ބިދޭސީން ހިންގަމުން އައި ތަނެއް: ބިދޭސީން ކުރާ ގަވައިދާ ހިލާފު ވިޔަފާރިތައް ހުއްޓުމަކަށް ގެންނަންޖެހޭ -- ފައިލް ފޮޓޯ: މިހާރު
24 މެއި 2023 - 08:18
މާލޭގެ ކޮންމެ މަގެއްގައި ގަވައިދާ ހިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް އެބަހުއްޓެވެ. އެތައް ބައިވަރު ފިހާރައެކެވެ. އެތައް ބައިވަރު ގެސްޓް ހައުސްއެކެވެ. އެތައް ބައިވަރު ސައި ހޮޓާ/ ކެފޭތަކެވެ. އެތައް ބައިވަރު މާރުކޭޓް ގޮޅިތަކެވެ. ހަމަ އެހެންމެ، އެހާ ބައިވަރު އުނގު ވިޔަފާރިތަކެވެ.
މިއީ ހައްލު ނުވި މައްސަލައެކެވެ؛ އެ މައްސަލަ އާންމުން ޖައްސާއިރަށް ސަރުކާރަށް ބުނެވެން އޮންނަހާ ވެސް ވާހަކައަކީ އެއީ ބިދޭސީން ކުރާ ވިޔަފާރިއެއްކަން އެންމެންނަށް އެނގުނަސް، ރަސްމީ ލިޔެކިޔުންތަކުގައި އޮންނަނީ ދިވެއްސެއް ކަމެވެ. އެހެންވެ، ފިޔަވަޅު އެޅޭނެ ގާނޫނީ ހައިސިއްޔަތެއް ނެތެވެ.
އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގަވައިދަށް ސަރުކާރުން އިހަކަށް ދުވަހު ގެނައި ބަދަލަކީ، ސަރުކާރުން ދެކޭ ގޮތުގައި ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. އެއީ، ފައިސާގެ މުއާމަލާތްތަކަށް ހުރަސް އެޅުމެވެ.
އާ ގަވައިދު ބުނާ ގޮތުން ވިޔަފާރިތަކުގައި ބިދޭސީންގެ އެކައުންޓަށް ފައިސާ ޖަމާކުރުމަކީ ބޮޑުވެގެންވާ ކުށެކެވެ. އޭގެ ސަބަބުން 100،000ރ. އާ ހަމައަށް ޖޫރިމަނާ ކުރެވެ އެވެ. އަދި ވިޔަފާރި ހުއްދަ ފަސް އަހަރަށް ހިފެހެއްޓެ އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވި ގޮތުގައި ދިވެހިންގެ ނަމުގައި ބިދޭސީން ވިޔަފާރިތަކަށް އިންވެސްޓްކޮށް، އެ ވިޔަފާރިތައް ހިންގާކަން އެއީ ސިއްރެއް ނޫން ކަމަށެވެ. އެކަމަކު، އޭނާ ވިދާޅުވި ގޮތުގައި "ޒަމާންތަކެއް ވަންދެން" އެ މައްސަލަ އަށް އަޅައިނުލެވި އޮތް އޮތުން އެއީ މިހާރު އެ މައްސަލަ ހައްލުކުރަން އޮތް އެއް ހުރަހެވެ. ހަމައެހެންމެ، ރާއްޖޭގެ ގާނޫނުތައް ވެސް އޮތީ އެކަން ހައްލުކުރަން ފަސޭހަ ގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ފައްޔާޒް: އޭނާ ވިދާޅުވީ މުޅި މައްސަލަ ހައްލު ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް -- ފައިލް ފޮޓޯ: މިހާރު
"ރާސްލާފައި އަޅުގަނޑުމެންނަށް ގޮސް [އެކަހަލަ] ވިޔަފާރިތައް ބަންދު ވެސް ކޮށްލެވިދާނެ. އެކަމަކު އަޅުގަނޑު ސަރުކާރުގައި ހުއްޓަސް ސަރުކާރުގެ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރެވޭނެ ސިޔާސަތުތަކެއް ގެންނާކަށް ބޭނުމެއް ނުވޭ. ގެންނަ އިރު ވީހާ ވަރަކަށް އެކަން މިނިމައިޒް ކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
"ކިހިނެއްތޯ ނިންމާނީ ދިވެއްސެއްގެ ނޫން ވިޔަފާރިއެއް ކަމަށް އެ ވިޔަފާރިއެއް ދިވެއްސެއްގެ ނަމުގައި އޮންނަހާ ހިނދަކު. ގާނޫނީ ގޮތުން ނުނިންމޭނެ އެއީ ބިދޭސީއެއްގެ ވިޔަފާރިއެއް ކަމަކަށް. އަނެއްކޮޅުން ހަމަ އަޅުގަނޑު ހިތްހަމަނުޖެހޭ ކަމެއް ވީމަ ވިޔަފާރި ގޮސް ހުއްޓުވައެއް ވެސް ނުލެވޭނެ."
