އުރީދޫން ވޯލްޑް ކަޕުގެ ރަސްމީ ބޯޅަ "އަލް ރިހްލާ" ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފި އެވެ.
އުރީދޫގެ ފަރާތުން ބޯޅަ ރައީސަށް ހަދިޔާ ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ހާލިދު އަލް-ހަމާދީ އެވެ.
މި ބައްދަލުވުމުގައި ހާލިދު އަދި ރައީސް ވަނީ ޑިޖިޓަލް ދިވެހި ރާއްޖެއެއް ބިނާކުރުމަށް ސަރުކާރާއި އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފަ އެވެ.
މި މަޝްވަރާގައި އުރީދޫން ވަނީ 5ޖީ ކަވަރޭޖް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމާއި، ޕީސް ކޭބަލް ވިއުގަ މެދުވެރިކޮށް ޔޫރަޕާއި ސިންގަޕޫރާއި ރާއްޖެ ގުޅުވައިދީ، ގައުމީ ޓެލެކޮމް އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރައްވައިފަ އެވެ.
މި އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގެ އޮފިޝަލް ބޯޅަ "އަލް ރިހްލާ" ރަސްމީކޮށް ތައާރަފްކުރި އިރު އެޑިޑާސްއިން ވަނީ މި ބޯޅައަކީ ވޯލްޑް ކަޕުގެ ތާރީހުގައި ވެސް އެންމެ ދުވެލި ބާރު ބޯޅަ ކަމުގައި ބުނެފަ އެވެ. އަލް ރިހްލާ ބޯޅަ އުރީދޫން ރައީސަށް އަރުވައިފައި ވަނީ ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގައި ދިވެހި ސަޕޯޓަރުންނަށް ހަނދާން ނައްތާނުލެވޭ ފަދަ ކުލަގަދަ، ފޯރިގަދަ ތަޖުރިބާތަކެއް ހޯދައިދިނުމަށް އުރީދޫއިން ދޭ އަހައްމިއްޔަތުކަމުގެ ރަމްޒެއްގެ ގޮތުން ކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫން ވަނީ މި ފޯރީގައި ބައިވެރިވެވަޑައިގެން ގަތަރުގައި މެޗެއް ބަލާއިލުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދައުވަތު އަރުވާފަ އެވެ.
ހާލިދު ވިދާޅުވީ، ފުޓްބޯޅައަކީ ވަކި އުމުރެއްގެ މީހަކަށް ބެލުމެއް ނެތި، ނުވަތަ ސަޕޯޓްކުރާ ޓީމަކަށް ބެލުމެއް ނެތި، މުޖުތަމައުގައި އެއްބައިވަންތަކަން އުފައްދާ ފޯރިގަދަ ކުޅިވަރެއް ކަމަށެވެ.
"މި ފުޓްބޯޅަ ސީޒަނުގައި ކަސްޓަމަރުންނަށް ވަރަށް ހާއްސަ ފުރުސަތުތަކާއި ހަރަކާތްތައް ރޭވިފައިވާނެ،" އޭނާ ވިދާޅުވި އެވެ.
ފީފާ ވޯލްޑް ކަޕް ގަތަރު 2022 ފެށުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހު އެވެ. މިއީ މެދުއިރުމަތީގެ ގައުމެއްގައި ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ.