ދަނޑުވެރިކަމުގެ ސިނާއަތް ފުޅާކޮށް، ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ރާއްޖޭގައި ހައްދައިގެން ބާޒާރަށް ނެރުމަކީ ސަރުކާރުގެ އަމާޒެއް ކަަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދަނޑުވެރިންގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދަނޑުވެރިންގެ ދުވަހަކީ ކާބޯތަކެތީގެ ރައްކާތެރިކަން، ގައުމީ ފެންވަރުގައި ކަށަވަރުކުރުމަށާއި އިގްތިސާދު ސިންދަފާތު ކުރުމަށް ހީވާގި ދިވެހި ދަނޑުވެރިން އަދާކުރާ ދައުރުގެ މުހިންމުކަން ހަނދާންކޮށްދޭ އަގުހުރި މުނާސަބަތެއް ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ދަނޑުވެރިކަމުގެ ބާވަތްތައް އަމިއްލަ ފަސްގަނޑުގައި އުފެއްދުމަކީ ގައުމުގެ އިސްތިގުލާލާ ގުޅިފައިވާ ކަމެކެވެ.
އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތަކަށް އަންނަ ލޮޅުންތަކާއި ދަތުރުފަތުރަށް ދިމާވާ ހުރަސްތަކުން ގައުމު ސަލާމަތްކުރުމަށް ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުން މުހިއްމު ކަމަށެވެ.
އެހެންވެ، ދަނޑުވެރިކަމުގެ ސިނާއަތު ފުޅާވެގެން ދިޔުމަކީ ގައުމުގައި ބޭރު ފައިސާ ހިފެހެއްޓި، ރަށްރަށުގައި ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނޭ ކަމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އެކަށައެޅިފައިވާ ބާވަތްތައް އިމްޕޯޓްކުރުމާނުލައި، ރާއްޖެއަށް ބޭނުންވާ މިންވަރަށް ހައްދައި، ބާޒާރަށް ނެރެވޭނޭ މަގުފަހިކޮށްދިނުން ކަމަށެވެ.
ރައީސް ވިދާޅުވީ އެ ރޮނގުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިންނަށް ނަފާ އިތުރުވާނެ ގޮތަށް ކުރިއަށްދެވޭނެ މަގުކޮށާދިނުމުގެ މުހިންމު މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ.