އެންމެ ޒަމާނީ 4ޖީ+ގެ ނެޓްވޯކަކުން މުޅި ރާއްޖެ ގުޅާލައި، ރާއްޖޭގެ ހުރިހާ ހިސާބުތަކަށް 4ޖީގެ ހިދުމަތް ދިން ފުރަތަމަ ކުންފުނީގެ ޝަރަފް އުރީދޫން ހޯދައިފި އެވެ.

އުރީދޫގެ 4ޖީ+ ނެޓްވޯކް އިފްތިތާހު ކުރަން ހޮޓެލް ޖެންގައި މިއަދު ހަވީރު ބޭއްވި ހަފްލާއެއްގައި އެ ކުންފުނީގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވި ގޮތުގައި، މިއީ އުރީދޫގެ މައި ކުންފުނީގެ ވެރިޔާ މިދިޔަ އޮކްޓޯބަރު މަހު ރާއްޖެ އަށް ކުރެއްވި ދަތުރުގައި އެދިވަޑައިގެންނެވި ކަމެއްގެ ނަތީޖާ އެވެ. ގަތަރުގެ އުރީދޫ ގްރޫޕުގެ ސީއީއޯ ޝެއިހް ސައުދު ބިން ނާސިރު އަލް ތާނީ އަށް ތަޖުރިބާ ކުރެއްވުނީ، ސިންހަ ވިދާޅުވި ގޮތުގައި، މާލެ ސަރަހައްދުގައު އުރީދޫގެ ނެޓްވޯކް ވަރުގަދަ ވިޔަސް، ރާއްޖޭގެ އެހެން ސަރަހައްދުތަކަށް އެ ފެންވަރުގައި ހިދުމަތް ނުލިބޭ ކަމެވެ.

"އަޅުގަނޑު ދެންނެވިން ރާއްޖެ ކަހަަލަ ޖަޒީރާ ގައުމެއްގައި ވަރަށް ގިނަ ގޮންޖެހުންތައް ހުންނަ ކަމަށް. އެކަމަކު، އަޅުގަނޑުމެންގެ ސީއީއޯ އަޅުގަނޑާ ހަވާލުކުރެއްވި ޒިންމާ އަކީ މާލެ ސަރަހައްދަށް ލިބޭ ފެންވަރުގައި، އެންމެ ޒަމާނީ ހިދުމަތެއް މުޅި ރާއްޖެ އަށް ދިނުން،" ސިންހަ ވިދާޅުވި އެވެ.

އުރީދޫގެ 4ޖީ+ ނެޓްވޯކް އިފްތިތާހު ކުރަން ހޮޓެލް ޖެންގައި މިއަދު ހަވީރު ބޭއްވި ހަފްލާގައި އެ ކުންފުނީގެ ސީއީއޯ ސިންހަ (މ) އާއި އިސް ވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އުރީދޫގެ 4ޖީ+ ނެޓްވޯކް އިފްތިތާހު ކުރަން ހޮޓެލް ޖެންގައި މިއަދު ހަވީރު ބޭއްވި ހަފްލާގައި އެ ކުންފުނީގެ ސީއީއޯ ސިންހަ (މ) އާއި އިސް ވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ހުވަފެން ހަގީގަތަކަށް ހެދުމަށް ކުރި މަސައްކަތުން، އެންމެ 19 ދުވަހުގެ ތެރޭގައި އުރީދޫގެ ނެޓްވޯކުގެ ފެންވަރު އެތައް ގުނައެއް މަތިކޮށް، 4ޖީ+ގެ ފެންވަރުގެ ނެޓްވޯކަކަށް ހަދާފައިވާކަން އޭނާ ފާހަގަކުރެއްވި އެެވެ. އެ މަސައްކަތާ އެކު އެކީގައި، މުޅި ރާއްޖެ ހިމެނޭ ގޮތަށް ސަބްމެރިން ކޭބަލް އަޅައި، ވަށައިޖެހޭ ނެޓްވޯކަކަށް އުރީދޫގެ ނެޓްވޯކް ހަދާފައިވާ ކަމަށް ސިންހަ ވިދާޅުވި އެވެ.

އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިކަން ކާމިޔާބުކަމާ އެކު ނިންމައިލެވުނީ، އޭނާ ވިދާޅުވި ގޮތުގައި، ސަބްމެރިން ކޭބަލާއި ނެޓްވޯކުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ކުރި ވާވޭ ކުންފުނީގެ އިތުރަށް، އުރީދޫގެ މުޅި ޓީމުގެ މަސައްކަތުންނެވެ.

