ސްރީ ލަންކާގައި ދިރިއުޅެނިކޮށް އެ ގައުމުގެ ގާނޫނާ ޚިލާފަށް ކުރީގެ ސަރުކާރުން އޭނާ ރަހީނުކޮށްގެން ރާއްޖެ ގެނެސް، ގޭ ބަންދުކުރި މައްސަލައިގައި އިހުމާލުވީ ފަރާތްތަކަށް ދައުވާކުރާނެ ކަމަށް ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ) ރޭ ބުނެފި އެވެ.

ޝުމްބާ ކުރި ޓުވީޓެއްގައި ބުނީ ނޮވެމްބަރު، 1، 2015 ގައި ލަންކާ އިން އޭނާ ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވެސް ވިދާޅުވެފައިވާ ކަމަށެވެ.

އަލީ ޒާހިރު އެގޮތަށް ވިދާޅުވީ، ބާޣީ އަބްދުﷲ ލުތުފީ ސްރީ ލަންކާގެ އެމްބަސީ އަށް ގޮސް އަމިއްލަ އަށް ފުލުހުންނާ ހަވާލުވުމުން ވެސް އޭނާ ރާއްޖެ ގެނައުން ލަސްވާ މައްސަލައިގައި މި ސަރުކާރަށް އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދެއްވަމުންނެވެ.

ލުތުފީ ގެންނާނީ، އަލީ ޒާހިރު ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުން ޝުމްބާ ހައްޔަރުކޮށްގެން ގެނައި ގޮތަކަށް ނޫނެވެ. އެކަން ނިންމާނީ ގާނޫނާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝުމްބާ ބުނިގޮތުގައިި އޭނާ ރަހީނުކުރި މައްސަލައިގައި ބަދަލު ލިބެން ޖެހެ އެވެ. އެކަމުގައި ހިމެނޭ މީހުންނަށް ފިޔަވަޅު އެޅުމަށާއި ނުހައްގުން ލިބުނު އަނިޔާގެ ބަދަލު ހޯދަން އެދޭނެ ކަމަށް އޭނާ ބުންޏެވެ.

ލަންކާގައި ޝުމްބާ ދިރިއުޅެމުން ދިޔަ ގެއަށް ހަތިޔާރާ އެކު ވަދެ އޭނާ ހައްޔަރުކުރީ ދިވެހި ފުލުހުންނާއި ލަންކާ ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ.

ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ދިން މައުލޫމާތުތަކެއްގެ މައްޗަށް ލަންކާގެ ފުލުހުން ޝުމްބާ ހައްޔަރުކޮށް ދިވެހި ފުލުހުންނާ ހަވާލުކުރީ އެ ގައުމުގެ ކަމާބެހޭ އިދާރާތަކަށް ނޭނގި އެވެ. މި މައްސަލައިގައި، ލަންކާގެ ސަރުކާރުން ދިވެހި ސަރުކާރާ މެދު ހިތްހަމަނުޖެހުންފާޅުކޮށް ބަޔާނެއް ވެސް ނެރުނެވެ.

ޝުމްބާ ހައްޔަރު ކޮށްގެން ރާއްޖެ ގެނައީ 2015 ގައި ރިޔާސީ ލޯންޗްކޮޅު ގޮއްވާލި މައްސަލައާ ގުޅިގެން އޭނާ ހޯދަން އިއުލާން ކުރުމަށް ފަހު އެވެ. އެކަމަކު އެ މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް ދައުލަތުން ނުކުރެ އެވެ.

ނުބައި ތުހުމަތެއްގައި ހައްޔަރުކޮށްގެން ގެނެސް އޭނާ ގޭ ބަންދުކުރީ ދައުލަތުން ކުރި ބިރު ދެއްކުމުގެ ދައުވާއަކާ ގުޅިގެންނެވެ. އެ ދައުވާކުރީ ޕީޕީއެމްގެ ކުރީގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒަށް ބިރު ދެއްކި ކަމަށް ބުނެ އެވެ. އެ މައްސަލައާ ގުޅިގެން ޝުމްބާ ޖަލު ބަންދުގައި ވެސް ބެހެއްޓި އެވެ.