ދިވެހިންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށްވާ ތައިލެންޑުގެ ވެރިރަށް ބެންކޮކަށް މި އަހަރުގެ ޑިސެމްބަރު ސްކޫލު ބަންދާ ދިމާކޮށް ހާއްސަ ދަތުރުތަކެއް ކުރުމަށް މޯލްޑިވިއަން އިން ނިންމައިފި އެވެ. 

މޯލްޑިވިއަން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި ކުރިއަށް އޮތް މިޑްޓާމް ޗުއްޓީއާ ދިމާކޮށް، ކުރާ ހާއްސަ ދަތުރުތައް ބާއްވާނީ އަންނަ ޑިސެމްބަރު 8 އިން ފެށިގެން ޖެނުއަރީ 19 އާ ހަމައަށް ކޮންމެ އަންގާރަ ދުވަހެއްގަ އެވެ. އެއީ އެއީ ޑިސެމްބަރު 8، 15، 22، 29 އަދި ޖެނުއަރީ 5، 12 އަދި 19 އެވެ. 

ބެގޭޖުގެ ގޮތުގައި ކޮންމެ މީހަކަށް 25 ކިލޯގެ އެލަވަންސް ލިބޭ އިރު، ދެކޮޅު ދަތުރުގެ އަގުތައް ފެށެނީ 530 ޑޮލަރުންނެވެ. 

މޯލްޑިވިއަން އިން ސްކޫލު ބަންދާއި ދިމާކޮށް މީގެ ކުރިން ވެސް ވަނީ ބެންކޮކަށް ދަތުރުތައް ކޮށްފަ އެވެ. އެއީ އެ ދުވަސްވަރުތަކުގައި ދިވެހިން އެ ގައުމަށް ކުރާ ދަތުރުތަކުގެ ޑިމާންޑު އިތުރުވާތީ، އެކަމަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ފެށި ދަތުރުތަކެއް ކަމަށް އެ އެއާލައިނުން ބުންޏެވެ.