ހެންވޭރުގައި ހުންނަ އަލިމަސް ކާނިވަލުގެ ސްޓޭޖް ތަޅާލުމަށްފަހު އާ ސްޓޭޖެއް އަޅަން ބަޔަކާ ހަވާލުކުރުމަށް ފަހު އެ އެގްރީމަންޓް ބާތިލުކުރީ އެ މަސައްކަތް އެހެން ބަޔަކާ ކުރިން ހަވާލުކޮށްފައި އޮތުމުންކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ކާނިވަލުގެ ސްޓޭޖް ތަޅާލުމަށްފަހު، އެތަނުގައި އާ ސްޓޭޖެއް އަޅައިދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ސިޓީ ކައުންސިލުން އިއުލާންކުރީ ޑިސެމްބަރު، 2024 ގަ އެވެ.

އެކަމަށް އެދި ބީލަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޔޫއެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ އެ މަސައްކަތް ހަވާލުކުރީ މިދިޔަ  އަހަރުގެ މާޗް މަހު އެވެ. އެ މަޝްރޫއު ހަވާލުކުރީ 4.8 މިލިއަން ރުފިޔާއަށެވެ.

އެކަމަކު އެ މަސައްކަތް ނުފެށި އުޅެނިކޮށް، އިތުރު އެގްރީމަންޓެއް އޮތްކަން ކައުންސިލަށް އެނގިގެން ޔޫއެޗް އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން ވަނީ ބާތިލުކޮށްފަ އެވެ. 

ކައުންސިލްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ އެއްބަސްވުން ބާތިލުކުރީ ސްޓޭޖް މަރާމާތުކުރަން އެހެން ފަރާތަކާއެކު ކުރިން އެގްރީމަންޓް ހަދާފައި އޮތުމުން ކަމަށެވެ. އެކަމަކު ކުރިން ކައުންސިލްގެ ޑޮކިއުމަންޓްތައް ބަލަހައްޓާފައި ހުރިގޮތުން ފުރަތަމަ އެއްބަސްވުން ފެނުނީ ދެވަނަ އެއްބަސްވުން ހެދި ފަހުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

"އަޅުގަނޑުމެންނަށް އޭރު އެގްރީމަންޓް، މިތާގައި ޑޮކިއުމަންޓް ބަލަހައްޓާފައި ހުރި ގޮތުން އަޅުގަނޑުމެންނަށް އޭތި ނުފެނި އޮތީ،"

ދެވަނަ އެެއްބަސްވުން ބާތިލުކުރި ނަމަވެސް އެ މަސައްކަތް ފެށުމުގެ ކުރިން އެއްބަސްވުން ބާތިލުކޮށްފައިވާތީ ބަދަލެއް ދޭން ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.  

އޭނާ ވިދާޅުވީ 2024 ވަނަ އަހަރު ކާނިވާ ސްޓޭޖް އަލުން މަރާމާތުކުރަން ބަޔަކު ހޯދަން އިއުލާންކުރަން ޖެހުނީ ވައިގަދަވެ، ސްޓޭޖުގެ ޓިނުތައް ނެއްޓި ވަރަށް ބޮޑަށް ހަލާކުވެފައި ހުރުމުން ކަމަށެވެ. 

އެނގިފައިވާ ގޮތުގައި ކާނިވާ ސްޓޭޖު ހެދުމަށް އެންމެ ފުރަތަމަ ހަވާލުކުރި ކުންފުނިން އެ މަސައްކަތް ކުރަނީ ސީއެސްއާރު ޕްރޮޖެކްޓެއްގެ ގޮތުގަ އެވެ. 

"މިތަނުން އެ އެގްރީމަންޓް ބެލިއިރު ސީއެސްއާރު ބައި ލާފައި އޮތް އެގްރީމަންްޓް އޮންނަނީ. އަނެއްކާ މިތަނުގައި އޭރުގައި ހުރި ޑެޕިއުޓީ މޭޔަރަކު އޮންނަނީ ސިޓީއަކުން އެކަހަލަ ކަންތައްތަކެއް ހިނގާފައި އޮންނަނީ،" 

އެކަމާ ގުޅޭ އިންޓާނަލް އޮޑިޓެއް ހެދުމުގެ މަސައްކަތް ކުރާ ކަމަށް އެނގިފައިވެ އެވެ. 

އަލިމަސް ކާނިވަލަކީ މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި 2004 ވަނަ އަހަރު ސަރުކާރުން ހުޅުވި ތަނެކެވެ. އެ ކާނިވަލުގައި ހުންނަ ސްޓޭޖު މިހާރު ބޭނުންކުރަނީ ސިޔާސީ ހަރަކާތްތަކަށާއި މިއުޒިކް ޝޯތަކަށެވެ. 

މާލޭ ސިޓީ ކައުންސިލުން ލިޔުން ބަލަހައްޓާފައިވާ ގޮތާ ގުޅިގެން ގިނަ މައްސަލަތަކެއް ފެންމަތިވަމުންދާއިރު، މަސް މާރުކޭޓު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ވެސް އިތުރު ކުންފުންޏަކާ ހަވާލުކޮށްފައި އޮއްވާ އެހެން ކުންފުންޏަކަށް ދިން މައްސަލައެއް ވަނީ ބޮޑުވެފަ އެވެ.