އެމްޓީސީސީން މިހާރު ވެސް 800 މަޝްރޫއު ހިންގަމުން އަންނަ ކަމަށާއި އެ މަޝްރޫއުތަކަށް އިތުރު މުވައްޒަފުން ނަގަނީ އެ މަޝްރޫއުތަކަށް ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ މިއަދު ވިދާޅުވެއްޖެ އެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ނޮވެމްބަރު 2023 ގައި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު 148 މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކޮށްފައި އޮތް ކަމަށާއި އެކަމަކު މަސައްކަތް ކުރަމުން އައީ 48 މަޝްރޫއުއެއްގެ ކަމަށެވެ.
"އެކަމަކު މިހާރު އެބަ ހިންގަން 800 ޕްރޮޖެކްޓް،" ސައުދީ ވިދާޅުވި އެވެ.
މުވައްޒަފުންގެ އަދަދާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ އެމްޓީސީސީގައި މަސައްކަތްކުރާ ދާއިމީ މުވައްޒަފުންގެ އަދަދަކީ 2،700 ކަމަށެވެ. ކުންފުނީގައި ފަސް ހާހެއްހާ މުވައްޒަފުން މަސައްކަތް ކުރާއިރު ބާކީ ދެން މުޅިން ވެސް ތިބީ އެކި ކޮންޓްރެކްޓްތަކަށް ނަގާފައިވާ ވަގުތީ މުވައްޒަފުން ކަމަށް މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.
"މި ކުންފުނީގައި ދާއިމީ މުވައްޒަފުންގެ އަދަދަކީ 2،500 ކަމަށް ވިޔަސް 7،500 އާ ހަމައަށް މުވައްޒަފުން ނެގޭނެ ކަމަށް ބޯޑުން ވަނީ ހުއްދަ ދީފައި. އެކަމަކު އަޅުގަނޑުމެން މުވައްޒަފުން ނަގާނީ އަތުގައި ހުރި ޕްރޮޖެކްތަކަށް ބޭސްކޮށް. ވަގުތީ ގޮތުން ވެސް ނަގާނެ،" ސައުދީ ވިދާޅުވި އެވެ.