އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް، މަޝްހޫރު ދުވުންތެރިޔާ އަހުމަދު އާތިފް (އާތި) މިއަދު ހަމަޖައްސައިފި އެވެ.

އެ ކުންފުނިން ބުނީ، ދުޅަހެޔޮ ސިއްހަތެއްގައި ތިބެން ދިވެހި މުޖުތަމައަށް ބާރުއެޅުމަށް އާތިއާ ގުޅިގެން، ތަފާތު މަސައްކަތްތައް ކުރަން ރާވާފައިވާ ކަމަށެވެ. އާތި އަކީ އާ ކަންކަމާ ކުރިމަތިލައިގެން ބޮޑެތި ކާމިޔާބީތައް ހޯދާފައިވާ މީހެއް ކަމަށާއި އެ ކަންކަން ކުރުމަށް އޭނާ ދައްކާފައިވާ ޖޯޝާއި ފޯރި އުރީދޫ އިން ބަލައިގަންނަ ކަމަށް ވެސް ބުންޏެވެ.

"ތަފާތު އެކި ގޮންޖެހުންތައް ތަހައްމަލުކޮށްގެން ވެސް ބުރަ މަސައްކަތާ އެކު އާ އުސްމިންތަކާ ހަމައަށް ދިއުމަކީ، އުރީދޫ ބްރޭންޑު ބިނާކޮށްފައިވާ އެއް ބިންގާ. މިގޮތުން އާތިއާ އެކު މަސައްކަތް ކޮށްގެން، ކޮންމެ މީހެއްގެ އަމިއްލަ ހުވަފެންތަކާއި އުއްމީދުތައް ތެދަކަށް ހެދުމަށް ދިވެހި ޒުވާނުންނަށް އިތުރު ހިތްވަރެއް ދިނުމަކީ އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަހެއް،" އުރީދޫގެ ޑައިރެކްޓަ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސައިން ނިޔާޒް ވިދާޅުވި އެވެ.

އާތި ވިދާޅުވީ، އުރީދޫ އަކީ އާ ކަންކަން ކުރުމުގައި ފާހަގަކޮށްލެވޭ ކުންފުންޏަކަށް ވާއިރު، އެ ކުންފުންޏާ ގުޅިގެން މަސައްކަތް ކުރަން ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށެވެ. އަދި އުރީދޫއާ ގުޅިގެން ތަފާތު ޗެލެންޖުތަކާ ކުރިމަތިލާން ތައްޔާރަށް ހުރި ކަމަށް ވެސް ވިދާޅުވި އެވެ.

"އުރީދޫގެ ބްރޭންޑް އެމްބެސެޑާ އަކަށްވެ، އެކުންފުންޏާ އެކު މަސައްކަތް ކުރަން މި ފުރުސަތު ލިބުމަކީ އަޅުގަނޑު ވަރަށް އުފާވި ކަމެއް. ސަބަބަކީ، އާ އަދި ތަފާތު ކަންތައް ކުރުމުގައި އުރީދޫ އަކީ އަބަދު ވެސް ވަރަށް ފާހަގަކޮށްލެވޭ ބްރޭންޑެއް. ކިތަންމެ އުނދަގޫހެން ހީވާ ކަމެއް ވެސް، ޑިސިޕްލިނާ އެކު އެކަމެއް ކުރާހިތުން ކުރަން ހިތްވަރުކޮށްފިނަމަ، އެކަމެއް ވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" މާލެ ވަށައި 24 ގަޑިއިރު ދުވެގެން، ގަދަ ހިތްވަރު ސާބިތުކޮށްދީފައިވާ އާތި ވިދާޅުވި އެވެ.

ރާއްޖޭން ބޭރުގެ ގިނަ މުބާރާތްތަަކުގައި ވެސް ދުވެފައިވާ އާތިގެ އިތުރުން، އުރީދޫގެ ބްރޭންޑް އެމްބެސެޑަރުންގެ ގޮތުގައި ރާއްޖޭގައި ތިބެނީ، މަޝްހޫރު ފުޓްބޯޅަޓީމް ނިއުރޭޑިއަންޓް އަދި ދިވެހިންގެ ލޯބި ހޯދާފައިވާ މިއުޒިކް ބްރޭންޑް ހަބޭސް އެވެ.

އުރީދޫގެ މައި ކުންފުނީގެ އެމްބެސެޑަރުންގެ ތެރޭގައި މަޝްހޫރު ފުޓުބޯޅަ ތަރި ލިއޮނެލް މެސީ އަދި ޔޫރަޕްގެ އެންމެ ކުރިއަރައިފައިވާ އެއް ޓީމު ކަމުގައިވާ ޕެރިސް ސެއިންޓް ޖަމެއިން ހިމެނެ އެވެ.