އައްޑޫގެ މަގުތައް ހަދާ ޔުނިޓްގެ ވެހިކަލްތަކެއް މާލެ ގެންދަން ބާޖަކަށް އަރުވައި، މިއަދު އިރުއޮއްސެން އުޅެނިކޮށް ފުރަން ތައްޔާރުވަމުން ދަނިިކޮށް، ހިތަދޫން ބަޔަކު ނުކުމެ އެކަމާ ދެކޮޅަށް އިހުތިޖާޖުކޮށް، އެ ވެހިކަލްތައް ބާޖުން ބާލުވައިފި އެވެ.
ހިތަދޫ ބަނދަރުގައި އޮތް ބާޖަށް އަރުވާފައި އޮތީ އައްޑޫ ޕަބްލިކް ވޯކްސްގެ ވެހިކަލްތަކުގެ ތެރެއިން ހިތަދޫން ދޭއްޗަކާއި ހުޅުމީދޫން ދެ ވެހިކަލެކެވެ. އޭގެ ތެރޭގައި ހިމެނެނީ ކެބަކާއި ދެ ފޯކްލިޓްގެ އިތުރުން މަގު އެއްވަރުކުރާ ޒާތުގެ ވެހިކަލެކެވެ.
ހިތަދޫ އޮޑައްސައު ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު ވިދާޅުވީ ވެހިކަލްތައް މާލެ ގެންދަން އުޅުނީ އައްޑޫ ސިޓީ ކައުންސިލަށް ވެސް ނޭނގި ކަމަށާއި ވެހިކަލްތައް އަރުވާފައި އޮތް ބާޖަކީ ވެސް ކޮން ތަނެއްގެ އެއްޗެއްކަން ސާފުނުވާ ކަމަށެވެ. އެކަމަކު އެ އެއްޗެހި ގެންދަން އުޅުނީ އާރްޑީސީގެ ބޭނުމަކަށް މާލެ ކަމަށް އެނގިފައިވާ ކަމަށް ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި އައްޑޫގެ ޕަބްލިކް ވޯކްސްގެ ވެހިކަލްތަކަކީ ސީދާ އައްޑޫގައި ބޭނުންކުރަން ބަހައްޓާފައި ހުރި އެއްޗިއްސެވެ. އަދި އެއީ އާރްޑީސީ އުފެދުމުގެ މާ ކުރިން ވެސް އެމްއާރްޑީސީގެ ދުވަސްވަރުން ފެށިގެން އައްޑޫގައި ބޭނުންކުރާ އެއްޗެހި ކަމަށް ވިދާޅުވި އެވެ.
"އެހެންވީމާ އެ އެއްޗެހި ގެންދަން އުޅުމަކީ މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.
"މީގެ ކުރިން ވެސް ހަމަ މި ގޮތަށް ވެހިކަލްތަކެއް އައްޑޫން ގެންދަން އުޅުމާއި ބައެއް އެއްޗެހި ކުރިން ވެސް ގެންގޮސްފައި ވާތީ އެކަމާ ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވޭ."
ސައީދު ވިދާޅުވީ އައްޑޫގެ މަގުތަކުގެ ހާލަތު އަބަދު ވެސް ގޯސް ކަމަށާއި އެހެންވެ މަގުތައް މަރާމާތުކުރުން ފަދަ ކަންކަމަކީ ވަރަށް ގިނައިން ކުރަން ޖެހޭ ކަމކަށް ވާތިީ އައްޑޫގެ ޕަބްލިކް ވޯލްސްގެ އެއްވެސް ވަސީލަތެއް އެހެން ތާކަށް ގެންދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.