ދެވަނަ އަށް ލިބެނީ ފިރިހެން ކުއްޖެއްކަން ހާމަކުރުމުގެ ގޮތުން މިސްރުގެ އަހުރާމްތަކެއް ނޫކުލައިން ދިއްލި ކަމަށް ބުނެ ފޮނިކެނޑި މީހަކަށް ދައުވާކުރާނެކަމުގެ އިންޒާރު ދީފި އެވެ.

ނޫ ކުލައިން އަހުރާމްތައް ދިއްލާ މަންޒަރު ފެންނަ ވީޑިއޯ މި މަހުގެ 8 ގައި ޔޫޓިއުބްގައި އާންމުކުރީ އެ ގައުމުގެ ޔޫޓިއުބާއެއް ކަމަށްވާ ސިއަމަންދު މުސްތަފާ އެވެ. އެ ވީޑިއޯގައި އޭނާ އާއި އަނބިމީހާ އެ މީހުންގެ އަންހެން ދަރިފުޅާއި ރައްޓެހިންނާ އެކު އަހުރާމްތަކެއްގެ ކުރިމަތީގައި އެ ދިއްލެންދެން މަޑުކޮށްގެން ވަރަށް ފޯރީގައި އުޅޭ ތަން ފެނެ އެވެ. އަދި އަހުރާމްތައް ނޫ ކުލައިން ދިއްލުމާ އެކު، ލިބެނީ ފިރިހެން ކުއްޖެއް ކަމަށް ބުނެ ފޯރި ނަގާތަން ވެސް ފެނެ އެވެ.

ކުއްޖާގެ ޖިންސް ހާމަކުރަން މިފަދަ ގޮތަކަށް އަހުރާމްތައް ދިއްލުމުގެ ޝަރަފު ހޯދި ކަމަށް ބުނެ މުސްތަފާ ވީޑިއޯއާ އެކީ އެ ވާހަކަ އާންމުކުރުމުން ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބި، ވީޑިއޯ އަށް އެތައް ހާސް ވިއުސްއެއް ލިބިފައިވެ އެވެ. މުސްތަފާ ބުނި ގޮތުގައި އޭނާގެ ދެވަނަ ދަރިފުޅުގެ ޖިންސް ހާމަކުރަން އަހުރާމުތައް ނޫ ކުލައިން ދިއްލުމުގެ ހުއްދަ ލިބުނީ ބޮޑު ހޭދައެއް ވެސް ކޮށްގެން ކަމާބެހޭ ފަރާތްތަކާ ވަރަށް ގިނަ މަޝްވަރާ ވެސް ކޮށްގެންނެވެ.

ނަމަވެސް މިސްރުގެ ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ އެދުމަކަށް ހާއްސަ ދެ ކަމެއް ފާހަގަކުރަން އަހުރާމްތައް ދިއްލައިދިނުމުގެ އިންތިޒާމު ހަމަޖައްސައިދިން ސައުންޑް އެންޑް ލައިޓް ކުންފުނިން ވަނީ މުސްތަފާގެ ވާހަކަ ދޮގުކޮށްފަ އެވެ. އެ ކުންފުނީގެ ފަރާތުން ވާހަކަ ދެއްކެވި މުހައްމަދު އަބްދުލް އަޒީޒު ވިދާޅުވީ އަހުރާމްތައް ދިއްލީ މިދިޔަ މަހުގެ 28 ގައި ފާހަގަކުރި ވޯލްޑް ލިވަ ޑޭ އާއި މިސްރުން ހެޕަޓިސް ސީ ނައްތާލެވިފައިވާތީ އެކަން ފާހަގަކުރުމުގެ ގޮތުން ކަމަށެވެ. އަހުރާމްތައް ދިއްލީ ނުލާއި އޮރެންޖް ކުލައިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މިކަމުގެ ކްރެޑިޓް ނަގައި، ކަމާ ނުވެސް ބެހޭ ކަމަކާ އެކަން ގުޅުވައި އަހުރާމްތައް ކައިރީގައި "ޕާޓީކުރުމުން" މުސްތަފާ އަށް ދައުވާކުރަން މިހާރު ވަނީ ނިންމައިފަ އެވެ.

މިސްރުން ހަމަޖައްސާފައި އޮންނަ ގޮތުން އަހުރާމްތައް ކައިރީގައި އަމިއްލަަ މިސްމީހުންގެ ހަފުލާތައް ބޭއްވުމާއި ވިޔަފާރީގެ ބޭނުންތަކަށް އަހުރާމުތައް ބޭނުންކުރުމަކީ މަނާ ކަމެކެވެ.