އައްޑޫ ސިޓީ ކައުންސިލްގެ ވަކީލެއްގެ ކާރުގައި ރޭ ފަތިހު ރޯކޮށްލައި ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.
ގޭގެ ގޯތިތެރޭގައި ޕާކްކޮށްފައި އޮއްވައި ރޭ ފަތުހިގެ 4:30 އެހާކަށްހާ އިރު ރޯކޮށްލާފައި ވަނީ ކައުންސިލްގެ ލީގަލް އޮފިސަަރެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދަވާ އަބްދުﷲ އިހުސާންގެ ކާރުގަ އެވެ. އޭނާ މިއަދު "މިހާރު" ވިދާޅުވީ ކާރުގެ ތެރެއަށް ޕެޓްރޯލް އަޅާލައިގެން ރޯކޮށްލާފައިވާތީ ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައި ކަމަށެވެ.
"ކާރުގެ ކުރީކޮޅުގެ ބިއްލޫރިގަނޑު ވެސް ނައްޓަން މަސައްކަތްކޮށްފައި ހުރިކަން ފާހަގަކުރެވޭ. ކާރުގައި ރޯކޮށްލުމުގެ ސަބަބުން ހުރިހާ ސީޓްތަކާއި ފަހަތު ވެސް ބިއްލޫރި ވެސް ތަޅައިގެން ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ." އޭނާ ވިދާޅުވި އެވެ.
މި މައްސަލަ މިހާރު ވަނީ ފުލުހުންނަށް ވެސް ރިޕޯޓްކޮށްފަ އެވެ.
އިހުސާން ވިދާޅުވީ އޭނާ ގެންގުޅުއްވާތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ އަމިއްލަ ކާރުގައި ރޯކޮށްލި އިރު، އައްޑޫގެ ގޯތީގެ މައްސަލަތަކާއި ބިޑް ކޮމެޓީގައި އޭނާ މަސައްކަތްކުރައްވާތީ ބައެއް މީހުންގެ ހިތްހަމަނުޖެހުންތަކާއި ރުޅިވެރިކަމާ ކުރިމަތިވެވަޑައިގެންފައިވާ ކަމަށެވެ.
"އެހެންވެ ބެލެވެނީ އެފަދަ ކަމަކާ ހިތްހަމަނުޖެހިގެން ދިން ގެއްލުމެއް ކަމަށް." އޭނާ ވިދާޅުވި އެވެ.
މި ފަހުން އައްޑޫގައި ބޮޑުވި ގޯތީގެ މައްސަލަތަކުގައި ވެސް އިހުސާނަކީ ކައުންސިލްގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނާ ބޭފުޅެކެވެ.
އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ކައިރިން ދޫކުރި ގޯތިތައް އަތުލުން ހުއްޓުވުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން ވަނީ ނިންމައިފަ އެވެ.
އެ ސަރަހައްދުން ދޫކޮށްފައިވާ 35 ބިމެއް ދައުލަތަށް ނެގުމަށް ފަހު އޭގެ ބަދަލުގައި ހިތަދޫ ސްޓޭޑިއަމް ސަރަހައްދުން ބިން ދޫކުރަން ކައުންސިލުން ނިންމި މައްސަލާގައި 14 މީހަކު ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އޭގެ ތެރެއިން ހަތް މައްސަލައެއްގައި ހިތަދޫ ކޯޓުން ނިންމާފައި އޮތީ ސިޓީ ކައުންސިލްގެ ނިންމުން ރަނގަޅު ކަމަށެވެ. އަނެއް ހަތް މައްސަލާގައި އެ ކޯޓުން ނިންމީ ކައުންސިލްގެ ނިންމުން ގޯސް ކަމަށެވެ. އެހެންވެ، އެ މައްސަލަތައް ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ.