ގައުމީ އެއާލައިން، މޯލްޑިވިއަންގެ އޮފީހެއް ޗައިނާގެ ވެރިރަށް ބެއިޖިންގައި ރަސްމީކޮށް ހުޅުވައި، އެ ގައުމުގައި ހާއްސަ ރޯޑްޝޯއެއް ބާއްވައިފި އެވެ.

އިއްޔެ ޗައިނާގައި އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތާއި ރޯޑް ޝޯގައި ސަރުކާރުގެ އިސް ވެރިންނާއި އައިލެންޑް އޭވިއޭޝަންގެ އިސް ވެރިން ބައިވެރިވެވަޑައިގަތެވެ. މިއީ ޗައިނާގެ މާކެޓުގައި މޯލްޑިވިއަންގެ ވިޔަފާރި އިތުރަށް ފުޅާކޮށް، ޓޫރިޒަމް ދާއިރާގެ ގުޅުންތައް ބަދަހިކުރުމުގެ މަގުސަދުގައި ބޭއްވި ދެ ހަރަކާތް ކަމަށް މޯލްޑިވިއަންއިން ބުންޏެވެ.

ބެއިޖިންގައި ހުޅުވި އާ އޮފީހުގެ ސަބަބުން ޗައިނާގެ ޓްރެވަލް އޭޖެންޓުންނާއި ވިޔަފާރި ޕާޓްނަރުން އަދި ކަސްޓަމަރުންނާ ގާތުން މަސައްކަތް ކުރުމަށް މަގުފަހިވާނެ ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް ވިދާޅުވީ، ޗައިނާއަކީ ރާއްޖެއަށް އެންމެ މުހިންމު އެއް މާކެޓް ކަމަށާއި، ބެއިޖިންގައި އޮފީހެއް ހުޅުވުމަކީ ޕާޓްނަރުންނާއި ދަތުރުވެރިންނާ އިތުރަށް ގާތްވެވުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ޓްރެވަލް ޓްރޭޑްގެ އެއްބާރުލުމާއެކު، އިތުރު ޗައިނާ ފަތުރުވެރިންނަށް ރާއްޖެއިން މަރުޙަބާ ކިޔުމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.


މޯލްޑިވިއަން އާއި އެ އެއާލައިންގެ ޗައިނާ ޖީއެސްއޭ، މެގާކެޕް ގުޅިގެން އަދި ވިޒިޓް މޯލްޑިވްސް (އެމްއެމްޕީއާރުސީ) ގެ އެއްބާރުލުމާއި އެކު އިއްޔެ ބޭއްވި މި ރޯޑްޝޯގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބު ބައިވެރިވެވަޑައިގަތެވެ.

ބެއިޖިންގައި ހުޅުވި އޮފީހާ ގުޅޭ ގޮތުން ފަޒީލް ވިދާޅުވީ، މޯލްޑިވިއަންގެ އޮފީހެއް ބެއިޖިންގައި ހުޅުވުމަކީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ މާކެޓަކީ ޗައިނާ ކަމަށްވާއިރު، ސީދާ ދަތުރުތައް ވަރުގަދަކުރުމަކީ ދެ ގައުމުގެ ގުޅުމަށާއި އިގްތިސާދަށް މުހިންމު ކަމެއްކަން ސަފީރު ފާހަގަކުރެއްވި އެވެ.

މޯލްޑިވިއަން އިން އަލުން ޗައިނާގެ ދަތުރުތައް ފެށީ މިދިޔަ އަހަރުގެ ޖެނުއަރީގައި އެ އެއާލައިނަށް ގެނައި ފުރަތަމަ އެއާބަސް އޭ330-200 މަރުކާގެ ވައިޑް-ބޮޑީ ބޯޓާއެކުގަ އެވެ. އެއާ އެކު ރާއްޖެ އާއި ބެއިޖިން އަދި ޗެންގްޑޫ ފަދަ ޗައިނާގެ ބޮޑެތި ސިޓީތަކާ ދެމެދު ސީދާ ދަތުރުތައް ވަނީ ފަށައިފަ އެވެ.

ޗައިނާއަކީ 2025 ވަނަ އަހަރު 329،000 އަށް ވުރެ ގިނަ ޓޫރިސްޓުންނާ އެކު ރާއްޖޭގެ އެއްވަނަ މާކެޓެވެ. އަދި އެގައުމުން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް 317،524 ފަތުރުވެރިން ޒިޔާރަތްކޮށް، ޗައިނާ އޮތީ ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ޓޫރިސްޓުންގެ 19.2 ޕަސެންޓް ހިއްސާއާ އެކު އެއްވަނައިގަ އެވެ.