ރައްޔިތުންގެ މަޖިލީހުން ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް މިހާރު ހިންގަމުންދާ ކަންކަމުގެ ފުރިހަމަ ޒިންމާ އަމީން އާއްމު އަހްމަދު މުހައްމަދު ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.

ޖުމްހޫރީ ޕާޓީގެ ހަރުގެ، މ. ކުނޫޒްގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އިދިކޮޅު ޕާޓީތަކުން ވާހަކަ ދެއްކެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިންނަވާ ރިޔާސަތު އުސްކޮށް، މިއަދު ވެސް ބޭއްވީ ސައްހަ ނޫން ޖަލްސާއެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު މެމްބަރުން މަސީހު މަގާމުން ދުރުކުރަން ބޭނުންވާ އިރު، އެކަމަށް ހުުރަސްއަޅައި ބާއްވާ ޖަލްސާތަކަކީ ގާނޫނީ އިމުން ބޭރުގައި ބާއްވާ ޖަލްސާތަކެއް ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.

މެމްބަރުން ވިދާޅުވި ގޮތުގައި މަސީހުގެ މަގާމު ދިފާއުކުރަންވެގެން އެތައް ހައްގުތަކެއް ދަނީ ނިގުޅައިގަންނަމުންނެވެ. ވެރިކަން ކުރާ ޕީޕީއެމްގެ ސައިޒަކީ މިހާރު އެންމެ 28 މެމްބަރުން ކަމަށާއި އަދިވެސް މި ހަގީގަތް ގަބޫލު ނުކުރަންވެގެން މަޖިލީހުގައި ވެސް ގަދަބާރުން ކަންކަން ކުރަމުންދާ ކަމަށް މެމްބަރުން ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ބާރުގެ ބޭނުންކޮށްގެން މަޖިލީސް ތެރޭގައި ގާނޫނާ ޚިލާފަށް ކަންކަން ކުރަމުން ދިޔަ ނަމަވެސް ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ނެތް ކަން މަޖިލީހުގެ ވޯޓުތަކުން ސާފުވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ހަތް މެމްބަރަކު ގޮނޑި ގެއްލިފައިވާ ކަމަށް ގާނޫނާ ޚިލާފަށް ކަނޑައަޅައި އެ މެމްބަރުންނާ ނުލައި ޖަލްސާ ބާއްވަނީ ވެސް އުސޫލްތަކާ ޚިލާފަށް ކަމަށް ރިޔާޒް ވިދާޅުވި އެވެ.

މި ހުރިހާ ކަމެއް ގާނޫނީ އިމުން ބޭރުން ހިންގާތީ، އަމީން އާއްމާ ބައްދަލުކުރެއްވުމުން ލިބުނު ޖަވާބުން މެމްބަރުން އިތުރަށް ކަންބޮޑުވެވަޑައިގެންފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"އަމީން އާއްމު ވިދާޅުވީ ތިމަންނަ ގަބޫލުކުރާ ގޮތާއި އަމަލުކުރާ ގޮތާ ތަފާތުވާނެއޭ،" ރިޔާޒް ވިދާޅުވި އެވެ.

ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް މަޖިލީހުގެ ކަންކަން ކުރިއަށް ގެންދިއުމަކީ، ރިޔާޒް ފާހަގަ ކުރެއްވި ގޮތުގައި، އަހްމަދު މުހައްމަދުގެ ޒިންމާއެކެވެ. އެ ޒިންމާ އަދާ ނުކުރައްވައި، ގަދަ ބާރުން މަޖިލީހުގެ ރައީސް ކަމުގައި އިންނެވި މަސީހު ވިދާޅުވާހާ ގޮތަކަށް އަމަލުކުރައްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ އަމީން އާންމު އަހުމަދު މުހައްމަދު (ވ) އަދި މަޖިލިހުގެ ކައުންސެލް ޖެނެރަލް ފިލްޒާ (މ)
ރައްޔިތުންގެ މަޖިލިހުގެ އަމީން އާންމު އަހުމަދު މުހައްމަދު (ވ) އަދި މަޖިލިހުގެ ކައުންސެލް ޖެނެރަލް ފިލްޒާ (މ)

މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވެސް ވިދާޅުވީ މަޖިލީހުން މިހާރު އަމަލުކުރަމުން ދަނީ ކުރިން އަމަލުކުރި އުސޫލްތަކާ ފުށުއަރާ ގޮތަށް ކަމަށް އަމީން އާއްމު ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ. މިސާލެއް ދައްކަވަމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަން ކުރިން އިލެކްޝަނަށް އަންގަނީ މަޖިލީހުން ކަމަށެވެ. އެކަމަކު މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ނަމަ މަޖިލީހަށް އަންގަނީ އިލެކްޝަނުން ކަން ރޮޒައިނާ ފާހަގަކުރެއްވި އެވެ.