ރާއްޖޭގެ ވިޔަފާރިވެރިންގެ ވެސް އެތައް ބައިވަރު ޝަކުވާތަކަކާ އެކު، މި މައްސަލަ ހައްލު ކުރަން އެކި ފަހަރު މަތިން މި ސަރުކާރުން ވެސް މަސައްކަތްކޮށްފި އެވެ. ފައްޔާޒު ވިދާޅުވި ގޮތުގައި މި މައްސަލަ އަށް ހައްލެއް ގެނައުމަށް ދެތިން ފޯރަމެއް ވެސް ބާއްވައި މަޝްވަރާތަކެއް ވެސް ކުރި އެވެ.
"އެކަމަކު މުޅި ހައްލެއް ނުވެއް ދެއްކުނު،" މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެން ވިސްނީ ހަމަގައިމު ވެސް އެކައުންޓަށް ފައިސާ ޖަމާ ކުރާ ކަންކަން އެއީ ވެގެން ވާނެ ގޮތެއް ނޫންކަން. ވިޔަފާރީގެ ފައިދާ ބިދޭސީ މީހާގެ އެކައުންޓަށް ދާކަށް ނުޖެހޭނެތާ. އަޅުގަނޑުމެންނަށް ވިސްނުނީ ބިދޭސީމީހާގެ އެކައުންޓަށް ފައިސާ ޖަމާ ނުވެ ދިވެހި މީހާގެ އެކައުންޓަށް ފައިސާ ޖަމާވަންޏާ އެ ފައިސާ ނުލިބިދާނެ ކަމުގެ ބިރު އޮންނާނެ ކަން. އެހެންވެ މިއީ މި މައްސަލައިގެ އެއް ހައްލު ކަމަށް."
އޭނާ ވިދާޅުވީ މިއީ ބިދޭސީން ގަވައިދާހިލާފަށް ވިޔަފާރި ކުރާ މައްސަލަ ހުއްޓުވުމަށް އޮތް އެންމެ ބޮޑު ހައްލު ނޫން ކަމަށެވެ. އެކަމަކު، މި ފިޔަވަޅާ އެކު ވެސް، ކޮންމެވެސް ބަޔަކު ފަހަތަށް ޖެހުން އެކަށީގެންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮންމެވެސް ބަޔަކު މީގެ ސަބަބުން ވެސް ފަހަތަށް ޖެހޭނެ. އެހެން ގޮތްގޮތް ހޯދާނެ މީހުން ވެސް އުޅޭނެ. ބިދޭސީންގެ އެކައުންޓަށް ފައިސާ ޖަމާކުރުމަކީ މިހާ ހިސާބަށް މަނާ ކަމެއް ނޫން. އެކަމަކު އެކަމަކު މިހާރު އެކަން އެ މަނާވީ. ހަގީގަތުގައި މި އެޅި ފިޔަވަޅަކީ، އެކަހަލަ ވިޔަފާރިތަކަށް ސަރުކާރުން މި އުނދަގޫ ކުރީ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ބިދޭސީންނަށް ވިޔަފާރި ކުރެވޭނެ ގާނޫނެއް އޮތް އިރު، އެ ގާނޫނުގެ ތެރެއަށް ނުވަދެ، ކަންކަންމަތީގައި ތަންތަން ހަދައިގެން ބިދޭސީން ކުރާ ވިޔަފާރިތައް ވަރަށް ގިނަ އެވެ. އެއީ ގާނޫނާ ހިލާފު ކަމެކެވެ. ރާއްޖޭގައި ބިދޭސީން ވިޔަފާރި ކުރާ ނަމަ ދައުލަތަށް ދައްކަން ޖެހޭ ހާއްސަ ޓެކްސްތަކެއް ހުރެ އެވެ. އަނެއްކޮޅުން ނުކުރެވޭނެ ވިޔަފާރިތަކެއް ވެސް ހުރެ އެވެ.
