މާލެ ގެނައީ ލުތުފީ ކަން އުގެއިލް ޔަގީންކޮށް ދެއްވައިފި

ސްރީ ލަންކާގައި ފިލައިގެން އުޅެފައި އަމާން ދިނުމުން ފުލުހުން ރޭ ރާއްޖެ ގެނައީ އަބްދުﷲ ލުތުފީ ކަން ޕްރޮފެސަރު ހަސަން އުގެއިލް މިއަދު ޔަގީން ކޮށްދެއްވައިފި އެވެ.


މީގެ ނުވަ އަހަރު ކުރިން 2010 ގައި ބޭސްފަރުވާ އަށް ބޭރަށް ފޮނުވި ލުތުފީ ރޭ ރާއްޖެ ގެނައި އިރު އޭނާގެ ސިފަ އަށް ވަނީ ބަދަލު އައިސްފަ އެވެ. އުމުރުން 70 އަށް ވުރެން މަތިވެފައިވާ ލުތުފީ ފެނުނީ ކުރިއަށް ވުރެން ވެސް މާ ޒުވާންކޮށެވެ.

އެހެންވެ އެއީ ލުތުފީތޯ ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. އެކަން ޔަގީންކޮށްދެއްވަން ޓުވިޓާ މެދުވެރިކޮށް ބައެއް މީހުން އުގެއިލް އަށް ރޭ ހުށަހެޅި އެވެ.

އުގެއިލް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އާއްމުންގެ ޝައްކުތައް ފިލުވައި ދެއްވައިފަ އެވެ. އޭނާ އީޖާދު ކުރެއްވި ފޭސް ރިކޮގްނިޝަން ސިސްޓަމް" ގެ އެހީގައި ފޮޓޯތައް ދިރާސާކޮށް ވިދާޅުވީ ލުތުފީ ކަމަށް ދައުރުކުރާ ފޮޓޯތަކުން ފެންނަނީ އެކަކު ކަމަށެވެ.

އުގެއިލްގެ ޓުވީޓް
ޕްރޮފެސަރު އުގެއިލް: ބޮޑެތި ތަހުގީގުތަކަށް ވެސް އެ ސޮފްޓްވެއާ އިން އުގެއިލް އެހީތެރިކަން ދެއްވާ.

މީހުން ދެނެގަތުމުގެ އެ ސޮފްޓްވެ އިން އުގެއިލް ގެންދަވަނީ ބޮޑެތި ތަހުގީގުތަކަށް ވެސް އެހީތެރިވަމުންނެވެ. އެގޮތުން، ތުރުކީ ވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައޫދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައި މަރައިލި ސައޫދީގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ގާތިލުން ދެނެގަތުމަށް ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އެއް ނޫސް ކަމުގައިވާ ނިއު ޔޯކް ޓައިމްސް އިން ކުރި މަސައްކަތުގައި އޭނާގެ އެހީ ހޯދާފައި ވެ އެވެ.

އަދި، ރަޝިޔާގެ ޖާސޫސް، ސާގީ ސްކްރިޕަލް އާއި އޭނާގެ 33 އަހަރުގެ އަންހެން ދަރިފުޅު، ޔޫލިއާ ސްކްރިޕަލް މަރައިލަން، ޒަހަރު ދިން ކަމަށް ތުހުމަތު ކުރެވޭ މީހާގެ އަސްލު، އުގެއިލްގެ ސޮފްޓްވެއާގެ އެހީގައި ވަނީ ހޯދައިފަ އެވެ.

ލުތުފީ މާލެ ގެނެސް ހުކުމް ތަންފީޒުކުރަން މިހާރު ހުރީ މާލޭ ޖަލުގަ އެވެ. ބޭސްފަރުވާ އަށް ފޮނުވާލުމުން ފިލި މައްސަލަ ތަހުގީގު ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ސްރީ ލަންކާ އިން ވަކިވެ، ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ލަންކާގެ ތަމަޅަ ގްރޫޕްތަކުގެ ތެރެއިން ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ.