އުރީދޫން އިތުރު 40 ރަށެއްގައި 4ޖީ+ގެ ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.

އުރީދޫން މިރޭ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މި ފަހަރު 4ޖީ+ގެ ހިދުމަތް ދޭން ފަށާފައި ވަނީ އއ.، އދ.، ބ.، ދ.، ކ.، ޅ. އަދި ރ. އަތޮޅުގަ އެވެ.

"މުޅި ރާއްޖެ އަށް 4ޖީ+ ފުޅާކުރުމަކީ، އުރީދޫން ރާއްޖޭގެ މުޖުތަމައަށް ދޭ ހަދިޔާއެއްގެ ގޮތުން، އަޅުގަނޑުމެން މި އަހަރު ކޮށްފައިވާ އެންމެ މުހިއްމު އެއް އިންވެސްޓްމަންޓް. އަޅުގަނޑުމެންގެ އަމާޒަކީ، ޑިޖިޓަލް މޯލްޑިވްސް އަށް އަޅުގަނޑުމެން ދޭ އެއްބާރުލުމުގެ ދަށުން، ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރިތަކުގެ ކުރިއެރުމަށް ބޭނުންވާ ވަރުގަދަ ނެޓްވޯކެއް ގާއިމްކުރުން،" އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވި އެވެ.

އުރީދޫގެ 4ޖީ+ގެ ހިދުމަތް ތައާރަފް ކުރުމަށް މިއަދު އދ. ދަނގެތީގައި ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫގެ އޮފިޝަލުންނާއި އެ ރަށުގެ އިސް ވެރިން ސަލާމް ކުރައްވަނީ.-- ފޮޓޯ: އުރީދޫ
އުރީދޫގެ 4ޖީ+ގެ ހިދުމަތް ތައާރަފް ކުރުމަށް މިއަދު އދ. ދަނގެތީގައި ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫގެ އޮފިޝަލުންނާއި އެ ރަށުގެ އިސް ވެރިން ސަލާމް ކުރައްވަނީ.-- ފޮޓޯ: އުރީދޫ

އުރީދޫން ވަނީ އެ ކުންފުނީގެ ސަބްމެރިން ކޭބަލް ނެޓްވޯކް ބޭނުންކުރަން ފަށައި މުޅި ރާއްޖެ އަށް 4ޖީ+ ސްޕީޑުގައި އިންޓަނެޓުގެ ހިދުމަތް އަންނަ މަހުގެ 15 ގައި ދޭން ފަށަން ނިންމައިފަ އެވެ.

މާލެ އާއި އަލަށް ހިދުމަތް ދޭން ފެށި ސަރަހައްދުތަކާ އެކު، އުރީދޫގެ 4ޖީ+ ނެޓްވޯކް ތައާރަފްކޮށްފައިވާ ރަށްތަކަކީ ރ. އިނގުރައިދޫ އަދި މަޑުއްވަރި އާއި ބ. ދަރަވަންދޫ އަދި އޭދަފުއްޓާއި ޅ. ހިންނަވަރު، ނައިފަރު އަދި އޮޅުވެލިފުއްޓާއި ކ. ގާފަރު، ގުރައިދޫ، ހުރާ އަދި ތުލުސްދޫ އާއި އއ. ރަސްދޫ އަދި ތޮއްޑޫ އާއި އދ. ދަނގެތި އަދި މާމިގިއްޔާއި ދ. ކުޑަހުވަދޫ އެވެ. މީގެ އިތުރުން، ސިނާއީ ދެ ރަށް ކަމަށްވާ ކ. ތިލަފުށި އަދި ގުޅީފަޅަށް ވެސް 4ޖީ+ ނެޓްވޯކް ލިބޭ އިރު، 22 ރިސޯޓެއްގައި އުރީދޫން އަންނަނީ މި ހިދުމަތް ދެމުންނެވެ.

އުރީދޫން ވަނީ ޕޯސްޓްޕެއިޑް ދެ ޕެކޭޖު ވެސް މިދިޔަ ހަފުތާގައި ތައާރަފްކޮށްފަ އެވެ. ރާއްޖޭގެ ހުރިހާ ނަމްބަރުތަކަށް ހިލޭ ގުޅޭ ޕޯސްޓްޕެއިޑް ޕްރިމިއަމް 1499 އާ އެކު 25 ޖީބީ އަދި ޕޯސްޓްޕެއިޑް ޕްރިމިއަމް 1999 އާ އެކު އަންލިމިޓެޑް ޑޭޓާ ލިބެ އެވެ.

އެ ޕެކޭޖުތައް ތައާރަފްކުރުން ފާހަގަކުރުމަށް، އުރީދޫން ވަނީ މި މަސް ނިމުމުގެ ކުރިން އުރީދޫގެ 4ޖީ ނެޓްވޯކަށް އަޕްގްރޭޑް ކުރާ ކަސްޓަމަރުންނަށް ދެ ޖީބީގެ ހިލޭ ޑޭޓާ ދޭން ނިންމައިފަ އެވެ.