ޕާސްޕޯޓް ފޯޖްކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއަކު، އިމިގްރޭޝަނުން މިއަދު ހިފަހައްޓައިފި އެވެ.
އެ އިދާރާ އިން ކުރި ޓްވީޓެއްގައި ބުނީ، ސައްހަ ޕާސްޕޯޓަކަށް ބަދަލު ގެނެސްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި 40 އަހަރުގެ ފިރިހެނެއް ހިފަހައްޓާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް ނުބުނެ އެވެ.
އެ މީހާގެ ފޮޓޯ އިމިގްރޭޝަނުން ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.
އެހެން ޕާސްޕޯޓެއްގެ ބައެއް ނަކަލުކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއަކު ވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ހިފެހެއްޓި އެވެ. އޭގެ ކުރިން އެހެން މީހެއްގެ ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ދެ މީހަކު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހިފެހެއްޓި އެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ގަވައިދާ ހިލާފުވެގެން ޑީޕޯޓު ކުރުމުން، ޝަހުސު އޮޅުވާލައިގެން އެ މީހުން އެނބުރި ރާއްޖެ އާދެ އެވެ. އަދި ބައެއް މީހުން ރާއްޖެ އެތެރެވެ، ޕާސްޕޯޓާއި އެހެން ލިޔެކިޔުންތައް ފޮރުވައި ގަސްތުގައި ގަވައިދާ ހިލާފުވެ އެވެ. އޭރުން އެ މީހުން ރާއްޖޭން ޑީޕޯޓު ކުރެވޭނެ ގޮތެއް ނޯވެ އެވެ.