އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ތައްޔާރުކުރާ "ޑީޕްފޭކް" ވީޑިއޯތަކާއި ފޮޓޯތަކާ ދެކޮޅަށް އިންޑިއާގެ ފިލްމީ ދާއިރާގެ މަޝްހޫރު ތަރިން ތެދުވެ، އެމީހުންގެ އަބުރާއި އިއްޒަތް ރައްކާތެރިކުރުމަށް އަޑުއުފުލަން ފަށައިފި އެވެ.
މި މައްސަލަ ބޮޑުވީ ބޮލީވުޑްގެ އުއްމީދީ އެކްޓްރެސް ޖާންވީ ކަޕޫރުގެ ފޮޓޯތަކަކާއި ވީޑިއޯތަކެއް އޭއައި ބޭނުންކޮށްގެން ނުބައި ގޮތަކަށް ބަދަލުކޮށް ސޯޝަލް މީޑިއާގައި އާންމުކުރުމާ ގުޅިގެންނެވެ.
ޖާންވީ ކަޕޫރުގެ "ދޭވަރާ: ޕާޓް 1" ފިލްމުގެ ލަވައެއްގެ މަންޒަރުތައް ބޭނުންކޮށްގެން ހަދާފައިވާ ބޭއަދަބީ ޑީޕްފޭކް ވީޑިއޯއަކާ ގުޅިގެން އޭނާ ބުނެފައި ވަނީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި ވެސް އިންސާނުންގެ ކަރާމާތާއި އިއްޒަތަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށެވެ. އަދި އަންހެނުންގެ ހުރުމަތް ކަނޑުވާލުމަށް ނޭދެވޭ ގޮތުގައި މީހުންގެ މޫނު ބޭނުންކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.
މި މައްސަލައިގައި ޖާންވީއަށް ތާއީދުކޮށް ދެކުނު އިންޑިއާގެ ތަރި ވިޖޭ ދެވަރަކޮންޑާ ބުނީ މިފަދަ ޑީޕްފޭކްތައް އުފެއްދުމަކީ ޖިންސީ ގޯނާކުރުމާ އެއްވަރުގެ ނުރައްކާތެރި ކުށެއް ކަމަށެވެ. އަދި މި ކަހަލަ އަމަލުތައް ހިންގާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށާއި މި ކަހަލަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް މަޖާކޮށް، މަލާމާތްކުރުން ހުއްޓާލާން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.
މީގެ އިތުރުން ޖޫނިއާ އެންޓީއާރާއި ސުޕަސްޓާރު ޗިރަންޖީވީ އަދި ކުޝްބޫ ސުންދަރު ވެސް ވަނީ މިއީ މުޅި ފިލްމީ ދާއިރާއަށް އޮތް ގޮންޖެހުމެއްކަން ފާހަގަކޮށް، ގާނޫނީ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ބުނެފަ އެވެ.
މި ކަންތައްތަކާ ގުޅިގެން ބޮލީވުޑްގެ ތަރި ޔާމީ ގޯތަމް ވަނީ ނޫސްވެރިންނާއި މީޑިއާތަކަށް ހާއްސަ އިލްތިމާސެއް ކޮށްފަ އެވެ. އޭނާގެ ފޮޓޯތައް އޭއައި ބޭނުންކޮށްގެން ރީތިކުރުމުގެ ނަމުގައި ބަދަލު ނުކުރުމަށާއި ހުއްދަ ނުހޯދާ މީހެއްގެ ސޫރައަށް ބަދަލު ގެނައުމަކީ ނުރައްކާތެރި ކަމެއް ކަމަށް ބުނެ، އަސްލު ފޮޓޯތައް އެކަނި ބޭނުންކުރުމަށް އޭނާ އެދުނެވެ.
މި މައްސަލައިގައި ފިލްމީ ދާއިރާގެ ގިނަ ބަޔަކު މިހާރު އެދެމުން އަންނަނީ އޭއައި މާކެޓް ސައިބާ ކުށްތަކުން ރައްކާތެރިކުރުމަށް އިންޑިއާގެ ގާނޫނުތައް ހަރުދަނާކުރުމަށާއި އަމިއްލަ އަބުރާއި ސިފަ އޭއައި އިން ރައްކާތެރިކުރުމުގެ ހައްގު ކަށަވަރުކޮށްދިނުމަށެވެ.