އެކަމަކު، ހީނުކުރާހާ ވަރަށް ވަގު ވިޔަފާރިތައް ފުޅާވެގެން ގޮސްފައި ވަނީ އާންމުން ގަބޫލުކުރާ ގޮތުގައި ބިދޭސީން ކުރާ ވިޔަފާރިތަކަށް ސަރުކާރުން ފިޔަވަޅު އަޅަމުން ނުދާތީ އެވެ. މިވީހާ ދުވަހު ވެސް އެކަން އޮތީ އެހެންނެވެ. ބިދޭސީން ބޭނުންހާ ކަމެއް ކުރަންވީ އެވެ. އެކަން ބަލާނެ ބަޔަކު ނެތެވެ.
ކިހިނެއްތޯ ނިންމާނީ ދިވެއްސެއްގެ ނޫން ވިޔަފާރިއެއް ކަމަށް އެ ވިޔަފާރިއެއް ދިވެއްސެއްގެ ނަމުގައި އޮންނަހާ ހިނދަކު. ގާނޫނީ ގޮތުން ނުނިންމޭނެ އެއީ ބިދޭސީއެއްގެ ވިޔަފާރިއެއް ކަމަކަށް. އަނެއްކޮޅުން ހަމަ އަޅުގަނޑު ހިތްހަމަނުޖެހޭ ކަމެއް ވީމަ ވިޔަފާރި ގޮސް ހުއްޓުވައެއް ވެސް ނުލެވޭނެ.
ފައްޔާޒް ވިދާޅުވީ މައްސަލައަކީ، ގައުމު ތަރައްގީވަމުން އައިވަރަށް ދައުލަތް ނުވަތަ ސަރުކާރު ތަރައްގީ ނުވުމެވެ.
"މީތި މިހާ ލަސްކޮށް މި ދިޔައީ މިކަމާ ގުޅޭ ބައިވަރު ކަންކަން ނުނިމި ހުރީމަ. މިސާލަކަށް ޑިޓެންޝަން ފެސިލިޓީ. މީހަކު ހައްޔަރު ކޮށްގެން ބޭންދޭނެ ގޮތެއް ނޯވޭ. އެންމެ 48 މީހުންގެ ޖާގަ އޮތްތަނެއް މިހާތަނަށް މި ހުރީ. މީހަކު ހައްޔަރު ކޮށްފިއްޔާ 24 ގަޑިއިރުގެ ތެރޭގައި ދޫކޮށްލަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
"އެ ފެސިލިޓީ ނުހެދި މިހާތަނަށް މިއައީ. އެކަމަކު 300 އެއްހާ މީހުންނަށް ފެސިލިޓޭޓް ކުރެވޭނެ ތަނެއް މި ހަފުތާގެ ތެރޭގައި އިމިގްރޭޝަނުން ބޭނުންކުރަން ފަށާނެ. އޭރުން މީހުން ގެނެސް ބޭތިއްބޭނެ."
"ރައްޔިތުންނަށް ދައްކާލަން ބައިވަރު ތަންތަން ބަންދުކޮށްލެވިދާނެ. އެކަމަކު އޭގެ ފަހުން ދެން ކުރެވޭނެ މާ ބޮޑު ކަމެއް ނޯވޭ."
ފައްޔާޒު ފާހަގަ ކުރެއްވި އަނެއް ކަމަކީ ވިޔަފާރި ތަންތަން އިންސްޕެކްޓް ކުރާނެ ކެޕޭސިޓީ ނެތް މައްސަލަ އެވެ.
