އުރީދޫގެ ހިދުމަތްތައް 24 ގަޑިއިރު މޮނިޓަ ކުރާނެ ޒަމާނީ ސެންޓަރެއް ގާއިމްކޮށް، ވިޔަފާރިތަކާއި އޮފީސްތަކަށް ފޯރުކޮށް ދޭ ހިދުމަތްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރަން އެ ތަނަށް ސީދާ ގުޅޭނެ އިންތިޒާމު މިއަދު ހަމަޖައްސައިފި އެވެ.

އުރީދޫގެ އެންޓަޕްރައިޒް ސަޕޯޓް ސެންޓަރު ގާއިމްކޮށްފައި ވަނީ ހުޅުމާލޭގައި ހުންނަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިމާރާތުގަ އެވެ. ނެޓްވޯކް ބޭނުންކުރާ މިންވަރު މެދުކެނޑުމެއް ނެތި ފެންނަ އަދި މައްސަލައެއް ދިމާވެއްޖެ ނަމަ އެކަން ވަގުތުން އެނގޭ ގޮތަށް އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ތައްޔާރުކޮށްފައިވާ މި ސެންޓަރުގައި ޖުމްލަ 15 އިންޖިނިއަރުން މަސައްކަތް ކުރެ އެވެ.

މިއަދު ނޫސްވެރިންނަށް އެ ސެންޓަރު ދައްކާލެއްވުމަށް ފަހު، އުރީދޫގެ ހެޑް އޮފް ޕްލޭނިން ޝަބީން އަލީ ވިދާޅުވީ އުރީދޫން މުޅި ރާއްޖޭގައި ގާއިމްކޮށްފައިވާ މޮބައިލް އަދި އިންޓަނެޓް ނެޓްވޯކާއި އެއާ ގުޅިފައިވާ ބައިނަލްއަގުވާމީ ނެޓްވޯކް، އެ ތަނުން 24 ގަޑިއިރު މޮނިޓަ ކުރާނެ ކަމަށެވެ. އަދި ކުންފުނިތަކާއި އޮފީސްތަކުގެ އެތެރޭގައި ގާއިމްކޮށްފައިވާ ނެޓްވޯކުތަކާއި އެ ތަންތަނަށް އުރީދޫން ފޯރުކޮށް ދޭ ހާއްސަ ހިދުމަތްތަކުގެ ހާލަތު ވެސް ދެނެގަނެވޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"މައްސަލައެއް ޖެހިގެންނޭ މި އުޅެނީ ބުނުމުގެ ކުރިން އެ ބޭފުޅުންނަށް ގުޅާފައި އަޅުގަނޑުމެން ބުނާނަން މައްސަލައެއް އެބަ އުޅޭ، ފަސް މިނިޓް، ދިހަ މިނިޓުގެ ތެރޭގައި ހައްލުކޮށް ދޭނަމޭ ގުޅާފައި ބުނާނަން،" ޝަބީން ވިދާޅުވި އެވެ.

އުރީދޫގެ ސަބްމެރިން ކޭބަލް ބ. އޭދަފުއްޓާ ގުޅާލުމުގެ މަސައްކަތް މިދިޔަ އަހަރުގެ ފަހުކޮޅު ކުރަނީ: އުރީދޫގެ އިންޓަނެޓުގެ ހިދުމަތުގެ ހާލަތު ވެސް މި ސަޕޯޓް ސެންޓަރުން މޮނިޓަ ކުރޭ.-- ފައިލް ފޮޓޯ: ރާއިފް ޔޫސުފް
އުރީދޫގެ ސަބްމެރިން ކޭބަލް ބ. އޭދަފުއްޓާ ގުޅާލުމުގެ މަސައްކަތް މިދިޔަ އަހަރުގެ ފަހުކޮޅު ކުރަނީ: އުރީދޫގެ އިންޓަނެޓުގެ ހިދުމަތުގެ ހާލަތު ވެސް މި ސަޕޯޓް ސެންޓަރުން މޮނިޓަ ކުރޭ.-- ފައިލް ފޮޓޯ: ރާއިފް ޔޫސުފް

އޭގެ މިސާލެއްގެ ގޮތުން އުރީދޫގެ ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒު ނެންގެވި ކަމަކީ ސަފާރީއެއްގައި ހަރުކޮށްފައި ހުންނަ ސެކިއުރިޓީ ކެމެރާތައް ޑައުންވުމެވެ. އުރީދޫގެ 4ޖީ ނެޓްވޯކް މެދުވެރިކޮށް އޮޕަރޭޓް ކުރާ އެ ކެމެރާ ސިސްޓަމް އާއްމުކޮށް ޑައުންވަނީ، އޭނާ ވިދާޅުވި ގޮތުގައި، އެންމެ ކައިރީގައި އުރީދޫގެ އެންޓަނާއެއް ޖަހާފައި ހުންނަ ރަށަކުން ކަރަންޓް ދިއުމާ ގުޅިގެންނެވެ. އެހެން ވެއްޖެ ނަމަ، ސަޕޯޓް ސެންޓަރުން އެ ސަފާރީއަކަށް ގުޅައި އެކަން އެންގުމަށް ފަހު، ބެކަޕް ކަރަންޓް ދިނުމުގެ މަސައްކަތް ކުރާނެކަން ނިޔާޒު ފާހަގަކުރެއްވި އެވެ.