"ގާނޫނާ ޚިލާފަށް މެމްބަރުން ވަކިކުރުމުން ވެސް [އަމީން އާއްމު] ސޮއި ކުރައްވައި މެމްބަރުންތަކެއްގެ މުސާރަ ކެނޑުމާއި ސިފައިންނާއި ފުލުހުންނަށް އޯޑަރުކޮށްގެން ސައްހަ މެމްބަރުންތަކެއް މަޖިލީހަށް ނުވަދެވޭ ގޮތަށް ހަދަން މި ކުރި ކަންތައްތަކަކީ އަމީން އާއްމު ވެސް ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަންތައްތައް. އެމަނިކުފާނުގެ ވެސް ޒިންމާއެއް އެބަ އޮތް ގާނޫނާ ގަވާއިދުގެ ތެރެއިން ކަންތައްތައް ކުރައްވަން،" ރޮޒައިނާ ވިދާޅުވި އެވެ.

ރިޝްވަތުގެ ތުހުމަތުގައި ބަންދުކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން މަޖިލީހަށް ހާޒިރުނުކުރާ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ވަނީ ކައުންސެލް ޖެނެރަލް ފާތުމަތު ފިލްޒާއާ ވެސް ބައްދަލުކޮށްފަ އެވެ.

ރޮޒައިނާ ވިދާޅުވީ ފާރިސް ހުންނެވި ހާލަތުން އަމިއްލަފުޅަށް އޭނާ އަށް މަޖިލީހަށް ވަޑައިނުގެންނެވޭނެ ކަމަށެވެ. އެހެންވެ ޖަލްސާތަކަށް އޭނާ ހާޒިރުކޮށްދިނުމަކީ މަޖިލީހުން ކުރަން ޖެހޭ ކަމަކަށްވި ނަމަވެސް އެކަން ނުކުރާ ކަމަށް ވިދާޅުވި އެވެ.

"ކައުންސެލް ޖެނެރަލް ވިދާޅުވީ މަސީހު ވިދާޅުވިއޭ ޖަލްސާ އަށް ވަޑައިގަތުމަކީ އެ މެމްބަރަކު އަމިއްލަ އަށް ހޯދަން ޖެހޭ ހައްގެއް ކަމަށް. އެކަމަކު ކައުންސެލް ޖެނެރަލް އެއްބަސްވޭ އެ ހައްގު ހޯދައިދިނުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށް،" ރޮޒައިނާ ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާތަކަށް ފާރިސް ވެސް ހާޒިރުނުކުރަނީ، ރޮޒައިނާ ވިދާޅުވި ގޮތުގައި، ކައުންސެލް ޖެނެރަލްގެ ލަފާފުޅާ ވެސް ޚިލާފަށެވެ.

ޕްރެސް ކޮންފަރެންސްގައި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވެސް ވަނީ މަޖިލީހުގެ އަމަލުތަކާ ދޭތެރޭ ކަންބޮޑުވެވަޑައިގެން، ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ގާނޫނާ އެއްގޮތަށް ކަންކަން ކުރަން ޖެހޭ އިރު އެއާ ޚިލާފަށް ކަންތައްތަކެއް ހިންގައި މަޖިލީހުގެ މިނިވަންކަން ނަގާލާފައިވާ ކަމަށެވެ.

ހުރިހާ ކަމެއް ހިތުހުރި ގޮތަކަށް ގެންދަން ރިޔާސަތު ހިމާޔަތްކުރަން ބޮޑު ފާރެއް ލިއަސް ރައްޔިތުންގެ މަސްލަހަތާ ގުޅޭ ކަންކަން އިސްކުރަން ޖެހުމުން، މެމްބަރުން އެ ފާރު ވެސް ފޫއަޅުވާލާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ. ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް މަސީހު ރިޔާސަތުގައި އިންނަވައިގެން ޖަލްސާ ކުރިއަށް ގެންދަން އިދިކޮޅު ފަރާތްތަކުން ފުރުސަތު ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާ ވިދާޅުވީ ރައްޔިތުންގެ މަޖިލީސް ވެސް ހިސޯރުކޮށް، އެހެން ހުރިހާ މުއައްސަސާތަކުގެ މަތީގައި ވެސް ސަރުކާރުން ވަނީ "އަތް އަޅައިފަ" އެވެ. މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ ހަމަ އެއްވެސް މުއައްސަސާއެއް ރާއްޖޭގައި މިހާރު ނެތް ކަމަށާއި މި ކަންކަން ހައްލުވާނީ ރައްޔިތުންނަށް ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް އިޔޫގެ ޕާލަމެންޓަށް ހުށަހެޅި ގަރާރަށް އަމަލުކުރަން ނުޖެހޭ ކަމަށް ބުނެ ސަރުކާރު ގަދަ ދެއްކިއަސް ވަގުތު ޖެހުމުން ބައިނަލްއަގުވާމީ ދުނިޔޭގެ ކުރިމަތީގައި ސަރުކާރު "ސައިޒަށް ތިރިވާނެ" ކަމަށް އޭނާ ވިދާޅުވި އެވެ.

"މުއައްސަސާތަކުގައި އަތް އަޅައިގެން މިހާރު ކިތަންމެ ގަދަބާރެއް ދެއްކިދާނެ. އެކަމަކު އެ ގަރާރުގައިވާ ކަންކަމަށް ފިޔަވަޅު އަޅާ ވަގުތު ޖެހުނީމަ ސަރުކާރަށް ދޫދިނުން ނޫން ގޮތެއް ނޯންނާނެ،" މުސްތޮފާ ވިދާޅުވި އެވެ.