މާލޭގެ ފުޑް ކޯޓުގައި ހުންނަ އެކި ކެފޭތަކުގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ 27 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ރޭ ގެންގޮސްފި އެވެ. 

އިމިގްރޭޝަނުން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ވަރަށް ގިނައިން އުޅޭ ކަމަށް ފާހަގަކުރެވިފައިވާ މާލޭ ހުޅަނގު ބަނދަރު ސަރަހައްދުގައި ހުންނަ ފުޑް ކޯޓަށް ހާއްސަކޮށްގެން ޓާސްކް ފޯސްއިން ރޭ ރެއިޑް އޮޕަރޭޝަނެއް ހިންގި ކަމަށެވެ. 

އެ އޮޕަރޭޝަނުގައި 88 ބިދޭސީއަކާ ސުވާލުކޮށް، ގަވާއިދާ ހިލާފަށް އުޅޭ 27 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ. 

ފުޑް ކޯޓުގައި ހިންގާ ހުރިހާ ކެފޭއެއްގައިހެން މަސައްކަތްކުރީ މުޅިން ވެސް ބިދޭސީންނެވެ. 

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގާ ސިލްސިލާ އޮޕަރޭޝަންތަކުގެ ތެރެއިން މިދިޔަ މެއި މަހު ވެސް 254 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. 

ސަރުކާރުގެ މާސް ލީގަލައިޒޭޝަން ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން، ވަޒީފާ އަދާކުރުމުގެ ހުއްދަ ނެތް މީހުންނާއި ހުއްދައިގެ މުއްދަތު ހަމަވެފައިވާ މީހުންނާއި ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ނެތް ބިދޭސީންނަށް ވެސް ގާނޫނާ ގަވާއިދުގެ ތެރެއިން ރާއްޖޭގައި އުޅުމަށް ފުރުސަތު ދިނެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހިފަހައްޓައި ގިނަ އަދަދެއްގެ މީހުން ޑީޕޯޓު ވެސް ކޮށްފައިވެ އެވެ. 

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމަށް މި ސަރުކާރުން "ކުރަނގި އޮޕަރޭޝަން" ފެށީ މޭ 2024 ގަ އެވެ. އެ އޮޕަރޭޝަނުގެ ތެރެއިން 191،723 އަށް ވުރެ ގިނަ ބިދޭސީންގެ 10 އިނގިލީގެ ނިޝާނާއި ފޮޓޯ ނަގައި، ޑޭޓާބޭސް އަޕްޑޭޓުކޮށްފައިވެ އެވެ.