އެންޓަޕްރައިޒް ސަޕޯޓް ސެންޓަރުގައި ހަރުކޮށްފައި ހުރި ބޮޑެތި ސްކްރީންތަކުން އެކި ވައްތަރުގެ ގްރާފުތައް ފެންނަން ހުރެ އެވެ. އެ ގްރާފުތަކުން ދައްކައި ދެނީ އުރީދޫގެ ނެޓްވޯކް ބޭނުންކުރާ މިންވަރާއި އެ ނެޓްވޯކެއްގެ ހާލަތެވެ. އޭގެ ތެރޭގައި، މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖަހާފައިވާ އުރީދޫގެ އެންޓަނާތަކުގެ ހާލަތާއި އުރީދޫގެ ސަބްމެރިން ކޭބަލް ނެޓްވޯކާ ގުޅިފައިވާ ދުނިޔޭގެ 34 ގައުމަކުން އިންޓަނެޓުގެ ހިދުމަތް ލިބޭ މިންވަރު ފަދަ މުހިއްމު މައުލޫމާތުތައް އެނގިގެން ދެ އެވެ.

ސީދާ އިންޖިނިއަރުންނާ ހިސާބަށް

މި މަހުގެ އެކަކުން ފެށިގެން މި ޒަމާނީ ސެންޓަރުގެ ހިދުމަތް ފަށާފައި ވާއިރު، ގެނެސްފައިވާ އެންމެ ބޮޑު ބަދަލަކީ އުރީދޫން ހިދުމަތް ފޯރުކޮށްދޭ ވިޔަފާރިތަކާއި އޮފީސްތަކުން ސީދާ މި ސެންޓަރަށް ގުޅައިގެން ނެޓްވޯކަށް ދިމާވާ މައްސަލަ ހައްލުކުރެވޭނެ ގޮތް ހަދާފައިވުމެވެ. އެ ގޮތުން، އުރީދޫގެ އެންޓަޕްރައިޒް ސަޕޯޓް ނަންބަރު، 221 އަށް ގުޅުމުން މިހާރު ސީދާ އިންޖިނިއަރަކާ ވާހަކަދެއްކޭނެ އެވެ. ކުރިން، ވިޔަފާރިތަކާއި އޮފީސްތަކުން ވެސް ގުޅަން ޖެހެނީ އުރީދޫގެ އާއްމު ކަސްޓަމަ ސާވިސް ނަމްބަރު ކަމަށްވާ 999 އަށެވެ.

"އެންމެ ބޮޑު މަގްސަދަކީ ކަސްޓަމަރަށް މައްސަލަ ދިމާވުމުން އެންމެ އަވަހަށް، ކަސްޓަމަރަށް ވަގުތުން، މިސާލަކަށް ކުރިން ކޯލް ސެންޓަރަށް ގުޅީމައި އެ ތަނުން އެހެން ފަރާތަކަށް، އެ ތަނުން އިންޖިނޭރަކަށް ދާނީ. އެބަ އިނދޭ ހަތަރު ލެވެލްއެއް. މިހާރު މި އިންނަނީ އެއް ކޯލުން ގުޅާލީމަ، ސީދާ އެކަމާ ގުޅޭ ކުދިިންނާ،" ޝަބީން ވިދާޅުވި އެވެ.

"ދިވެހިންގެ އޮންނަ ސަގާފަތެއް ނޫން، އެއްކަލަ ނަމްބަރަކަށް ގުޅާފައި އޮޓަމެޓިކުން އެ ދައްކާ ވާހަކަ އަޑުއަހާކަށް، ވަރަށް އުނދަގޫ ކަމަކަށް ވަނީ ގިނަ ފަހަރަށް. މި ހުންނަނީތާ އޮޓޮމޭޓެޑް އާންސަރިން މެޝިންތައް."

