ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން މާލެ އާއި ދ. ކުޑަހުވަދުއާ ދެމެދު ޝެޑިއުލް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އެތެރޭގެ އުދުހުންތަކުގެ ވިއުގާ ފުޅާކުރުމުގެ ގޮތުން، މި ދަތުރުތައް ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށެވެ.

މި އާ ރޫޓުގައި ކޮންމެ ދުވަހަކު ޝެޑިއުލް ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ދަތުރުތަކުގެ ޕްރޮމޯޝަނަލް އަގުތައް ފެށެނީ 1,111ރ. އިންނެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ، މި ދަތުރުތަކުގެ ޓިކެޓް ވިއްކުން މިހާރު ހުޅުވާލާފައިވާއިރު، މޯލްޑިވިއަންގެ ރަސްމީ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަންގެ އިތުރުން، އެ އެއާލައިންގެ ޓިކެޓިން އޮފީސްތަކުންނާއި ހުއްދަ ދީފައިވާ ޓްރެވެލް އެޖެންޓުން މެދުވެރިކޮށް ޓިކެޓް ބުކް ކުރެވޭނެ ކަމަށެވެ.

ކުޑަހުވަދު އަށް ފަށާ މި ދަތުރުތަކާ އެކު، މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތައް ބާއްވާ އެއާޕޯޓުތަކުގެ އަދަދު 18 އަށް އިތުރުވާނެ އެވެ.

މިއީ އެ އެއާލައިންގެ ވިއުގާ އިތުރަށް ހަރުދަނާކޮށް، މުޅި ރާއްޖެ އަށް އިތުބާރުހުރި ވައިގެ ދަތުރުފަތުރުގެ ހިދުމަތެއް ފޯރުކޮށްދިނުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ކުންފުނިން ވަނީ ސިފަކޮށްފަ އެވެ.

އަދި މިއީ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކޮށް، ރަށްރަށަށް ދަތުރުފަތުރުކުރުމުގައި ލުއިފަސޭހަ މަގުތަކެއް ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އައިލެންޑު އޭވިއޭޝަނުން ބުނިގޮތުގައި، މި ރޫޓުގެ ސަބަބުން ދ. އަތޮޅުގެ ރައްޔިތުންނަށް ވަޒީފާ އާއި ތައުލީމީ އަދި ސިއްހީ ހިދުމަތްތައް ހޯދުމަށާއި ވިޔަފާރީގެ އެކި ބޭނުންތަކަށް މާލެއަށް ދަތުރުކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބޭނެ އެވެ.

މީގެ އިތުރުން، ޓޫރިސްޓުންނާއި އެހެނިހެން ދަތުރުވެރިންނަށް އެ ސަރަހައްދަށް ދިޔުމަށް ފަސޭހަވެ، ދ. އަތޮޅުގެ ޓޫރިޒަމާއި އިގްތިސާދަށް އިތުރު ދިރުމެއް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. 

ދ. އަތޮޅުގައި ރާއްޖޭގެ އެންމެ ލަގްޒަރީ ރިސޯޓުތައް ކަމުގައިވާ ކަނޑިންމަ މޯލްޑިވްސް އާއި ނިޔާމަ ޕްރައިވެޓް އައިލެންޑާއި ސެއިންޓް ރެޖިސް މޯލްޑިވްސް އާއި ރިއު އާއި ބަގްލިއޯނީ އާއި އަންގްސާނާ ވެލާވަރާއި ސަން ސިޔާމް އިރު ވެލި ފަދަ ރިސޯޓުތައް ހިމެނެ އެވެ.

ކުޑަހުވަދޫ އެއާޕޯޓު 2017 ވަނަ އަހަރު ހުޅުވުމާ އެކު، 2019 ވަނަ އަހަރާ ހަމައަށް މޯލްޑިވިއަނުން އެ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ބޭއްވި އެވެ.

ނަމަވެސް، މަންތާ އެއާގެ ދަތުރުތައް ފެށުމުން، މޯލްޑިވިއަނުން ވަނީ ދާލު އެއާޕޯޓަށް ކުރާ ދަތުރުތައް ހުއްޓާލައިފަ އެވެ.