މާލެ ސަރަހައްދުގައި މިހާރު އޮތް ލޮކްޑައުން ރަނގަޅަށް ތަންފީޒުކުރެވޭ ނަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުކުރެވޭނެ ކަމަށް އުއްމީދުކުރެވޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ޕްރެސް ބްރީފިންގައި އެޗްޕީއޭގެ ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ، ފުރަތަމަ ޕޮޒިޓިވް ވި މީހުންނާ ގުޅުން ހުރެގެން ހަދާ ޓެސްޓްތަކަށް ނިސްބަތްކުރާ ނަމަ މާލެ ތެރޭގައި މިހާރު ފެތުރޭ ކޭސްތައް ފެންނަ މިންވަރު އަދި އޮތީ ސްޓޭބަލްކޮށް ކަމަށެވެ.
"ކަންބޮޑުވާ ރޭޓަކަަށް ދާނީ އަޅުގަނޑުމެން މިކިޔާ ޑަބްލިން އިފެކްޓެއް [އެއް ދުވަހު ފެނުނު ވަރުގެ ދެ ގުނަ އަނެއް ދުވަހު ފެންނަ ގޮތެއް] އަންނަންޏާ. އޭގެ މާނައަކީ ދުވަހުން ދުވަހަށް ފެންނަ ކޭސް ލޯޑް އިތުރުވަމުން ނުވަތަ މަލްޓިޕްލައިވަމުން، ދާ ކަމަށް ވެއްޖެއްޔާ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލެއިން މިހާރު ޕޮޒިޓިވްވަމުން ދަނީ "ބެކްލޮގް"އެއް (ޓެސްޓް ނުކުރެވި ތިބި ބައެއް) ކަމަށެވެ.
މާލެ ތެރެއިން ގިނަ ބަޔަކު ޓެސްޓްކުރަން ފެށީ ފުރަތަމަ ފަހަރަށް މާލެއިން މީހަކު ޕޮޒިޓިވްވެ، އޭނާގެ ކޮންޓެކްޓް ޓްރޭސިން ހޯދަން ފެށުމާ އެކު އެވެ. އެއާ އެކު ކޮވިޑް-19ގެ އަލާމާތްތައް ހުރެގެން މީހުން އަމިއްލައަށް އެދިގެން ވެސް ޓެސްޓްކުރެ އެވެ. އެހެންކަމުން މިހާރު ވަނީ އެންމެ ފުރަތަމަ ފެނުނު މީހާގެ އިތުރުން ހަތަރު ކްލަސްޓާއެއް ފާހަގަކުރެވިފަ އެވެ. އެއީ ތަފާތު ހަތަރު ދިމާއަކުން، ކޮރޯނާވައިރަސް އަރާފައި ތިބި މީހުންނެވެ.
އެކަމަކު ޑރ. އަފްޒަލް ވިދާޅުވީ ލޮކްޑައުން ރަނގަޅަށް ކުރިއަށް ދަންޏާ، ސްޓޭބަލްކޮށް ބޭއްވޭނެ ކަމަށެވެ.
"ޕްރޮޕާ ލޮކްޑައުންގެ ސިޗުއޭޝަންގައި އަޅުގަނޑުމެން އުއްމީދުކުރަނީ ކުރިއަށް ދާ ވަރަކަަށް ފެންނަ ކޭސްތައް ވެސް ދުވަހުން ދުވަހަށް މަދުވަމުން ދާނެ ކަމަށް. އެހެން ނަމަވެސް އިމީޑިއަޓްލީ އެހެންނެއް ނުވާނެ އިނގޭތޯ. އެޓްލީސްޓް އެންމެ ފުރަތަމަ 14 ދުވަސް އަޅުގަނޑުމެން މަޑުކޮށްްލަން ޖެހޭނެ ކަންނޭނގެ އެއްވެސްް ވަރަކަށް ތިރިވުމުގެ އަލާމާތެއް ފެންނަން ދެން،" ޑރ. އަފްޒަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުރަތަމަ ދުވަސްކޮޅު ކޮވިޑް ކޭސްތައް ފެންނަ މިންވަރު އިތުރުވެދާނެ އެވެ. ނަމަވެސް ފެންނަ އަދަދު ދެ ގުނަ ނުވަންޏާ އެއީ އެންމެ ގޯސް ހާލަތު ނޫން ކަމަށް ވިދާޅުވި އެވެ.
ލޮޮކްޑައުން ރަނގަޅަށް ތަންފީޒު ކުރުމަށް އާއްމުންގެ ކިބައިން އޭނާ އެންމެ ބޮޑަށް އެދިވަޑައިގަންނަވާ ކަމަކީ ކެތްތެރިވުމާއި ސާފުތާހިރުކަމަށް ސަމާލުވުމަށެވެ. އެގޮތުން ސައިބޯނި ލައިގެންގެ އަތް ދޮވުމާއި ޑެލިވަރީ ކުރުން ފަދަ ކަންކަމުގައި އުޅޭ މީހުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅުން މުހިއްމު ކަމަށް ވިދާޅުވި އެވެ.
"މި ހާލަތުގައި އަޅުގަނޑުމެން ތިޔަ ބޭފުޅުންގެ ކިބައިން ބޭނުންވާ އެންމެ ބޮޑު ކަމަކީ ކެތްތެރިކަމާ އަދި ތިޔަ ބޭފުޅުންގެ ސާފުތާހިރު ކަމުގެ މިންގަނޑުތައް އިތުރަށް ހަރުދަނާކުރުން،" ޑރ. އަފްޒަލް ވިދާޅުވި އެވެ.