މިލާން (ޖެނުއަރީ 3) – އާޖެންޓީނާ ފޯވާޑް ލޮޓާރޯ މާޓިނޭޒްގެ ހެޓްރިކާ އެކު ކްރޮޓޯނޭ 6-2 އިން ބަލިކޮށް އިންޓަ މިލާނުން އިޓާލިއަން ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.

އެކަމަކު އެ ޓީމުން ތާވަލުގެ ކުރި ހޯދީ، ކުރިން އެ މަގާމުގައި އޮތް ވާދަވެރި އޭސީ މިލާނަށް ވުރެ އިތުރަށް މެޗެއް ކުޅެގެންނެވެ. އިންޓަ 15 މެޗުން 36 ޕޮއިންޓް ހޯދާފައިވާއިރު މިލާނަށް 14 މެޗުން ލިބިފައިވަނީ 34 ޕޮއިންޓެވެ.

މިލާން މިރޭ ކުޅޭ މެޗުން މޮޅުވެގެން އަލުން އެއް ވަނަ ހޯދޭނެ އެވެ. މިލާން މިރޭ ނުކުންނަނީ އެ ޓީމުގެ ކުރީގެ ފޯވާޑް އަދި ކޯޗު ފިލިއްޕޯ އިންޒާގީ ކޯޗު ބެނެވެންޓޯއާ ދެކޮޅަށެވެ.

ފިނި މޫސުމަށް މެދުކަނޑާލުމަށް ފަހު އިޓާލިއަން ލީގު އަލުން ފަށައިގެން ކުޅުނު މެޗުގައި ލީޑު ނެގީ ކްރޮޓޯނޭ އިންނެވެ. މި ލަނޑު 12 ވަނަ މިނެޓުގައި ޖެހީ ނިކޯލޯ ޒަނެލަޓޯ އެވެ. އިންޓަ އަށް 20 ވަނަ މިނެޓުގައި އެއްވަރުކޮށްދިނީ މާޓިނޭޒެވެ. އިންޓަ އަށް ލީޑު ލިބުނީ 31 ވަނަ މިނެޓުގައި ކްރޮޓޯނޭގެ ލޫކާ މެރޯން އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އޭގެ ފަހުން 36 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކްރޮޓޯނޭގެ ލަޑިމިއާ ގޮލެމިޗް ލަނޑު ޖަހައި އެއްވަރުކުރި އެވެ.

އިންޓަ މޮޅުވީ ދެ ވަނަ ހާފުގައި މާޓިނޭޒްގެ ޖެހި އިތުރު ދެ ގޯލާއި ރޮމެލޫ ލުކާކޫ އަދި އަޝްރަފް ހަކީމީ ޖެހި ގޯލްތަކުންނެވެ.

ލުކާކޫ ލީގުގައި އިންޓަ އަށް މިއަދު 50 މެޗު ވަނަ މެޗު ކުޅެންދިން އިރު އޭނާ ވަނީ 35 ގޯލް ޖަހައި ފަސް ގޯލް ޖަހަން އެހީވެދީފަ އެވެ. މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ފޯވާޑަކީ އެންޓޯނިއޯ ކޮންޓޭ ކޯޗުކޮށްދޭ އިންޓަގެ އެޓޭކް ލީޑުކުރާ ކުޅުންތެރިޔާ އެވެ.