މައްސަލަ ހައްލުކުރަން ވިއްސަކަށް މިނިޓު

ފަންސާހަކަށް ރިސޯޓަކާއި ބޮޑެތި ކުންފުނިތައް ހިމެނޭ ގޮތަށް 100 އާ ގާތްކުރާ އަދަދެއްގެ އެންޓަޕްރައިޒް ކަސްޓަމަރުން އުރީދޫގައި ތިބިިއިރު، މައްސަލައެއް ދިމާވާ ހިސާބުން ފެށިގެން އެކަމެއް އެއްކޮށް ހައްލުކުރެވެންދެން އުރީދޫގެ އިންޖިނިއަރުން އެ ތަނެއްގެ ޓެކްނީޝަނުންނާ ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އުރީދޫން ދެ އެވެ.

އުރީދޫގެ ވޯކްގްރޫޕްގައި އިކޮނޮމިކް މިނިސްޓްރީން ބައިވެރިވުމުގެ އެއްބަސްވުމުގައި މި މަހުގެ ކުރީކޮޅު ސޮއިކުރަނީ: ކުންފުނިތަކާއި އޮފީސްތަކަށް ހާއްސަކޮށް ފޯރުކޮށްދޭ ހިދުމަތްތަކަށް ބޭނުންވާ އެހީތެރިކަން ވެސް ސަޕޯޓް ސެންޓަރުން ފޯރުކޮށް ދޭ.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
އުރީދޫގެ ވޯކްގްރޫޕްގައި އިކޮނޮމިކް މިނިސްޓްރީން ބައިވެރިވުމުގެ އެއްބަސްވުމުގައި މި މަހުގެ ކުރީކޮޅު ސޮއިކުރަނީ: ކުންފުނިތަކާއި އޮފީސްތަކަށް ހާއްސަކޮށް ފޯރުކޮށްދޭ ހިދުމަތްތަކަށް ބޭނުންވާ އެހީތެރިކަން ވެސް ސަޕޯޓް ސެންޓަރުން ފޯރުކޮށް ދޭ.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ފަނަރަ އިންޖިނަރުންނާއި އިތުރު ސީނިއަ އިންޖިނިއަރުން ހިމެނޭ ގޮތަށް ތިން ލެވެލްއެއްގެ ފަންނީ މުވައްޒަފުންގެ އެހީތެރިކަމާ އެކު 24 ގަޑިއިރު ހިންގާ ސަޕޯޓް ސެންޓަރުގެ ހިދުމަތް ފެށުމުން، އުރީދޫން ދޭ އަނެއް ޔަގީންކަމަކީ، ދަތުރުކުރަން ނުޖެހޭ ނަމަ، ބޮޑެތި މައްސަލަތައް ވެސް ގިނަވެގެން 20 މިނިޓުން ހައްލުކުރެވުމެވެ. ތަނަކަށް ދާން ޖެހިއްޖެ ނަމަ، ސަޕޯޓް ސެންޓަރުގެ އިރުޝާދުގެ ދަށުން ރާއްޖޭގެ އަށް ސަރަހައްދެއްގައި ގާއިމްކޮށްފައިވާ އުރީދޫގެ ސެންޓަރުތަކާއި ފަންނީ ޓީމުތަކުން ހަރަކާތްތެރިވާނެ އެވެ. އެހެންވެ، އާއްމު ހާލަތުގައި ގިނަވެގެން ހައެއްކަ ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ތަނަކަށް ވެސް ގޮސް، މައްސަލަ ހައްލުކުރެވޭނެ ކަމަށް އުރީދޫން ބުނެ އެވެ.

"މިތާ ތިބެގެން މައްސަލަ ހައްލުކުރެވޭނެ ގިނަ ފަހަރަށް. ނުޖެހޭނެ ތަނަކަށް ދާކަށް. ރިމޯޓްކޮށް މުޅި ނެޓްވޯކް ރާއްޖޭގައި 2005 އިން ފެށިގެން އިންނަނީ ރަށްރަށަށް ދާން ނުޖެހި މިކޮޅުން ހައްލުކުރެވޭނެ ގޮތަށް. ވަރަށް ބޮޑު ކަމެއްގައި ނޫނީ ނުޖެހޭނެ ސީދާ ރަށަކަށް ދާކަށް،" ޝަބީން ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ސަބްމެރިން ކޭބަލަކާއި 4ޖީ ނެޓްވޯކެއް މެދުވެރިކޮށް ހިދުމަތް ދޭ އުރީދޫން ވިޔަފާރިތަކާއި އޮފީސްތަކަށް ހާއްސަ ގިނަ ހިދުމަތްތަކެއް ފޯރުކޮށް ދެ އެވެ. އޭގެ ތެރޭގައި، ފިކްސްޑް ވޮއިސް، ޖީޕޮން، ވައިފައި، އައިޕީޓީވީ، ޕީބީއެކްސް އަދި ސީސީޓީވީ ފަދަ ހިދުމަތްތައް ހިމެނެ އެވެ.