މ. ދިއްގަރު ރައްޔިތުންނާ ރޭ މުހާތަބުކުރައްވައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވާހަކަ ދައްކަވަމުން ކޮށްލެއްވީ ވަރަށް ތަފާތު ސުވާލަކެވެ.

"މި އަހަރުގެ އިރުވައި މޫސުން ފެށިއްޖެތޯ؟" އޭނާ އެއްސެވި އެވެ.

ޖަލްސާ އަށް އައިސްތިބި މީހުން ޖޯޝާ އެކު ނޫނެކޭ ބުންޏެވެ. ރައްޔިތުން ހަރު އަޑުން އެކަން ފާހަގަކުރީ ވަރަށް ބޮޑު ތަސައްލީއެއް ލިބުމުގެ އުފަލުގަ އެވެ.

މި ވޭތުވެދިޔަ ދުވަސްތަކުގައި ދިއްގަރުގެ ރައްޔިތުންނަށް އިރުވައި މޫސުމުގައި ވަރަށް ބިރުވެރި، ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ. ކޮންމެ އިރުވައި މޫސުމަކާ ދިމާކޮށް ވަރަށް ބޮޑަށް އުދަ އަރަ އެވެ. އުދައިގެ އަސަރު ރަށުގެ މެދެއްހާ ހިސާބަށް ކުރެ އެވެ. ގިނަ ގެތަކަށް ލޮނު ވަދެ، އެކަން ހައްލު ކުރަން މާލީ ގޮތުން ވެސް ބޮޑު ހޭދައެއް އޮންނަނީ ކުރަން ޖެހިފަ އެވެ.

އެމްޓީސީސީން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ތްރީޑީ ކުރެހުން ކައުންސިލަށް އަރުވަނީ--ފޮޓޯ: އެމްޓީސީސީ
އެމްޓީސީސީން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ތްރީޑީ ކުރެހުން ކައުންސިލަށް އަރުވަނީ--ފޮޓޯ: އެމްޓީސީސީ

އިރުވައިގެ އުދަ އިން ރައްކާތެރިކަން ހޯދުމަށް ގޭގޭގެ ދޮރު މަތީ ގަލުން ބާޑި ޖަހަ އެވެ. ބައެއް ފަހަރު އެ މޫސުމުގައި ކޮންމެ ދުވަހަކު ހެން އެ މަސައްކަތް ކުރަން ޖެހެ އެވެ.

އެކަމަކު އެތައް ދުވަހެއްވީ މި މައްސަލައަަށް ހައްލެއް ލިބުނީ އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާލުމުންނެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު ނިޝާން ވިދާޅުވީ، އެ ރަށުގެ ރައްޔިތުންނަށް އިރުވައި މޫސުމް އައިކަން ވެސް އެނގެނީ ރަށަށް އުދަ އަރަށް ފެށުމުން ކަމަށެވެ. އެހެންވެ، އިރުވައި މޫސުމް އޮންނަނީ އުފާވެރިކަން ގެއްލިފަ އެވެ.

މިދިޔަ އަހަރާ ހަމައަށް އުދައިގެ އުނދަގޫތައް އެރަށުގެ ރައްޔިތުންނަށް ކުރި އެވެ. އެހެން ނަމަވެސް "މި އަހަރު އެ ރަަށުގެ ރައްޔިތުންނަށް އިރުވައި މޫސުން" ނާންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ސަބަބަކީ އުދައިގެ އަސަރެއް ރަށަށް ނުކުރާތީ އެވެ.

އެމްޓީސީސީއިން ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ--ފޮޓޯ:އެމްޓީސީސީ
އެމްޓީސީސީއިން ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ--ފޮޓޯ:އެމްޓީސީސީ

"2021 އާ ހަމައަށް އަޅުގަނޑުމެންގެ ރައްޔިތުން މިތިބީ ކޮންމެ އިރުވައެއްގައި ހަމަ ނިދި ނުލިބި، ބިރުވެރި ކަމެއްގެ ތެރޭގައި. އެހެން ނަމަވެސް ތޮށި ލެވިގެން ދިއުމުން މިއަހަރު ދިއްގަރުގެ ރައްޔިތުންނަށް އިރުވައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއިން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރުގަ އެވެ. އެ މަޝްރޫއުއަށް 27 މިލިއަން ރުފިޔާ ހޭދަކުރި އިރު ގާތްގަނޑަކަށް 700 މީޓަރުގެ ސަރަހައްދަކަށް ވެލި ލައި ހިލަތޮށި ވަނީ ލައިފަ އެވެ.

އުދަ އެރުމުން ރަށުގެ ދެބައި ކުޅަ އެއްބައި ގެޔަށް ލޮނު ވަދެ، ހިފާ ގެންގުޅޭ ސާމާނަށް ގެއްލުންވެ ގޭގެ ގޯތިތަކުގައި އިންދާފައި ހުންނަ ގަސްތައް ހަލާކުވެ އެވެ. މިކަން ހައްލުވެ އުދަ އެރުމުން ސަލާމަތް ވުމުން ރަށުގެ ރައްޔިތުންނަަށް ވަނީ ބޮޑު އުފަލެއް ލިބިފަ އެވެ.