ލަނޑު ޖެހުމަށް ފަހު ސޮން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
03 ޖެނުއަރީ 2021 - 09:11
ލަންޑަން (ޖެނުއަރީ 3) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި 3-0 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށް ޓޮޓެންހަމް ހޮޓްސްޕާސް ތިން ވަނަ އަށް ޖެހިލިއިރު، ރަށުން ބޭރުގައި ވެސްޓް ބްރޮމްގެ މައްޗަށް 4-0 އިން ކުރިހޯދައި އާސެނަލުން ލީގުގައި ޖެހިޖެހިގެން ތިން ވަނަ މެޗުން މޮޅުވެއްޖެ އެވެ.
ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާއި ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 16 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ. ޓޮޓެންހަމް ތިން ވަނަ އަށް އެރީ ހަތަރެއްގައި އޮތް ލެސްޓާ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަަރުވި ނަމަވެސް ފައިދާ ގޯލުން ކުރިހޯދައިގެންނެވެ. ޓޮޓެންހަމްގެ 29 ޕޮއިންޓާ އެކު ފައިދާ 14 ގޯލު އޮތްއިރު، ލެސްޓާގެ އޮތީ 29 ޕޮއިންޓާއި ފައިދާ ނުވަ ގޯލެވެ.
ލީޑްސް އިން ފަށައިގެން ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް ޓޮޓެންހަމުން މެޗުގެ 29 ވަނަ މިނިޓްގައި ލީޑުނެގީ ހެރީ ކޭން ކާމިޔާބުކުރި ޕެނަލްޓީންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ކޭން ދިން ބޯޅައަކުން ސޮން ހެއުން މިން ވަނީ ޓޮޓެންހަމަށް ލީޑުފުޅާކޮށްދީފަ އެވެ. މިއީ ސޮން ޓޮޓެންހަމަށް އޭނާ ޖަަހައިދިން 100 ވަނަ ގޯލެވެ. ދެ ވަނަ ހާފުގައި ޓޮޓެންހަމްގެ ތިން ވަނަ ގޯލު ޖެހީ ކޯނަރަކުން ސޮން ނަގައިދިން ބޯޅައަކުން ޓޯބީ އަލްޑަވެއިރަލްޑް އެވެ. އޭނާ ބޮލުން ޖެހި ބޯޅަ ލީޑްސްގެ ކީޕަރު އިލާން މެލިއޭ ސަލާމަތްކުރީ ގޯލުގެ ރޮނގު ހުރަސްކުރި ފަހުންނެވެ.
އިތުރު ވަގުތުގައި ދެ ވަނަ ރީނދޫ ކާޑާ އެކު ޓޮޓެންހަމްގެ މެޓް ޑޮހަޓީ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.
ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ އެންމެ ފަހުން ކުޅުނު މެޗުތަކުގައި ނަތީޖާ ނުނެރެވިގެން ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް އުޅޭ ކަމަށާއި އެކަމުން އަރައިގަންނަން މި ލިބުނީ މުހިއްމު ތިން ޕޮއިންޓް ކަމަށެވެ.
އާސެނަލްގެ ލަކަޒޭޓް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ވެސްޓް ބްރޮމް ދަނޑުގައި ކުޅުނު މެޗުގައި އާސެނަލަށް ލީޑުނަގައިދިނީ މެޗުގެ 23 ވަނަ މިނިޓްގައި ސްކޮޓްލެންޑްގެ ފުލްބެކް ކިއެރަން ޓިއެރަނީ އެވެ. އޭގެ ތިން މިނިޓް ފަހުން ބުކާޔޯ ސަކާ ވަނީ އާސެނަލަށް ލީޑުފުޅާކޮށްދީފަ އެވެ. ދެ ވަނަ ހާފުގައި އާސެނަލްގެ އަނެއް ދެ ގޯލު ޖެހީ ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ހުރި ފްރާންސްގެ އަލެކްސަންޑަ ލަކަޒޭޓް އެވެ. އޭނާ ދެ ގޯލު ޖެހީ ފަސް ވަރަކަށް މިނިޓް ތެރޭގަ އެވެ.
މި މޮޅާ އެކު އާސެނަލް ވަނީ 17 މެޗުން 23 ޕޮއިންޓް ހަމަކޮށް ލީގުގެ 11 ވަނަ އަށް ޖެހިލައިފަ އެވެ. އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ ކުޅުންތެރިންނާއި ސަޕޯޓަރުންގެ މޫނުމަތިން ހިތްހަމަޖެހުން ފެނުމަކީ ކްލަބް ކުރިއަށްދާ ކަމުގެ ހެއްކެއް ކަމަށާއި ބޭނުންވަނީ މި ފޯމު ކުރިއަށްގެންގޮސް ވީ އެންމެ ރަނގަޅު ނަތީޖާތަކެއް ނެރުމަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
03 January 2021
މަރުހަބާ އާސެނަލް.މަރުހަބާ ސްޕަޑްސް.
އޮޒިލް
03 January 2021
މަރުހަާ ރަދީފް. ރޭގަ ފެނިގެންދިޔައީ އާސެނަލްގެ ހަގީގީ ފެންވަރު. މަރުހަބާ ސްޕާސް. މިސީޒަނުގަ ޓްރޮފީއެއް ނަގާނެކަމަށް އުންމީދުކުރަން. މަރުހަބާ ރެއާލް. ލަލީގާ ނަގާނެކަމަށް އުންމީދުކުރަން.