28 ޖޫން 2020 - 07:59
އާމިރު ޚާނަކީ ވަރަށް މޮޅު އެކްޓަރެއް ކަމަށާއި އޭނާ އަކީ އެހާމެ މޮޅު ޑައިރެކްޓަރަކަށް ވެސް ވާނެތީ، އާމިރު ޑައިރެކްޓްކުރާ ފިލްމެއްގައި މަސައްކަތްކުރުމަށް އުންމީދުކުރާ ކަމަށް އަބީޝެކް ބައްޗަން ބުނެފި އެވެ.
އެ ދެ ތަރިން އަލަށް ސްކްރީން ހިއްސާކުރި 2013 ގެ "ދޫމް 3" ގެ ހަނދާންތައް އިންސްޓްގްރާމްގައި ހިއްސާކުރަމުން އަބީޝެކް ބުނީ އާމިރާ އެކު އެކްޓްކުރަން ލިބުން ފިޔަވައި، ދެން އެންމެ ބޭނުން ވަނީ އޭނާ ޑައިރެކްޓްކުރާ ފިލްމެއް ކަމަށެވެ. އަބީޝެކް ބުނީ އޭނާގެ މި ޕޯސްޓް އާމިރު ކިޔާ ނަމަ އެކަމާ ދޭތެރޭ ވިސްނައިލަން ވެސް އެދޭ ކަމަށެވެ.
އަބީޝެކް ބުނި ގޮތުގައި އާމިރާ އެކު "ދޫމް 3" ގައި މަސައްކަތްކުރަން ލިބުމަކީ ކެރިއަރުގެ އެންމެ ހާއްސަ އެއް ކަންތަކެވެ. އަދި އަބަދު ވެސް އެ ތަޖުރިބާގެ މަތިން ހަނދާން އާކުރާނެ ކަމަށް ބުންޏެވެ.
"އޭނައަކީ އެހާމެ ހުނަރުވެރި އަދި އެކީގައި މަސައްކަތްކުރަން އެހާ ފަސޭހަ، ބޮޑާކަމެއް ނެތް ނުހުންނަ އެކްޓަރެއް. ދޫމް ތިނެއްގެ ތެރޭގައި ވަރަށް ގިނަ ކަންކަމުގައި އާމިރުގެ އެހީ އަހަންނަށް ވަރަށް ބޮޑަށް ލިބުނު. އަހަރެން ހިތަށް އަރަނީ އެހާ މޮޅު އެކްޓަރަކު ހާދަ މޮޅު ޑައިރެކްޓަރަކަށް ވެސް ވާނޭ،" އަބީޝެކް ބުންޏެވެ. "އެހެންވެ ބޭނުން އާމިރު ޑައިރެކްޓްކުރާ ފިލްމެއްގައި މަސައްކަތްކޮށްލަން."
ބޮލީވުޑްގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ އާމިރު ވަނީ މީގެ އަހަރުތަކެއް ކުރިން ޑައިރެކްޝަން ތަޖުރިބާކޮށްފަ އެވެ. އެއީ އޭނާ މުހިއްމެއް ރޯލެއް ވެސް ކުޅެ، ޑައިރެކްޓްކުރި 2007 ގެ "ތާރޭ ޒަމީން ޕަރް" އެވެ. އެކަމަކު އެ ފިލްމުގެ ބޮޑު ކާމިޔާބީ އަށް ފަހު، އާމިރު ފަހުން އެއްވެސް ފިލްމެއް ޑައިރެކްޓެއްނުކުރެ އެވެ.
އަބީޝެކްގެ ބައްޕަ އަމީތާބް ވެސް ވަނީ އާމިރާ އެކު މަސައްކަތްކޮށްފަ އެވެ. އެއީ 2018 ގެ "ތަގްސް އޮފް ހިންދުސްތާން" ގަ އެވެ.
އަބީޝެކަކީ އަމީތާބްގެ ދަރިއަކަށް ވިޔަސް މިހާތަނަށް ބޮލީވުޑްގައި މާ ބޮޑު ކާމިޔާބީއެއް ކުރިއެރުމެއް ހޯދުނު އެކްޓަރެއް ނޫނެވެ. އަދި އޭނާ އަށް ކުޅޭނެ މާ ރަނގަޅު ފިލްމުތަކެއް ވެސް ނުލިބެ އެވެ.
ބަތަލާ އައިޝްވާރިއާ ރާއީގެ ފިރިމީހާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި އަންނަ މަހުގެ 10 ގައި އެމެޒޯން ޕްރައިމް ވިޑިއޯ އިން ސްޓްރީމްކުރާ ވެން ސީރީޒް "ބްރީތު: އިން ޓު ދަ ޝެޑޯޒް" އާއި ފިލްމުތައް ކަމަށްވާ "ލޫޑޯ" އަދި "ދަ ބިގް ބުލް" ގެ އިތުރުން "ބޮބް ނިވާސް" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy