އޭޓީއާރު ދެ މަތިންދާބޯޓު ކުއްޔަށް ނަގަން އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން އިއްޔެ އިއުލާން ކޮށްފި އެވެ.

މޯލްޑިވިއަން އެއާލައިން ހިންގާ ކުންފުނިން ކުރި އިއުލާނެއްގައި ވާ ގޮތުން، އެ ދެ ބޯޓު ވެސް ކުއްޔަށް ނަގާނީ ދޮޅު އަހަރަށެވެ. ފުރަތަމަ ބޯޓު އަންނަ އޭޕްރިލް މަހު، ދެވަނަ ބޯޓު މޭ މަހު ލިބެން ޖެހޭނެ ކަމަށް އިއުލާނުގައި ވެ އެވެ.

މި މަތިންދާބޯޓުތައް ކުއްޔަށް ދޭން ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 10 ގައި ހުޅުވައިލާނެ އެވެ. ބީލަންތައް އިވެލުއޭޓު ކުރުމަށް ފަހު، ބޯޓުތައް ކުއްޔަށް ނަގާނެ ފަރާތެއް ހޮވާނީ އައިލެންޑް އޭވިއޭޝަންގެ ބޯޑުންނެވެ.

މޯލްޑިވިއަންގެ ފްލީޓު ބޮޑު ކުރުމަށް އައިލެންޑް އޭވިއޭޝަނުން ވަރަށް ފަހުން ވަނީ އޭޓީއާރުގެ ތިން މަތިންދާބޯޓެއް ވެސް ގަނެފަ އެވެ. މި ބޯޓުތައް އެ ކުންފުނިން ގަންނަނީ މިއީ ތިމާވެއްޓާ ރައްޓެހި، ހަރަދު ކުޑަ ބޯޓުތަކަކަށް ވާތީ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.

މޯލްޑިވިއަންގައި މިހާރު އޮންނަނީ 12 މަތިންދާބޯޓެވެ. އެއީ އެއާބަސް 321 އަކާއި އެއާބަސް 320 އަކާއި ޑޭޝް8 ގެ 10 ބޯޓެވެ. އަދި ޓްވިން އޮޓާގެ 11 ސީޕްލޭން ވެސް މިހާރު އެ އެއާލައިންގައި އޮވެ އެވެ.