ހއ. އިހަވަންދޫ ކައިރީ ލޯންޗަކާއި ދޯންޏެއް އެކްސިޑެންޓުވެ މީހަކު މަރުވުމުގައި އިހުމާލެއް އޮތްތޯ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހުގެ ރޭ ހިނގި ހާދިސާގައި މަރުވީ ދޯނި ދުއްވަން ހުރި އިހަވަންދޫ މީހެއް ކަމަށްވާ އަބްދުއްރަޝީދު، 68، އެވެ.
އެ އެކްސިޑެންޓު ހިނގިއިރު ރަޝީދާ އެކު ދެން ހުރީ އޭނާގެ ދަރިފުޅު އަލީ ޝަރީފު އެކަންޏެވެ. އެއީ ލޯންޗު ދުއްވަން ތިބި މީހުންގެ އިހުމާލުން ހިނގި އެކްސިޑެންޓެއް ކަމަށާއި އެކްސިޑެންޓަށް ފަހު ލޯންޗުގައި ތިބި މީހުން އެހީތެރި ވެސް ނުވި ކަމަށް ތުހުމަތުކޮށް ބައެއް މީޑިއާތަކުގައި އޭނާ ވަނީ ވާހަކަ ދައްކައިފަ އެވެ.
އެކަމަކު ފުލުހުން ބުނީ އެކްސިޑެންޓާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގައި އިހުމާލުވި ކަމަށް ބުނެ އާއިލާގެ ފަރާތުން އަދި އެހެން މީހަކު ވެސް މައްސަލައެއް ހުށަހަޅާފައި ނެތް ކަމަށެވެ. ނަމަވެސް އެ އެކްސިޑެންޓާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުގެ ތެރެއިން، އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓުވި ދޯންޏަކީ އިންޖީނު އެޅި ކުޑަ ދޯންޏެކެވެ. ރޭގަނޑު އަނދިރީގައި ލޯންޗު ގޮސް ޖެހުނީ ދޯނީގެ ކޮޅުފަސްކޮޅުގަ އެވެ. އެ ދިމާލުން ދޯނީގެ ބައެއް އޮތީ ވަރަށް ބޮޑަށް ހަލާކު ވެސް ވެފަ އެވެ.