"އަޅުގަނޑު މިތަނާ ހަވާލުވި އިރު އެކަން ކުރަން ހުރީ އެންމެ މީހެއް. ވިސްނާލައްވާ އެންމެ މީހެއް،" މިނިސްޓަރު ވިދާޅުވި އެވެ.
"މިކަން ރަނގަޅަށް ކުރަން ބަލާއިރު ސަރުކާރަކަށް ނޯވޭ އެވަރަކަށް ހަރަދު ކުރެވޭކަށް. ދުއިސައްތަ ވަރަކަށް މީހުން ބޭނުންވާ ކަމެއް މިއީ. މިހާރު އަޅުގަނޑުމެން އެކަމަށް 18 މީހުން މި ހޯދީ ވެސް ދޭތެރެއަކުން ފިނޭންސުން ދޭ ހުއްދައަކުން. މިހާރު އަޅުގަނޑުމެންނަށް ދެން ކޮންމެވެސް ވަރެއް ވާނެ."
މިނިސްޓަރު ވެސް ގަބޫލުކުރައްވާ ގޮތުގައި އަލަށް އެޅި ފިޔަވަޅުތަކަކީ ވަރަށް ކައިރިން ބަލައި، މޮނީޓާ ކުރެވެން ޖެހޭ ކަންކަމެވެ. އޭނާ ވިދާޅުވި ގޮތުގައި މި ބަދަލު ގެނައުމުގެ ކުރިން މިކަން ތަންފީޒު ކުރެވޭނެ ގޮތްތައް ވެސް ބެލި އެވެ.
ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހިންގި ރީރެޖިސްޓްރޭޝަން ޕްރޮގްރާމް -- ފައިލް ފޮޓޯ: މިހާރު
"އެމްއެމްއެމްއޭގެ އެފްއައިޔޫ [ފައިނޭންސް އިންޓެލިޖެންސް ޔުނިޓް] އާ ވެސް ވާހަކަ ދެއްކިން. ގާނޫނުން މި ބުނަނީ ބިދޭސީ މީހާގެ އެކައުންޓަށް ވަދެގެން ނުވާނެ ކަމަށް ދިވެހި ވިޔަފާރިތަކުން ލިބޭ ފައިސާ. އެހެން ކަމަށް ވަންޏާ ބެލެން ޖެހޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
"ހުރިހާ ކަމެއް ނުބެލޭނެ. އެވަރުގެ ކެޕޭސިޓީއެއް ވެސް ނެތް. އެކަމަކު ވެސް އަޅުގަނޑުމެން މަސައްކަތްކޮށްގެން މިހާރު އިންސްޕެކްޝަން ކުރިއަށް ދާނެ. ޒަމާންވީ މައްސަލައެއް މިއީ. ހަމަ ކުއްލިއަކަށް މިކަން ހައްލެއް ވެސް ނުވާނެ."
ރާއްޖޭގައި ދިވެހިންނަށް ކުރެވެން ހުންނަ ކަންކަމުގެ ތެރެއަށް ބިދޭސީން ވަދެ، މުދަލާއި ހިދުމަތުގެ އަގު ވައްޓާލުމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. އަމިއްލަ އަށް މުދާ އެތެރެކޮށް ވިއްކައި، ނުވިތާކަށް ނުއަގުގައި މަސައްކަތް ކުރާތީ އަރަމުން އައި އެތައް ވިޔަފާރިއެއް ވެސް މިހާރު ބަނގުރޫޓު ވެއްޖެ އެވެ. އެ އެންމެންގެ އާދޭހަކީ، ގަވައިދާ ހިލާފަށް ވިޔަފާރިކުރާ މީހުން ހުއްޓުވުމެވެ.
ވަރަށް ގިނަ އަހަރުތަކަކަށް ފަހު މި މައްސަލަ އަށް މި އެޅީ މުހިންމު ފިޔަވަޅެކެވެ. ފައިސާ ޓްރާންސްފާ ކުރަން ދެން ބިދޭސީ މީހެއްގެ އެކައުންޓް ނަންބަރު ދީފި ނަމަ، އެއަށް ޖަމާކުރުން ވާނީ ކުށަކަށެވެ. އޭގެ ކުރިން އެކަން ރިޕޯޓް ކުރަން އިކޮނޮމިކް މިނިސްޓްރީން އެދެ އެވެ.
