ވިޔަފާރިތަކަށް ފަންޑު ހޯދައިި ދިނުމަށް މަގުފަހިކުރަން އިސްލާހު ހުށަހަޅައިފި

އިސްލާމިކް ފައިނޭންސްގެ އެކި ބާވަތުގެ އުފެއްދުންތައް ތައާރަފްކޮށް، ވިޔަފާރިތަކަށް ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ފަންޑު ހޯދުމަށް މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.


މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ ރާއްޖޭގެ ކުންފުނިތައް މެދުވެރިކޮށް، ފަންޑް މެނޭޖު ކުރުމުގެ ހުއްދަ ދޫކުރުމާ ބެހޭ އުސޫލުތައް އެކުލަވާލުމަށެވެ. މިއީ އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް ވަރަށް ބޮޑު އެހީތެރިކަމެއްދޭ ފަންޑުތަކެކެވެ.

މީގެ އިތުރުން އިންވެސްޓަރުންގެ ފަންޑުތައް ހަރުދަނާ އުސޫލެއްގެ ދަށުން އަމިއްލަ ވިޔަފާރިތަކަށް ފޯރުކޮށްދެވޭނެ މަގު ފަހިކުރުމަކީ އަމިއްލަ ވިޔަފާރިތައް ތަރައްގީ ކުރަން ކުރެވޭ މަސައްކަތްތައް އިތުރަށް ފުރިހަމަކޮށްދޭނެ ކަމެއް ކަމަށް ވެސް އިސްލާހުގައިވެ އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ރިފާއު ވާހަކަ ދައްކަވަނީ: މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނަށް އޭނާ ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ސީއެމްޑީއޭއަށް މެމްބަރުން އައްޔަން ކުރުމުގެ ހުރިހާ ބާރެއް ލިބިގެން ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް.- ފޮޓޯ: މަޖިލިސް

އިސްލާހުގައިވާ ގޮތުން އިސްލާމިކް ފައިނޭންސް އަކީ ރާއްޖޭގައި މިހާރު ވަރަށް ބާރަށް ކުރިއަރަމުން އަންނަ ދާއިރާއެއް ކަމުން ކެޕިޓަލް މާކެޓްގައި އިސްލާމިކް ސެކިއުރިޓީޒް އިޝޫކުރެވޭނެ، މިހާރަށް ވުރެ ހަރުދަނާ އިންތިޒާމްތަކެއް ހަމަޖައްސަން ވަނީ ކަނޑައަޅައިފަ އެވެ.

"މި ބިލުން ހުށަހެޅިފައިވާ އިސްލާހުތަކުގެ ސަބަބުން ސެކިއުރިޓީޒް މާކެޓްގެ ކަންކަން މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ހިންގައި އަދި މާކެޓް ތަރައްގީ ކުރުމަށް އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ،" އިސްލާހު ހުށަހެޅި ސަބަބެއް ކަމަށް ރިފާއު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވި މި އިސްލާހުގެ ސަބަބުން ކެޕިޓަލް މާކެޓު ޑިވެލޮޕުމަންޓު އޮތޯރިޓީ (ސީއެމްޑީއޭ) އަށް މެމްބަރުން އައްޔަން ކުރެއްވުމުގެ ހުރިހާ ބާރެއް ލިބިވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

ސީއެމްޑީއޭގެ ބޯޑު މެމްބަރަކު މަގާމުން ވަކި ކުރެވޭނީ ޖިނާއީ ކުށެއް ކުރިކަން ޝަރުއީ ކޯޓަކުން ސާބިތުވެ، އޭނާގެ މައްޗަށް ހުކުމެއް އައުމުންނާއި މެމްބަރުކަމުގެ މަގާމުގައި ހުރެ ކޮށްގެން ނުވާނެ ފަދަ ކަމެއް ކުރުމުންނެވެ. އަދި އެއްވެސް ހާލަތެއް މެދުވެރިވެގެން މެމްބަރަކު ބޯޑުން ވަކިވެއްޖެނަމަ 60 ދުވަހުގެ ތެރޭގައި ބޯޑަށް މެމްބަރަކު އައްޔަން ކުރަން ވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ރިފާއު ހުށަހެޅުއްވި އިސްލާހުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވާފައި. - ފޮޓޯ: މަޖިލިސް

މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނަކީ ރާއްޖޭގައި ސެކިއުރިޓީޒް އިޝޫ ކުރުމާއި، ގަނެވިއްކުމާއި ކެޕިޓަލް މާކެޓް ކުރިއެރުވުމަށް 2006 ވަނަ އަހަރު ފާސްކުރި ގާނޫނެކެވެ. މި ގާނޫނުގެ ދަށުން ކެޕިޓަލް މާކެޓް ރެގިއުލޭޓްކުރާ މުއައްސަސާއަކާއި ސްޓޮކް އެކްސްޗޭންޖާއި މާކެޓް ފަންކްޝަން ކުރުމަށް ބޭނުންވާ އެހެން އިންތިޒާމުތައް ވަނީ ހަމަޖެހިފަ އެވެ.