މީގެ އެއް އަހަރުކުރިން އަނިޔާވެރިގޮތަކަށް މަރާލާފައިވާ، ޔާމީން ރަޝީދުގެ މަރަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ހިނގާލުމެއް މިއަދު ބާއްވައިފި އެވެ.
ޔާމީންގެ އާއިލާ އާއި ރަހުމަތްތެރިން، ހަވީރު 4:30 ގައި ރަސްފަންނުން ފަށައިގެން މަޖީދީމަގުން ކުރިއަށް ގެންދިޔަ ހިނގާލުމުގައި ވަނީ ޔާމީން މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތް ސިއްރުކޮށްގެން ބާއްވާ މައްސަލައިގައި އަޑު އުފުލައިފަ އެވެ. އެ މީހުން ގޮވަމުން ދިޔައީ، ހުޅުވާލައި ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި އެ ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ.
ޔާމީންގެ ފޮޓޯ ޖެހި، ހުދު ޓީޝާޓް ލައިގެން ކުރިއަށް ގެންދިޔަ އެ ހިނގާލުމަށް ފުލުހުން ވަނީ ހުރަސް އަޅަން މަސައްކަތްކޮށްފަ އެވެ. އެގޮތުން މަޖީދީމަގާއި މާވެޔޮމަގު ގުޅުނު ހަތަރު އަނގައޮޅިއާ ހިސާބުން ފުލުހުން ވަނީ އެ ހިނގާލުން ރޫޅާލަން މަސައްކަތްކުރި އެވެ. ނަމަވެސް ބައިވެރިން ވަނީ ހިނގާލުން ކުރިއަށް ގެންގޮސްފަ އެވެ.
އިދިކޮޅު ކޯލިޝަންގައި ހިމެނޭ ރައްޔިތުން މަޖިލީހުގެ މެމްބަރުންނާއި އެމްޑީޕީގެ އިސް ބޭފުޅުން ބައިވެރިވި އެ ހިނގާލުން ފުލުހުން ރޫޅާލަން މަސައްކަތް ކުރުމުން ހިނގާލުމުގެ ބައިވެރިންނާ ފުލުހުންނާ ދެމެދު ވަނީ ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިނގައިފަ އެވެ. އެހަމަނުޖެހުމާ ގުޅިގެން އެމްޑީޕީ، ޒުވާނުންގެ ގޮފީގެ ރައީސް މީކާއިލް ނަސީމް އާއި އޭނާގެ މަންމަ މަރިޔަމް ޒުބެއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ނަމަވެސް މިހާރު އެ ދެ މީހުން ވެސް ވަނީ އެމީހުން ދޫކޮށްލައިފަ އެވެ.
އެއްވުމަށް ހުރަސް އެޅުމުން އެއްވުމުގެ ބައެއް ބައިވެރިން ވަނީ މަޖީދީމަގުން ކުރިއަށް ގޮސް އާޓިފިޝަލް ބީޗްގައި އިހުތިޖާޖު ކޮށްފަ އެވެ. އެ އެއްވުމުގައި ވާހަކަ ދައްކަމުން ޔާމީންގެ ބައްޕަ، ހުސެއިން ރަޝީދު ބުނީ ޔާމީންގެ މަރަށް އިންސާފު ބޭނުންވާ ކަމަށާއި އެކަން ވާންއޮތީ ޝަރީއަތް އާންމުކޮށް ހުޅުވާލައިގެން ކަމަށެވެ.
ޔާމީންގެ މަރަށް އިންސާފު ހޯދުމަށް ކުރާ މަސައްކަތައް ގިނަ ބައެއްގެ އެއްބާރުލުން ދިނުމަށް ޔާމީންގެ ބައްޕަ އެދިފައިވެ އެވެ.
އެ އެއްވުމުގައި ވާހަކަ ދެއްކި ޔާމީންގެ އެކުވެރިން ވަނީ ޔާމީނަށް މަރުގެ އިންޒާރު ދީފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނިކޮށް ޔާމީން މަރާލާފައިވާތީ އެއީ ކޮންބައެއްގެ އިހުމާލެއްތޯ ސުވާލު އުފައްދައިފަ އެވެ. އަދި ޔާމީން މަރާލީ ކޮންބައެއް ބުނެގެން ކޮންބައެއް ފަންޑުކޮށްގެންތޯ އެމީހުން ސުވާލުކުރި އެވެ.
އެޕްރީލް، 23، 2017 ގައި ޔާމީންގެ ގައިގެ އެކި ތަންތަނަށް ވަޅި ހަރައި މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު މ. ސްޕެކްޓިއުލާ ގޭގެ ސިޑި ކައިރިންނެވެ.
ޔާމީން މަރައިލީ، އެ ރޭ ދަންވަރު އޮފީހުން ނުކުތް ވަގުތުން ފެށިގެން ބަޔަކު އޭނާ އަށް ފާރަލަމުން ގޮހެވެ. ހަމަލާ ދޭން، އެއް ބަޔަކު އޭނާގެ ފަހަތުން ގެއާ ހަމައަށް ދިޔަ އިރު، އަނެއް ބަޔަކު ތިބީ އޭނާ ދިރިއުޅޭ ގެއާ ކައިރި ސަރަހައްދުތަކުގައި ފާރައަށެވެ. ފުރަގަހުން ގޮސް ޔާމީންގެ ބޮލަށް ފުރަތަމަ ހަމަލާ އަމާޒުކުރީ، އޭނާ ދިރިއުޅޭ އެޕާޓްމެންޓަށް އަރަން ލިފްޓަށް ވަން ވަގުތެވެ. އެ މައްސަލައިގައި އަށް މީހަކު ހައްޔަރުކޮށް ދައުވާ އުފުލާފައި ވަނީ ހަތް މީހެއްގެ މައްޗަށެވެ.