އިޓަލީގެ ސެރިއޭގައި ރޭ ކުޅުނު މެޗުގައި ޕާމާގެ މައްޗަށް 2-0 އިން ކުރިހޯދައި، އިންޓަ މިލާނުން އިޓަލީގެ ލީގު ޗެމްޕިއަންކަން އަލުން ކާމިޔާބުކޮށްފި އެވެ.
މި މޮޅާއެކު ކްރިސްޓިއަން ޗީވޫގެ އިރުޝާދުގެ ދަށުން ކުޅޭ އިންޓައަށް ވަނީ ލީގު ނިމެން ތިން މެޗު ބާކީ އޮއްވައި 12 ޕޮއިންޓުގެ ބޮޑު ލީޑެއް ނަފައިފަ އެވެ. މިއީ މިދިޔަ ސީޒަނުގެ ޗެމްޕިއަން އަދި މިހާރު ދެވަނައިގައި އޮތް ނަޕޯލީއަށް ދެން އަތުލެވޭނެ އަދަދެއް ނޫނެވެ. އިންޓައަށް ވަނީ މިހާރު ތަށި ކަށަވަރުވެފަ އެވެ. މިއީ އެ ކްލަބުގެ ތާރީހުގައި ހޯދި 21 ވަނަ ލީގު ތައްޓެވެ.
މި ކާމިޔާބާ އެކު އެ ޓީމު ވަނީ ވާދަވެރި އޭސީ މިލާނަށް ވުރެ ދެ ތަށި އިތުރަށް ހޯދައި، އިޓަލީގެ ދެވަނައަށް އެންމެ ކާމިޔާބު ޓީމުގެ މަގާމު ހޯދާފަ އެވެ. އިޓަލީގެ ލީގު ޗެމްޕިއަންކަން އެންމެ ގިނަ ފަހަރު ހޯދީ 36 ތައްޓާ އެކު ޔުވެންޓަސް އެވެ.
މިދިޔަ ސީޒަނުގައި އެންމެ ޕޮއިންޓެއްގެ ތަފާތުން ލީގު ގެއްލި، ޗެމްޕިއަންސް ލީގުގެ ފައިނަލުން ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު، މި ސީޒަނަކީ އިންޓައަށް ކާމިޔާބު ސީޒަނެކެވެ. ސީޒަނުގެ މެދުތެރެއިން ޓީމާ ހަވާލުވި ރޫމޭނިއާގެ ކޯޗު ޗީވޫ ވަނީ ޓީމު އަލުން ކޮޅަށް ނަގައިފަ އެވެ.
އޭނާގެ އިރުޝާދުގެ ދަށުން އިންޓަ އިން 15 މެޗުގެ ތެރެއިން 14 މެޗު ކާމިޔާބުކޮށް، ލީގުގެ ރޭހުގައި ބޮޑު ކުރިއެރުމެއް ހޯދި އެވެ. ނަމަވެސް، ޗެމްޕިއަންސް ލީގުގައި ނޯވޭގެ ބޯޑޯ ގްލިމްޓް އަތުން ބަލިވެ ކެޓުމަކީ މި ސީޒަނުގައި އެ ޓީމަށް ކުރިމަތިވި ހިތްދަތި ނަތީޖާ އެކެވެ.
އިންޓަ އިން މިހާރު އަމާޒު ހިފާފައިވަނީ މި ސީޒަނުގެ ދެ ތަށި ކާމިޔާބު ކުރުމަށެވެ. އެގޮތުން އަންނަ މެއި މަހުގެ 13 ވަނަ ދުވަހު ކޮޕާ އިޓަލިއާ ފައިނަލުގައި އެ ޓީމު ނުކުންނާނީ ލާޒިއޯއާ ދެކޮޅަށެވެ. ވޭތުވެދިޔަ 10 އަހަރު، އިޓަލީގެ އެންމެ ވަރުގަދަ ޓީމަކީ އިންޓަ އެވެ. އެ ޓީމުން ވަނީ ފާއިތުވި ހަ ސީޒަނުގެ ތެރޭގައި ތިން ފަހަރު ލީގު ތަށި އުފުލާލާފަ އެވެ.
ޓީމުގެ ތެރޭގައި ބައެއް މައްސަލަތައް ހުރި ނަމަވެސް، އިންޓަ އަކީ އެ ތައްޓަށް އެންމެ ހައްގު ޓީމުކަން އެ ކްލަބުން ސާބިތުކޮށް ދިނެވެ. ހާއްސަކޮށް ލީގުގައި 80 އަށް ވުރެ ގިނަ ގޯލު ޖަހައި، ލަނޑުގެ ބޮޑު ތަފާތެއް އެ ޓީމުން ދެމެހެއްޓި އެވެ.