އއ. ވެލިދޫ ކަރަންޓީން ފެސިލިޓީގައި ހިނގި ކަމަކާ ގުޅޭ އެއްވެސް މައްސަލައެއް ބަލަމުން ނުދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވެލިދޫ ކަރަންޓީން ފެސިލިޓީގައި ޖިނާއީ ކުށެއް، ޖިންސީ ފުރައްސާރައިގެ ކަމެއް ހިނގައިގެން އެ މައްސަލަ ބަލައިދިނުމަށް އެދި ބަޔަކު ހުށަހަޅާފައިވާ ނުވާ ކަމަށެވެ. އެފަދަ ކަމެއް ތަހުގީގު ކުރަމުން ވެސް ނުދާ ކަމަށް ބުންޏެވެ.

ފުލުހުން އެހެން ބުނިއިރު، ކޮވިޑް-19 އަށް ފަރުވާ ދޭ ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާ ވެލިދޫގައި މަސައްކަތްކުރާ ދިވެހި އަންހެން ޑޮކްޓަރަކާއި އެ ފެސިލިޓީއާ ހަވާލުވެ ހުންނެވި ސިފައިންގެ އެންމެ އިސް މީހާ ދަންވަރު އެކަހެރިކޮށް، ބައްދަލުކުރި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

އެނގިފައިވާ ގޮތުގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ އެކަން ފަޅާ އެރީ ސިފައިންގެ އޮފިސަރުގެ ކޮޓަރިން ޑޮކްޓަރު ނުކުތްތަން އެ ރަށުގެ ސެކިއުރިޓީ ބަލަހައްޓާ ފުލުހުންނަށް ފެނިގެންނެވެ. މީހުން ކަރަންޓީން ކޮށްފައި ތިބޭ ވެލިދޫގައި އެކެއްގެ ކޮޓަރިއަށް އަނެކަކު ގޮސް އުޅުމަކީ ހުއްދަ ކަމެއް ނޫނެވެ.

ވެލިދޫ ފެސިލިޓީއާ ހަވާލުވެ ހުންނެވީ، މޭޖާ ރޭންކުގެ ސިފައިންގެ މީހެކެވެ.

ކޮވިޑް-19 އަށް ހާއްސަ ކޮށްފައިވާ ކަރަންޓީން ފެސިލިޓީތައް ހިންގަނީ ސިފައިންގެ ބެލުމުގެ ދަށުންނެވެ. އެ ތަންތަނުގެ ސެކިއުރިޓީ ފުލުހުން ބަލަހައްޓާއިރު ކޮންމެ ތަނެއްގައި ވެސް ނަރުހުންނާއި ޑޮކްޓަރުން ތިބެ އެވެ.