ބ. ކެންދޫގައި ކުޑަ ދޯންޏެއްގައި ކަނޑުމައްޗަށް ނުކުތް މީހަކު ހަބަރެއް ނުވެގެން ހޯދަން ފަށައިފި އެވެ.

ކެންދޫ ކައުންސިލް މެމްބަރު އިބްރާހިމް އަބްދުއް ރަހްމާން ވިދާޅުވީ ގެއްލިގެން ހޯދަމުން ދަނީ އެ ރަށަށް ނިސްބަތްވާ ވަކީލެއް ކަމަށްވާ އަބްދުﷲ އަލީ އެވެ. އޭނާ ހޯދަން ފެށީ މިއަދު ހަވީރު ކުޑަ ދޯންޏެއްގައި އެކަނި ކަނޑުމައްޗަށް ނުކުތް ފަހުން ޚަބަރެއް ނުވުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އަބްދުﷲ އަލީ އަކީ އިސްލާމިކް ޔުނިވާސިޓީގެ ޑިޕިއުޓީ ވައިސް ޗާންސެލާ އަދި މިހާރު ނޫހުގައި ދީނީ ސަފުހާ ލިޔުއްވާ ދީނީ އިލްމުވެރިޔާ ޑރ. ސައުދުﷲ އަލީގެ ކޮއްކޮ އަދި އިސްލާމިކް މިނިސްޓްރީގެ ނައިބް ޝެއިޚް ނަސްރުﷲ އަލީގެ ބޭބެ އެވެ.

ކައުންސިލް މެމްބަރު ވިދާޅުވީ އަބްދުﷲ އެންމެ ފަހުން ފެނުނީ ރިޔާ ނެގި އެ ދޯނީގައި ކަނޑުމައްޗަށް ނުކުމެ އުޅެނިކޮށް ހަވީރު 5 ޖަހާ އެހާކަން ހާއިރު ކަމަށެވެ. އޭގެ ފަހުން އޭނާގެ އެއްވެސް ޚަބަރެއް ނުވާ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ. އަބްދުﷲ އަލީ ރިޔަލު ދޯނީގައި ކަނޑުމައްޗަށް ނުކުތް އިރު މޫސުން ވެސް ރަނގަޅު ކަމަށްވެ އެވެ.

ކައުންސިލަރު ވިދާޅުވި ގޮތުގައި އަބްދުﷲ ފެނޭތޯ އެ ރަށުގެ ދޯނިފަހަރު މިހާރު ދަނީ ކަނޑުމައްޗަށް ނުކުމެ މަސައްކަތް ކުރަމުންނެވެ. އަދި އޭނާ ގެއްލިގެން އުޅޭކަން ފުލުހުންނަށް ވެސް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.