މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އަށް 100 އަށް ވުރެ ގިނަ އާ ވެހިކަލް ހޯދުމަށް ހިންގާ އަށް މިލިއަން ޑޮލަރުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 88 ވެހިކަލް ރާއްޖެ ގެނެސްފި އެވެ.
މުޅިއެކު 129 ވެހިކަލް ގެނައުމަށް ހަމަޖެހިފައިވާއިރު، އެމްއާރްޑީސީ އަށް އެންމެ ފަހުން ގެނައި ވެހިކަލްތައް ދައްކައިލުމަށް އިންޑަސްޓްރިއަލް ވިލެޖްގައި މިއަދު ހަވީރު ބޭއްވި ހަފުލާއެއްގައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ، އެމްއާރްޑީސީގެ ފްލީޓް އާ ކުރުމުގެ ގޮތުން ގެނައި ބައެއް ވެހިކަލްތައް އެކި މަޝްރޫއުތަކުގައި މިހާރު ބޭނުން ކުރަމުން އަންނަ ކަމަށެވެ.
މިހާރު ގެނެސްފައިވާ ވެހިކަލްތަކުގެ އިތުރުން ވެސް ބައެއް ވެހިކަލްތައް ރާއްޖެ އައިސްފައިވާ ކަމަށާއި އެ ތަކެތި ކްލިއާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހަލީމް ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ވެހިކަލްތަކުގެ އެންމެ ފަހުގެ ޝިޕްމަންޓް އަންނަ މަހު ރާއްޖެ ގެންނާނެ އެވެ.
"މިއަދަކީ އެމްއާރްޑީސީގެ ތާރީހްގައި އެމްއާރްޑީސީ އަށް ވަރަށް މުހިންމު ދުވަހެއް،" އެމްޓީސީސީގެ ކުރީގެ ސީއީއޯ ހަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްއާރްޑީސީގައި ކުރިން ގެންގުޅުނު 70 ވަރަކަށް ވެހިކަލްތައް ވަރަށް ބޮޑަށް ބާވެފައިވާ ކަމަށާއި އެއަށް ބޭނުންވާ ސްޕެއާ ވެސް މިހާރު ނުލިބޭ ކަމަށެވެ. އޭގެ ތެރެއިން 25 ވެހިކަލް މިހާރު ވެސް ގްރައުންޑްކޮށްފައިވާ ކަން ވެސް ހަލީމް ފާހަގަކުރެއްވި އެވެ.
"މި ވެހިކަލްތައް ލިބުމާ އެކީގައި އަޅުގަނޑުމެންގެ މަސައްކަތުގެ ސްޕީޑް ވަރަށް ބޮޑުތަން ކުރިއަރައިގެން އަވަސްވެގެން ދާނެ،" އޭނާ ވިދާޅުވި އެވެ.
ހަލީމް ވިދާޅުވި ގޮތުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާތްގަނޑަކަށް 20 މަޝްރޫއު އެމްއާރްޑީސީން މިހާރު އެބަ ހިންގަ އެވެ. އޭގެ ތެރޭގައި 14 ރަށެއްގެ މަގު ހެދުމާއި ގދ. ތިނަދޫ މިއުޒިއަމް ޕާކާއި އިސްލާމީ މަރުކަޒުގެ މަސައްކަތް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހަލީމް ވިދާޅުވީ 67 ރަށެއްގައި ފުޓްސަލް ދަނޑު ހެދުމުގެ މަސައްކަތް ވެސް އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ.
"އެމްއާރްޑީސީ އަކީ ރާއްޖޭގެ އުމްރާނީ ތަރައްގީގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ ކުންފުންޏަކަށް ވާއިރު، ކުންފުނި ފާގަތިކަމާ އެކީގައި ވިޔަފާރީގެ ގޮތުން ވިޔަސް އަދި އިޖްތިމާއީ ގޮތުން ވިޔަސް ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށްޓަކައި ނޫނީ އަދި އުމްރާނީ ތަރައްގީ ގެނައުމަށްޓަކައި ކުންފުނިން ފުޅާދާއިރާއެއްގައި މަސައްކަތް ކުރުމުގެ މަގު މިއަދު މިވަނީ ރައީސް ފަހިކޮށްދެއްވާފައި،" ހަލީމް ވިދާޅުވި އެވެ.
އެމްއާރްޑީސީ އަށް އަލަށް ގެނައި ވެހިކަލްތަކުގެ ތެރޭގައި ފޯކްލިފްޓާއި ލޮރީ އާއި ތާރު އެޅުމަށް ބޭނުންކުރާ ސާމާނާއި އެކްސްކެވޭޓަރު ފަދަ ވެހިކަލްތައް ހިމެނެ އެވެ.