ޗައިނާގެ ގައުމީ އެއާލައިނުން ރާއްޖެ އަށް ދަތުރު ފަށަނީ

ޗައިނާގެ ގައުމީ އެއާލައިން ކަމަށް ވާ އެއާ ޗައިނާގެ ސީދާ ދަތުރުތައް ރާއްޖެ އަށް ފަށަން ނިންމައިފި އެވެ.


ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަން ފޫކާން މިއަދު ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި އެ އެއާލައިނުން ޗައިނާގެ ވެރިރަށް ބެއިޖިން އާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. އެކަން ވަރަށް އަވަހަށް ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އެ ކަމުގައި ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ވެސް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޗައިނާގެ އެންމެ ބޮޑު އެއާލައިނުން ޗައިނާގެ ވެރިރަށާއި ރާއްޖެއާ ގުޅާލުމުން، ރާއްޖެ އަންނަ ޗައިނާގެ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމަށް ސަފީރު ވިދާޅުވި އެވެ. އެއީ، އޭނާ ފާހަގަކުރެއްވި ގޮތުގައި، ގާތްގަނޑަކަށް ދެ މިލިއަނެއްހާ މީހުން އުޅޭ ބެއިޖިންގެ އާބާދީ ރާއްޖެ އަންނަ ޓޫރިސްޓުންގެ ޖުމްލަ އަދަދަށް ވުރެ އިތުރުވުމެވެ.

ބެއިޖިން އާއި ރާއްޖެއާ ދެމެދު މިހާރު ފްލައިޓް އޮޕަރޭޓް ކުރަނީ ދިވެހި އެއާލައިނެއް ކަމަށް ވާ މެގަ މޯލްޑިވްސް އާއި ޗައިނާގެ އަމިއްލަ އެއާލައިނެއް ކަމަށް ވާ ކެޕިޓަލް އެއާލައިނެވެ. ބެއިޖިންގެ އިތުރުން ވެސް ޗައިނާގެ ބައެއް ސަރަހައްދުތަކަށް އެ ދެ އެއާލައިނުން އުދުހޭ އިރު، އިތުރު 11 އެއާލައިނަކުން ވެސް ރާއްޖެ އާއި ޗައިނާއާ ދެމެދު ފްލައިޓް އޮޕަރޭޓް ކުރެ އެވެ. އެކަމަކު، އެއީ ބޮޑަށް ޗާޓަރު ފްލައިޓެވެ.

ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ޗައިނާ އިން ކަމަށް ވިޔަސް، ޗައިނާ މާކެޓް ވަނީ ދަށަށް ގޮސްފަ އެވެ. އެ ގޮތުން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޗައިނާ އިން 30،714 މީހުން ރާއްޖެ އައިސްފައި ވިޔަސް، މިދިޔަ އޮކްޓޯބަރު މަހު އެ އަދަދު ވަނީ 4.1 ޕަސެންޓް ދަށްވެ، 29،444 މީހުންނަށް ތިރިވެފަ އެވެ. އަދި ޗައިނާ އިން ރާއްޖޭގެ ޓޫރިޒަމްގެ މާކެޓުގައި ހިއްސާ ކުރާ މިންވަރު ވެސް ވަނީ 25.1 ޕަސެންޓަށް ދަށް ވެފަ އެވެ.

ރާއްޖޭގެ ޓޫރިޒަމްގައި ވެސް ޗައިނާގެ ބައެއް ކުންފުނިތަކުން ވަނީ އިންވެސްޓްކޮށްފަ އެވެ. އެ ގޮތުން، ޗައިނާގެ ތިން ކުންފުންޏަކުން ރާއްޖޭގައި ރިސޯޓް ތަރައްގީ ކުރަމުން އަންނަ އިރު، މި ފަހުން ވިއްކާލަން އިއުލާނު ކުރި ކ. ފޭދޫފިނޮޅު ވެސް ގަތީ ޗައިނާގެ ކުންފުންޏަކުންނެވެ.