ބޮލީވުޑްގެ އެކްޓަރު ގޯވިންދާ އާއި އޭނާގެ އަންހެނުން ސުނީތާ އަހޫޖާގެ މެދުގައި އުފެދިފައިވާ މައްސަލަތައް އިތުރަށް ގޯސްވެ، ކެމެރާގެ ކުރިމަތީގައި ސުނީތާ ހަޑިހުތުރު ބަހުން ވާހަކަދައްކާތީ ގޯވިންދާ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
ގޯވިންދާގެ އަބުރަށް ހުތުރުވާގޮތަށް ސުނީތާ ވާހަކަދައްކައި، އޭނާގެ ފިލްމީ މަސައްކަތްތަކަށް ހުރަސްއަޅަމުންދާ ކަމަށް ބުނެ ކުރިން ދެއްކި ވާހަކަތަކަށް ފަހު، މިފަހަރު ގޯވިންދާ ވަނީ ސުނީތާ އާންމުންގެ ތެރޭގައި ވާހަކަދައްކާ ބޭއަދަބީ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ޕާޕަރާޒީން އާންމުކުރި ވީޑިއޯއެއްގައި ގޯވިންދާ ބުނީ ސުނީތާ މިހާރަކަށް އައިސް ވަރަށް ގިނައިން ހަޑިހުތުރު ބަހުން (މައިންނާއި އެއްބަނޑު މީހުންނަށް ނިސްބަތްކޮށް) ސިނަމާ އާއި މީޑިއާގެ ކުރިމަތީގައި އެއްޗެހި ގޮވަމުންދާ ކަމަށެވެ. އަދި ޒުވާނުން ސުނީތާގެ މިފަދަ އަމަލުތަކުން މިސާލު ނަގައި، އޭނާއާ ދިމާލަށް ވެސް އެގޮތަށް ހަޑިހުތުރު ބަހުން ވާހަކަދައްކަން ފަށައިފި ނަމަ ލަދުގަންނަން ޖެހޭނެ ކަމަށް ވެސް ގޯވިންދާ ބުންޏެވެ.
ގޯވިންދާ ބުނީ ސުނީތާގެ މި އަމަލުތަކުގެ ސަބަބުން މީހުންގެ ގަދަރާއި އަގު ވައްޓާލެވިފައިވާ ކަމަށާއި އޭނާގެ ފަރާތުން އެފަދަ ކަމަކަށް އުއްމީދު ނުކުރާ ކަމަށެވެ.
މި މައްސަލަ އިތުރަށް ހޫނުވީ ގޯވިންދާ އޭނާއަށް ވުރެ މާ ޒުވާން އެކްޓްރެސްއެއް ކަމަށްވާ ކޯމަލް ރާނީ ސުވަރްނާކަރްއާ އެކު ފެނުމުން ސުނީތާ އެކަމަށް ފާޑުކިޔުމުންނެވެ.
ސުނީތާ ވަނީ ގޯވިންދާ އޭނާގެ ދަރިންގެ އުމުރުގެ އަންހެން ކުއްޖަކާ އެކު އުޅޭތީ ލަދުގަންނަން ޖެހޭނެ ކަމަށާއި، އަދި އޭނާގެ ބުއްދި ގޯސްވެފައިވާ ކަމަށް ބުނެ "ޝުގަ ޑެޑީ"އަކަށް ވެގެން އުޅޭ ކަމަށް ތުހުމަތުކޮށްފަ އެވެ.
އެ ތުހުމަތުތަކަށް ރައްދުދެމުން ގޯވިންދާ ބުނީ އިންޑިއާގެ ގިނަ އެކްޓަރުން ވެސް ޒުވާން އަންހެން އެކްޓަރުންނާ އެކު މަސައްކަތްކޮށްގެން ކާމިޔާބީ ހޯދާފައިވާ ކަމަށާއި އެއީ އެމީހުންގެ ޒުވާންކަން ދެމެހެއްޓުމަށް ވެސް ލިބޭ ފުރުސަތެއް ކަމަށެވެ. ނަމަވެސް، ސުނީތާ ބޭނުންވަނީ އޭނާ ޒުވާންކޮށް ފެންނަން ނޫން ކަމަށް ގޯވިންދާ ބުންޏެވެ.
ސުނީތާގެ އަމިއްލަ ފައިދާއަށްޓަކައި ކައްކާ ޝޯތަކަށާއި "ލޮކް އަޕް" ކަހަލަ ރިއަލިޓީ ޝޯތަކަށް އޭނާ ގެންދަން މަސައްކަތްކުރި ކަމަށް ވެސް ގޯވިންދާ ތުހުމަތުކުރި އެވެ.
މީގެ އިތުރުން، ގޯވިންދާ ބުނީ ސުނީތާއަށް ފައިސާ އާއި ބާރާއި އިއްޒަތް ލިބިފައިވި ނަމަވެސް، އެ ތަނަވަސްކަން ނެތް ނިކަމެތި މީހުންގެ އަބުރު ނަގާލުމަކީ ސުނީތާއާ ގުޅޭ ކަމެއް ނޫން ކަމަށެވެ. އަދި އޭނާ އަލަށް ފިލްމެއްގެ މަސައްކަތް ފެށުމުން، އޭނާގެ އަބުރު ކަތިލައި، ވިޔަފާރިއަށް ހުރަސްއެޅުމަށް ސުނީތާއަށް ކުރެވެން ހުރި ކަމެއް ކުރަމުންދާ ކަމަށް ބުނެ ގޯވިންދާ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ބޭވަފާތެރިވާ ކަމަށް ބުނާ ގޯވިންދާ ގާތުން ވަރިވާން ސުނީތާ މިދިޔަ އަހަރު ކޯޓަށް މައްސަލަ ވެސް ހުށަހެޅި އެވެ. ނަމަވެސް، ފަހުން އޭނާ އަމިއްލައަށް ވަނީ އެ މައްސަލަ ކުރިއަށް ނުގެންދަން ނިންމައިފަ އެވެ.