ބޮލީވިއާގައި މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާއާ ދޭތެރޭ ހިތްހަމަނުޖެހިގެން މުޒާހަރާ ކުރަމުން ދިޔަ ބަޔަކު އެ ގައުމުގެ ސިޓީއެއްގެ އަންހެން މޭޔަރަކު މަގުމައްޗަށް ނެރެ ރަތް ކުލައިގެ ސްޕްރޭ ޖަހައި، ގަންހިންގުވައި އޭނާގެ ބޯ ކޮށާލައިފި އެވެ.
ބޮލީވިއާގެ ވެރިކަންކުރާ މޫވްމަންޓް ޓު ސޯޝަލިޒަމް ޕާޓީ (އެމްއޭއެސް) އަށް ނިސްބަތްވާ މޭޔަރު ޕެޓްރީޝިއާ އާޝީ މިހާރު ވަނީ މި ހާދިސާއާ ގުޅިގެން ފުލުހުންގެ ހިމާޔަތުގެ ދަށަށް ގެންގޮސްގަ އެވެ.
އެ މަންޒަރު ފެންނަ ފޮޓޯތައް ވެސް މީޑިއާތަކުގައި އާންމުކޮށްފައިވެ އެވެ. އެގޮތުން މުޒާހަރާގެ ބައިވެރިންގެ ކިބައިން އޭނާ ސަލާމަތްކޮށްގެން، ފުލުހުންގެ ސައިކަލަކަށް އަރުވައިގެން ދާ މަންޒަރު ވެސް ފެނެ އެވެ.
މީޑިއާތަކުން ބުނިގޮތުގައި މޫނުގައި މާސްކް އަޅައިގެން ތިބި މުޒާހަރާގެ ބައިވެރިން މޭޔަރު މަގުމައްޗަށް ނެރެ އޭނާއާ ދޭތެރޭ އިހާނެތިކޮށް ކަންތައްކުރީ މުޒާހަރާކުރާ މީހުންނާ ދެކޮޅަށް ފުލުހުންނާއި ސަރުކާރަށް ތާއީދުކުރާ ސަޕޯޓަރުން ހިންގާ ހަރާތްތަކުގައި ބަޔަކު މަރުވެ ދިޔަ އިރު، ސަރުކާރާއި ފުލުހުންގެ އަމަލުތަކަށް މޭޔަރު ތާއީދުކޮށް، އިދިކޮޅު މީހުންނަށް އަނިޔާކުރަން ހިތްވަރުދޭތީ އެވެ.
މިކަމާ ގުޅިގެން މުޒާހަރާ ކުރާ މީހުން ރުޅިގަދަވެ، މުޒާހަރާގެ ތެރެއަށް މޭޔަރު ނެރެ، ބިމުގައި ކަކޫ ޖައްސުވައި ގަޔަށް ސްޕްރޭކޮށް، އޭނާގެ އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައިވެ އެވެ. އަދި އޭނާ ލައްވައި އިސްތިއުފާގެ ލިޔުމެއްގައި ސޮއިކުރުވަން ވެސް މަސައްކަތްކޮށްފައިވެ އެވެ.
ބީބީސީން ބުނިގޮތުގައި ފުލުހުންގެ ހިމާޔަށް މޭޔަރު ގެންދިޔައީ އޭނާ އަށް އަނިޔާކުރިތާ އެތައް ގަޑިއިރެއް ފަހުންނެވެ. އަދި އޭނާ އަށް ލިބުނު ބައެއް ޒަހަމްތަކަށް ފަރުވާ ވެސް ދީފައިވެ އެވެ.
މި ހާދިސާއާ ގުޅިގެން މޭޔަރު ބުނީ އޭނާ ހުރީ ވަރަށް ސާބިތުކަމާ އެކީ ސަރުކާރާ އެކީގައި ކަމަށެވެ.
"އަހަރެން މަރާލަން ދިމާކުރިޔަސް ހުންނާނީ ސާބިތުކަންމަތީ. އަހަރެންގެ އަނގަ ބަންދެއް ނުކުރެވޭނެ. ދެން މަރާލަން ކެރޭ ނިކަން އަހަރެން މަރާބަލަ،" ނޫސްވެރިންނާ ވާހަކަ ދައްކަމުން މޭޔަރު ބުންޏެވެ.
ވައުދު ނުފައްދާ ކަމަށް ބުނެ ދާދި ފަހުން މެކްސިކޯގެ ބަޔަކު ވަނީ އެ ގައުމުގެ ސިޓީއެއްގެ މޭޔަރަކު އަންހެން ހެދުން ލައްވައި، ސަލާން ޖަހުވައި ގަންހިންގުވައިފަ އެވެ.