަމީގައި ކުޅުންތެރިން ތަމްރީންކުރާއިރު ބެސްޓްގެ ފުޓްބޯޅަ ހަޔާތާ ގުޅޭ ގިނަ ވާހަކަތަކެއް ކިޔައިދެ އެވެ. އެއްވެސް އިރެއްގައި ބެސްޓް ޔުނައިޓެޑަށް ކޮށްދީފައިވާ ކަންތައްތައް ކްލަބްގެ ސަޕޯޓަރުންގެ ހިތުން ފޮހެވިގެން ނުދެ އެވެ.
މަރަޑޯނާގެ މަގުބޫލުކަން އެހާ ބޮޑުވާ އެއް ސަބަބަކީ އޭނާ ކްލަބް ކެރިއަރުގައި (1976 އިން 1997 އަށްް) ކުޅެފައިވާ މަޝްހޫރު ކްލަބްތަކުގެ ސަބަބުންނެވެ. އާޖެންޓީނޯސް ޖޫނިއާސް އިން ކެރިއަރު ފަށައި އެ ގައުމުގެ ގަދަބާރު ބޮކަ ޖޫނިއާސްއާ ގުޅެ އެ ޓިީމުގައި ކުރިއެރުން ހޯދައި އޭނާ ފުރަތަމަ ބަދަލުވި ފުރަތަމަ ޓީމަކީ ބާސެލޯނާ އެވެ. ފަހުން އިޓަލީގެ ނަޕޯލީ އަށް ކުޅެ އެ ޓީމުގައި ތަފާތު ދައްކައި ދެން އޭނާ ޔޫރަޕްގައި ކުޅުނު އެންމެ ފަހުގެ ޓީމަކީ ސެވިއްޔާ އެވެ. ރިޓަޔާކުރުމުގެ ކުރިން އާޖެންޓީނާގެ ނެވެލްސް އޯލްޑް ބޯއީސް އަށް ކުޅުނުއިރު، ފުޓްބޯޅަ ކުޅުން ހުއްޓާލީ އޭނާ އެންމެ ލޯބިވާ ކްލަބް ބޮކަ ޖޫނިއާސްގަ ހުރެ އެވެ.
ބޮކަ ޖޫނިއާސް އަކީ މަރަޑޯނާގެ ކެރިއަރުގައި އޭނާ ދެ ފަހަރެއްގެ މަތިން ކުޅުނު ހަމައެކަނި ޓީމެވެ. އެ ޓީމަށް އޭނާ ކޮށްދިން ހިދުމަތުގެ އަގު މިއަދާ ހަމައަށް ވެސް އެ ސަރަހައްދުގެ ސަޕޯޓަރުން ވަޒަންކުރެ އެވެ. މަރަޑޯނާ މަރުގެ ހަބަރު އިވުމުން އޭނާގެ ގޭ ކައިރިއަށް ދިޔަ ސަޕޯޓަރުންގެ ތެރެއިން ގިނަ މީހުން ތިބީ ބޮކަ ޖޫނިއާސް ޖޯޒީގަ އެވެ. އޭނާގެ ޖަނާޒާގެ ތެރޭގައި ގިނަ ބަޔަކު އުޅުނީ ވެސް ބޮކަ ޖޫނިއާސް ޖޯޒީގަ އެވެ. ބޮކަ ޖޫނިއާސް ދަނޑުގައި މަރަޑޯނާ މެޗު ބަލަން އައިސް ހުންނަން ހާއްސަ ކެބިން އެއް ހުރެ އެވެ. އެއީ އެ ކްލަބްގެ މެނޭޖްމަންޓުން އޭނާ އަށް ދީފައިވާ ހަދިޔާއެކެވެ. މަރަޑޯނާގެ ސަޕޯޓަރުންނަށް ހާއްސަ ސަރަހައްދެއް އިޓަލީގެ ނޭޕްލްސްގައި އޮވެ އެވެ. މަރަޑޯނާ ކުޅުނު ނަޕޯލީގެ މެނޭޖްމަންޓުން މިހާރު ވަނީ އެ ކްލަބްގެ ސްޓޭޑިއަމްގެ ނަން އޭނަ އަށް ހާއްސަކުރަން ނިންމައިފަ އެވެ
މޮނާކޯގައި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ގޯލްޑަން ފޫޓް އެވޯޑްގެ ލެޖެންޑް ކެޓަގަރީގެ އެވޯޑް ހޯދާފައިވާ ބެސްޓް އާއި މަރަޑޯނާގެ ނަމުގައި މިހާތަނަށް ވެސް ފުޓްބޯޅައިގައި ގިނަ މަސައްކަތްތަކެއް އެ ދެ ކުޅުންތެރިންގެ ބައިވެރިވުން އަމަލީގޮތުން ހިމެނޭ ގޮތަށާއި ނުހިމެނޭގޮތަށް ވެސް ވަނީ ގެންގޮސްފަ އެވެ. ދުނިޔޭގެ ފުޓްބޯޅައިގެ ގިނަ ފަރާތްތަކުން ދެކޭ ގޮތުގައި ފުޓްބޯޅަ ދެމިއޮތްހާ ހިނދަކު ބެސްޓާއި މަރަޑޯނާ ފަދަ ހުނަރުވެރިތަރިންގެ ލެގަސީ ދާނީ ކުރިއަށެވެ.