ބ. ކެންދޫގައި ކުޑަ ދޯންޏެއްގައި މިއަދު ކަނޑުމައްޗަށް ނުކުތް ފަހުން ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ވަކީލް އަބްދުﷲ އަލީ، ކެންދުއާ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ކެޔޮދޫގައި ހުއްޓާ މިރޭ ފެނިއްޖެ އެވެ.

އޭނާ ފަޅު ރަށަށް އެރީ ކިހިނެއް ކަމެއް އަދި ނޭނގެ އެވެ. އަބްދުﷲ އަލީ ހޯދަން ފެށީ މިއަދު ހަވީރު ކުޑަ ދޯންޏެއްގައި އެކަނި ކަނޑުމައްޗަށް ނުކުތް ފަހުން ޚަބަރެއް ނުވުމުން ކަމަށް ކެންދޫ ކައުންސިލް މެމްބަރު އިބްރާހިމް އަބްދުއް ރަހްމާން ވިދާޅުވި އެވެ. އަބްދުﷲ އަލީ އަކީ އިސްލާމިކް ޔުނިވާސިޓީގެ ޑިޕިއުޓީ ވައިސް ޗާންސެލާ އަދި މިހާރު ނޫހުގައި ދީނީ ސަފުހާ ލިޔުއްވާ ދީނީ އިލްމުވެރިޔާ ޑރ. ސައުދުﷲ އަލީގެ ކޮއްކޮ އަދި އިސްލާމިކް މިނިސްޓްރީގެ ނައިބް ޝެއިޚް ނަސްރުﷲ އަލީގެ ބޭބެ އެވެ.

ކައުންސިލް މެމްބަރު ވިދާޅުވީ އަބްދުﷲ ގެއްލިގެން އުޅޭ ކަމުގެ ޚަބަރު ލިބުމާ އެކު ކެންދޫގެ ރައްޔިތުން މިރޭ ވަނީ އޭނާ ހޯދުމުގެ މަސައްކަތް ފަށައިފައި ކަމަށެވެ. އަބްދުﷲ އަލީ ރިޔަލު ދޯނީގައި ކަނޑުމައްޗަށް ނުކުތް އިރު މޫސުން ވެސް ރަނގަޅު ކަމަށްވެ އެވެ.