ދުނިޔެ އަށް ކުރިމަތިވެފައިވާ މޫސުމީ އެންމެ ބޮޑު މައްސަލައަކީ ގޮތްދޫނުކުރާ ފިރިހެނުން ކަމަށް ބޮލީވުޑްގެ ތަރި، ދިއާ މިރްޒާ ބުނެފި އެވެ.
ދެހާސްވަނަ އަހަރު މިސް އޭޝިއާ ޕެސިފިކްގެ ލަގަބު ހޯދި ދިއާ އެހެން ބުނީ ބީބީސީގެ ޕްރޮގްރާމެއް ކަމަށްވާ "ހަންރެޑް ވިމެން" އަށް މިދިޔަ ހަފުތާގައި ދިން އިންޓަވިއުއެއްގަ އެވެ. އެއީ ކޮންމެ އަހަރަކު ވެސް، ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 އަންހެނުންގެ އިންޓަވިއު ގެނެސްދޭ ޕްރޮގްރާމެކެވެ.
ދިއާ އަކީ ވަލުޖަނަވާރާއި މޫސުމީ ބަދަލުތަކަށް އާންމުން ހޭލުންތެރިކުރުމަށް މަސައްކަތްކުރާ އދ. ގެ ގުޑްވިލް އެމްބަސެޑަރެވެ. އޭނާ އެމްބަސެޑަރަކަށް ހަމަޖެއްސީ 2017 ވަނަ އަހަރުގަ އެވެ.
އެ އިންޓަވިއުގައި ދިއާ ބުނީ ޖައްވަށް ވިހަ ގޭސްތައް ބޭރުކުރާ ކުންފުނިތަކުގެ ވެރިންނަށް ތިބީ ފިރިހެނުން ކަމަށެވެ. އަދި އެ މީހުންނަކީ ދުނިޔެ އަށް މޫސުމީ ބަދަލުތައް އަންނަމުންދާ ކަމަށް ކުރިން ގަބޫލު ވެސް ކުރި ބައެއް ނޫން ކަމަށް އޭނާ ބުންޏެވެ.
މިއަދު ކަމުގެ ހަގީގަތް އެނގި ތިބެ ވެސް މި މައްސަލަ ހައްލުކުރަން އެމީހުން ދެކޮޅު ހަދާ ކަމަށް ދިއާ ބުންޏެވެ.
"މޫސުމާ ބެހޭ އެންމެ ބޮޑު މައްސަލައަކީ ބަދަލަކަށް ދެކޮޅު ހަދާ، އަމިއްލަ އެދުން ބޮޑު ފިރިހެނުން،" އޭނާ ބުންޏެވެ.
"ދުނިޔޭގެ ޖައްވު ތަޣައްޔަރުކުރާ މީހުންނަށް އެނގޭ އެމީހުންގެ އިހުތިޔާރުގައި ކަން އަހަރެމެންގެ މި ދުނިޔެ އާއި އަހަރެމެންގެ ރައްކާތެރިކަން ވެސް މިހާރު އޮތީ. އެހެންވީމަ، ބަދަލަކަށް ދެކޮޅު ހަދަން އެމީހުންނަށް އެއްވެސް ބަހަނާއެއް ނުދެއްކޭނެ."
އެ އިންޓަވިއުގައި ދިއާ ވަނީ މޫސުމީ ބަދަލުތަކާ ގުޅޭ އެހެން ބައެއް ކަންބޮޑުވުންތައް ވެސް ހިއްސާކޮށްފަ އެވެ. އަދި އޭނާގެ ޒާތީ ދިރިއުޅުމުގަޔާއި ކެރިއަރުގައި ކުރިމަތިލާން ޖެހުނު ބައެއް ގޮންޖެހުންތަކުގެ ވާހަކަތައް ވެސް ކިޔައިދިނެވެ.