ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ 32 ބިދޭސީއަކު ތިލަފުށިން އިއްޔެ ހިފަހައްޓައިފި އެވެ.
އިމިގްރޭޝަނުން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން ޓާސްކު ފޯހުން ތިލަފުށީގައި ހާއްސަ ރެއިޑް އޮޕަރޭޝަނެއް އިއްޔެ ކުރިއަށް ގެންދިޔަ ކަމަށެވެ.
އެ ރެއިޑުގައި 836 ބިދޭސީއަކާ ސުވާލުކޮށް، އޭގެ ތެރެއިން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ 32 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
ހިފެހެއްޓި މީހުންގެ ތެރޭގައި ބަންގުލަދޭޝް އާއި އިންޑިއާ އަދި ނޭޕާލު މީހުން ހިމެނެ އެވެ.
އެ އޮޕަރޭޝަން އަމާޒުކުރީ ތިލަފުށީގެ ސިނާއީ ސަރަހައްދުތަކަށާއި ވިޔަފާރިކުރާ ތަންތަނުގެ އިތުރުން މީހުން ދަތުރުފަތުރުކުރާ ސަރަހައްދުތަކަށެވެ. އޭގެ ތެރޭގައި ތިލަފުށީ ފެރީ ޓާމިނަލާއި ސްޓެލްކޯ ޓީ-ޖެޓީ ސަރަހައްދާއި އެ ރަށުގެ އެކި ސިނާއީ ޒޯންތައް ހިމެނޭހެން ގިނަ ސަރަހައްދުތަކެއް އުޅޭ ބިދޭސީންނާ ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، އެމީހުން ހިފަހައްޓަން ޖެހުނު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ؛
- ވިސާގެ މުއްދަތު ހަމަވެފައިވުން
- ހުއްދަ ނެތް ތަންތަނުގައި މަސައްކަތްކުރުން
- ވިސާގެ ޝަރުތުތަކާ ހިލާފަށް އަމިއްލައަށް ވިޔަފާރިކޮށް އާމްދަނީ ހޯދުން
- ވޯކް ޕާމިޓް ފީ ދައްކާފައި ނުވުން
- މަސައްކަތްކުރާ ތަންތަނުން ފިލައިގެން އުޅޭ ކަމަށް ރިޕޯޓުކޮށްފައިވާ މީހަކަށްވުން
- ތިލަފުށީގައި ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާ ކަމަށް ތުހުމަތުކުރެވުން
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގާ ސިލްސިލާ އޮޕަރޭޝަންތަކުގެ ތެރެއިން މިދިޔަ މެއި މަހު ވެސް 254 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
ސަރުކާރުގެ މާސް ލީގަލައިޒޭޝަން ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން، ވަޒީފާ އަދާކުރުމުގެ ހުއްދަ ނެތް މީހުންނާއި ހުއްދައިގެ މުއްދަތު ހަމަވެފައިވާ މީހުންނާއި ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ނެތް ބިދޭސީންނަށް ވެސް ގާނޫނާ ގަވާއިދުގެ ތެރެއިން ރާއްޖޭގައި އުޅުމަށް ފުރުސަތު ދިނެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހިފަހައްޓައި ގިނަ އަދަދެއްގެ މީހުން ޑީޕޯޓު ވެސް ކޮށްފައިވެ އެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމަށް މި ސަރުކާރުން "ކުރަނގި އޮޕަރޭޝަން" ފެށީ މޭ 2024 ގަ އެވެ. އެ އޮޕަރޭޝަނުގެ ތެރެއިން 191،723 އަށް ވުރެ ގިނަ ބިދޭސީންގެ 10 އިނގިލީގެ ނިޝާނާއި ފޮޓޯ ނަގައި، ޑޭޓާބޭސް އަޕްޑޭޓުކޮށްފައިވެ އެވެ.