"މި ދާއިރާގައި އުޅޭތާ މިވީ 15 އަހަރުގެ ތެރޭގައި ދުވަހަކު ވެސް ނުދެކެން މި ވަރުގެ ޓީމެއް. އެހާ ވެސް މަސައްކަތަށް ފަރުވާތެރިވެގެން، ސަމާލުކަން ދީގެން ކުރީ،" 4ޖީ+ ތައާރަފް ކުރުމުގައި ހަރަކާތްތެރިވި މުވައްޒަފުންގެ އަގުވަޒަންކުރި ހަފުލާގައި ސިންހަ ވިދާޅުވި އެވެ.

އުރީދޫގެ 4ޖީ+ ތައާރަފް ކުރުމުގައި ހަރަކާތްތެރިވި މުވައްޒަފުންތަކަކަށް މިއަދު ހަނދާނީ ފިލައެއް ދެނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އުރީދޫގެ 4ޖީ+ ތައާރަފް ކުރުމުގައި ހަރަކާތްތެރިވި މުވައްޒަފުންތަކަކަށް މިއަދު ހަނދާނީ ފިލައެއް ދެނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ހަފުލާ އަށް ފަހު، އުރީދޫގެ ހެޑް އޮފް ސޭލްސް ހުސެން ނިޔާޒު ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި، 4ޖީ+ގެ ހިދުމަތް މުޅި ރާއްޖެ އަށް ފޯރުކޮށް ދިނުމަށް އުރީދޫގެ ޓީމުން ވަނީ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށްފަ އެވެ. އެއީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި އެކަމަކު އުރީދޫގެ ހުރިހާ މުވައްޒަފުން ވެސް މަސައްކަތް ކުރީ 4ޖީ+ ނެޓްވޯކަކީ ދިވެހިންނަށް ދޭ ހަދިޔާ އަކަށް ހަދަން ކަމަށް އޭނާ ވިދާޅުވި އެވެ.

މި އާ ނެޓްވޯކުގެ ބޭނުން އެންމެ ފުރިހަމަ އަށް ހިފުމުގެ ފުރުސަތު ފަހިކޮށް ދޭން އުރީދޫން އެކި ޕްލޭންތަކާއި ހިދުމަތްތައް ކުރި އަށް އޮތް ތަނުގައި ތައާރަފް ކުރާނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ. އޭގެ ތެރޭގައި އޭނާ ފާހަގަކުރެއްވި އެންމެ މުހިއްމު އެއް ކަމަކީ އިންޓަނެޓުގެ ހިދުމަތް ލިބޭ ސްމާޓްފޯނެއް ނުގެންގުޅޭ ފަރާތްތަކަށް ހާއްސަކޮށް، 4ޖީގެ ހިދުމަތް ލިބޭ ސްމާޓްފޯނު ޕޭމަންޓް ޕްލޭންތަކާ އެކު ތައާރަފް ކުރުމެވެ.

"އުރީދޫގެ ނެޓްވޯކަށް ލިބިފައިވާ ކުރިއެރުމާ އެކު، އޮންލައިން އެޑިއުކޭޝަން އަދި އީ ހެލްތް ފަދަ ފައިދާ ހުރި ސްމާޓް ހިދުމަތްތައް ބޭނުންކުރުމުގައި ދިވެހިންނަށް ގިނަ ގުނަ ފަސޭހަތަކެއް ލިބިގެން ދާނެ،" ނިޔާޒު ވިދާޅުވި އެވެ.

އާ 4ޖީ+ ނެޓްވޯކެއް މެދުވެރިކޮށް ހިދުމަތް ދޭން ފެށިއިރު، އުރީދޫން ވަނީ 25 މިލިއަން ޑޮލަރު (384 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ރާއްޖޭގެ އުތުރުން ދެކުނަށް ސަބްމެރިން ކޭބަލެއް ވެސް އަޅައިފަ އެވެ. އެ ކޭބަލް މެދުވެރިކޮށް ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ދޭން ފަށާފައި ވާއިރު، އެ ހިދުމަތް ގާތްގަނޑަކަށް ތިން މަސްދުވަހުގެ ތެރޭގައި މުޅި ރާއްޖެ އަށް ފުޅާކުރަން ވެސް އުރީދޫން ވަނީ ނިންމައިފަ އެވެ.