މި ފިޔަވަޅުގެ ފައިދާ ރަނގަޅު ގޮތުގައި ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު، އޭގެ ނަތީޖާ ނެރެވޭނީ އެކަން ރަނގަޅަށް މޮނީޓާ ކުރެވިގެންނެވެ. އެކަން އެގޮތަށް ނުވެއްޖެ ނަމަ، އަނެއްކާ ވެސް ވާނީ ފެއިލް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު ފުޅު
29 May 2023
ރާއްޖޭގައި ސައްހަ ވާކްޕާމިޓެެއް އަދި ވިސާ ފީ ނުދައްކާ ހުރުމަކީ ގާނޫނީ ކުށެއް. މިނިސްޓަރ މި ވިދާޅުވަނީ މިފަދަ މީހުންނާމެދު އެޅޭނެ ފިޔަވަޅެއް ނެތޭ. ޤާނޫނުގައި ބަޔާންކުރާ ފިޔަވަޅު އަޅަން ހުރަސްއަޅަނީ ކާކުތޯ. އަދި މިނިސްޓަރަށް ގާނޫނު ތަންފީޒު ނުކުރެވެނީ ކީއްވެތޯ؟ އަދި ރާއްޖެއަށް އެތެރެވާ ކޮންމެ މީހަކު އެތެރެވަނީ ދިވެއްސެއްގެ ނަމުގައި، އެމީހަކު ހޯދާ، އެމީހަކާ ދޭތެރޭ ފިޔަވަޅު ނޭޅެނީ ކީއްވެތޯ؟ މިނިސްޓަރުންނަށް ބޮޑު މުސާރަ ދީފައި މިތިބެނީ ކަންކަންކުރަން
ސަސަ
28 May 2023
އެމީހުން ލައްވާ އެކަން ކުރުވަނީ ނުފޫޒާއި ބާރު ހުރި ދިވެހިން.. އޭގެ ތެރޭގައި ސިފައިންނާއި ފުލުހުން ވެސް އުޅޭކަމަށްވޭ..!
20000
27 May 2023
ބިދޭސީން ސޭޓުންނަށް ތިބުން މަނާ ކޮށްލަބަލަ. ފިހާރަތަ ޗެކުކޮށް އަސްލު ވިޔަފާރި ވެރިއަކީ ކާކުތޯ ބަލާބަލަ. މުއިއްޒު އެކުލަވާލި ޓީމަކީ މިކަމަށް އެންމެ ބެސްޓް ޓީމް. އަހަރަމެން ގޭ ކައިރި އިއްޔެވެސް އެހުޅުވާލި ބަންގާޅިން ފިހާރައެއް. ކަންނެލި އޮޑި ފަހަރު ކުއްޔަށް ނަގައިގެން ހިންްގަނީ ބަންގާޅިން. މިއީ ރާއްޖޭގެ ސަލާމަތަށް ނުރައްކާ ކަމެއް ކަން ނޭގެންޔާ ވެރިކަމުން ފައިބަ ބަލަ. ކުރާނެ މީހުން އެބަތިބި
ނުހުއްޓުވޭނެ
25 May 2023
ދެން ބިދޭސީން ކުރާ ވިޔަފާރިތަކުން ލިބޭ ފައިސާ ޖަމާވާނީ އެމީހުންގެ އެމްބަސީއަށް.
ފަންތޮށިބުރަފަތި
25 May 2023
ޗެކްކޮއްލަބަލަ އިންސްޕެކްޓަރުން ފޮނުވައިގެން ހުޅުމާލެ އެޗްޑީޗީ އޮތީ ނިދި ކުރައވާފަ އެކޮނޮމިކް ފައްޔާބެ ވެއްޖެ ނޫންތޯ ހޭފުޅުލައްވަން
އިސްމާލި
25 May 2023
"ޒަމާންތަކެއް ވަންދެން" އެ މައްސަލަ އަށް އަޅައިނުލެވި އޮތް އޮތުން އެއީ މިހާރު އެ މައްސަލަ ހައްލުކުރަން އޮތް އެއް ހުރަހެވެ. ހަމައެހެންމެ، ރާއްޖޭގެ ގާނޫނުތައް ވެސް އޮތީ އެކަން ހައްލުކުރަން ފަސޭހަ ގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ." ތި ހުރިހާކަމެއް ނޭނގޮތޯ ނޫށްވެރިން އެއްްކޮށް މި މަްއްސަލަ ހައްލުނުވެއްްޖެނަމަ ތިމަންނާ އިސްތިއުފާ ދޭނެކަމަށް އަންގާ އިއުލާން ކުރީ. މިހާރު ކޮން ހާސަރެއްތޯ ތި ދަމަނީ؟
ފައްޔާޒު އަލީ
26 May 2023
އާނ، އޭރަކުނޭގެ އޭރު ބޮލުގައިނީ މަގާމުގެ ދަހިވެތިކަން.
ކަޑަބޮއް ސައީދު
25 May 2023
ގައުމުން ބޭރު ކުރަން ލަސްވާ ސަބަބެއްވެސް ނޭނގޭ.
ސުލް
25 May 2023
އަގު ހެޔޮކޮށް ކާބޯތަކެތި ލިބެނީ އެމީހުންގެ ތަންތަނުން. އަތުގަ ކޭޝް ނެތިއްޔާ ޓްރާންސްފަރ ކުރަން ބުނަނީ. ހަމަ ބަންގްލަދޭޝް ރައްޔިތެއްގެ އެކަުންޓަށް ޖަމާވަނީ. މަނާކުރީމަ ނޫހުގަ ޖެހީމަ ހުއްޓޭ؟
އޮނަރަބްލް އަފީފު ދީދީ
24 May 2023
ތިކަމަށް މަގުފަހިކުރަން ހެދި ބިދޭސިން ޕެންޝަންގައި ބައިވެރިކުރަން ހެދި ޤާނޫނު، ބިދޭސިންގެ މުސާރަ އޭނާގެނަމުގައި އޮތް ބެންކް އެކައުންޓަކަށް ޖަމާކޮށް އޭނާއަށް ބެންކް ނުވަތަ ވެސްޓަރން ޔޫނިއަންފަފަ މަނީ ޓްރާންސްފަރ ހިދުމަތަކުންވެސް މުސާރައިގެ %85 ވުރެން ބޮޑު އެއްޗެއް ރާއްޖެއިން ބޭރަށް ނުފޮނުވޭގޮތަށް ހެދި ޤާނޫނާއި ޤަވާއިދުތައް ތަންފީޒު ނުކޮށް ކިހިނެއް ތިކަންކަން ކުރެވޭނީ. ތިކަމެއް ނުވާނެ ނުވެސް ކުރާނެ.
ކޮރަލް
24 May 2023
ރަސްމީ ލިޔެކިޔުންތަކުގައި އޮންނަނީ ދިވެއްސެއް ކަމެވެ. އެހެންވެ، ފިޔަވަޅު އެޅޭނެ ގާނޫނީ ހައިސިއްޔަތެއް ނެތެވެ. ބިދޭސީ ގިނަ ވިޔަފާރި ތަކުގަ ސޭޓުންނަށް އެހުންނަނީ އެވިޔަފާރީގެ ހުރިހާ ފައިދާ އެއް ލިބޭ މީހާ އެވެ. ސޭޓުންނަށް ކޯޓ އެއް ދޫ ނުކުރެ އެވެ އެކަމު ޑިޕޯޓް ނުކުރެ އެވެ. ގަވާއިދާ ހިލާފައް ވިޔަފާރި ކުރާ ބިދޭސީން ޑިޕޯޓް ނުކޮށް މައްސަލަ ހައްލެއް ނުވާނެ އެވެ. ދެން ބޭންކް މިލިއަނުން އެބަހުރެ އެވެ. މުސާރަ އަކީ 300 ޑޮލަރެވެ. މިވެސް ނުބަލަ އެވެ.