16 ޖެނުއަރީ 2025 - 12:35
ކަނޑުމަގުން ރާއްޖެ އަށް ސިގިރޭޓު ޝިޕްމެންޓެއް އެތެރެކުރި މައްސަލައަކީ ރޭވުންތެރިކަމާ އެކު ހިންގި މަކަރާ ހީލަތުގެ ބޮޑު އަމަލެއް ކަމަށް 241 ކޮމިޓީ (ސަލާމަތީ ހިދުމަތްތަކާ ކޮމިޓީ) އިން ބުނެފި އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން މިއަދު ބޭއްވި އެ ކޮމިޓީގައި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ކަސްޓަމްސް އިން ހިއްސާކުރި ބައެއް މައުލޫމާތުތަކުގައި ސުވާލު އުފެދޭ ކަންކަން އެބަހުރި ކަމަށާއި އެހެންވެ، އިތުރަށް އެ މައުލޫމާތު އޮޅުންފިލުވަން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ، އެ މައްސަލަ ނިންމެން އޮތީ ސުވާލުތަކަށް ޖަވާބު ލިބިގެން ކަމަށެވެ.
އަމިއްލަ ކުންފުންޏެއްގެ ތެޔޮ ބޯޓެއްގައި 8،400 ސިނގިރޭޓު ކާޓަން ނުވަތަ 84،000 ސިނގިރޭޓު ފޮށި އެތެރެ ކުރި މައްސަލައެއް ފެންމަތިވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އެ މައްސަލައިގައި އެ ކުންފުނީގެ މެނޭޖްމެންޓުގެ އެއްވެސް ބައިވެރިވުމެއް އެ މައްސަލައިގައި ނެތް ކަމަށާއި އެކަމުގައި ކުންފުނީގެ އެތެރޭގެ ތަހުގީގެއް ވެސް ފަށާފައިވާ ކަމަށް ބުނެފަ އެވެ. އަދި އެ މައްސަލާގައި ހިމެނޭ މީހުންނަށް ވަނީ ފިޔަވަޅު އަޅައިފަ އެވެ.
މައްސަލައާ ގުޅިގެން ކުންފުނީގެ ކްރޫއިންގެ ބަޔާން ނަގާފައިވާ އިރު، އެ މައްސަލަ އަންނަނީ ފުލުހުން ތަހުގީގު ކުރަމުންނެވެ.
މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ، ކަސްޓަމްސް އިން ކޮމިޓީ އަށް ދިން ބަޔާނުގައި ބުނެފައިވާ ގޮތުން އެތެރެކުރީ ފޭކު ސިނގިރޭޓުތަކެކެވެ. އަދި އެ ބްރޭންޑުގެ ސިނގިރޭޓު އެތެރެކުރާ އަސްލު ކުންފުނިން ކޯޓަށް ދިއުމުން، ކޯޓު އަމުރެއްގެ ދަށުން ބޮންޑެޑް ވެއާހައުސްގައި އެ ތަކެތި ބެހެއްޓިފައި ހުރި ކަމަށް ބުންޏެވެ. އެކަން އެގޮތަށް ކޮށްފައި އޮއްވާ ސިނގިރޭޓު އެތެރެ ކުރި ކަމަށް ތުހުމަތު ކުރެވޭ ކުންފުނީގެ ހިއްސާދާރުން ވެސް ބަދަލުކޮށްފައިވާ ކަން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިނގިރޭޓު އެތެރެކުރި ކަމުގެ ތުހުމަތު ކުރެވެނީ އެގްޒޮޓިކް އެންޓަޕްރައިސެސް ކިޔާ ކުންފުންޏަކަށެވެ.
"ކަސްޓަމްސް އިން ފޮނުވާފައި އޮތް ޓައިމްލައިނެއް އެބައޮތް. އެ ޓައިމްލައިނުން ބައެއް މައުލޫމާތު މަދުކަން އަޅުގަނޑުމެންނަށް އެބަ ފާހަގަވޭ. އޭގައި ހިއްސާ ބަދަލު ކުރި ތާރީހެއް ވެސް ނެތް. ފަހުގެ ތާރީހެއްގައި ކަސްޓަމްސް އިން މައުލޫމާތު ދިން [ކުންފުންޏާ ފަހުން ހަވާލުވި ހިއްސާދާރުންގެ] ގެ ހާޒިރުގައި އެތަކެތި ހިއްސާދާރުންނާ ހަވާލުކުރި ކަމަށް،" އޭނާ ވިދާޅުވި އެވެ.
އެކަން ހިނގި ތާރީހު ވެސް ޓައިމްލައިނުން ނޭނގޭ ކަމަށާއި ފަހުން ހަވާލުވި ހިއްސާދާރުން ތިބި ކުންފުންޏަށް 46 މިލިއަން ރުފިޔާ ބިލް ކޮށްފައި އޮތް ކަން ވެސް އެނގޭ ކަމަށް ނާޒިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި، އެކަން ކޮށްފައިވަނީ ވަރަށް ބޮޑަށް ރާވައިގެންނެވެ.
"އެންމެ ފުރަތަމަ ސިނގިރޭޓު އެތެރެ ކޮށްފައި ފައިސާ ދައްކާފައި އޮއްވާ، ކޯޓު އަމުރެއްގެ ދަށުން އެ ތަކެތި ހިފެހެއްޓީމަ، ކުންފުނީގެ ހިއްސާ ބަދަލުކުރީ. ބަދަލުކޮށްފައި ބޮންޑެޑް ވެއާ ހައުސްގައި ހުރި ތަކެތި ގާނޫނާ ގަވާއިދާ ހިލާފަށް ވިއްކާލީ،" އޭނާ ވިދާޅުވި އެވެ.
ކަސްޓަމްސް އަށް އެކަން އެނގުނީ ވެސް މަޖިލީހުގެ 241 ކޮމިޓީން ބުނުމުން ކަމަށާއި އެއީ މަކަރާއި ހިލާތުގެ ބޮޑު ޖަރީމާއެއް ކަމަށް ނާޒިމް ތުހުމަތު ކުރެއްވި އެވެ. އޭނާ ވިދާޅުވީ، މިކަން އެންމެ ފުރަތަމަ ފެށިގެން އައީ ކިހިނެއްތޯ ބެލުމަށްޓަކައި އިތުރަށް ކަސްޓަމްސްއާ ސުވާލު ކުރަން ޖެހޭ ކަމަށެވެ.
ކޮމިޓީން މިއަދު ނިންމީ، ސިނގިރޭޓު އެތެރެކުރި މައްސަލައިގައި ހޯކްސްގެ ބައިވެރިވުމެއް އޮތް ތޯ ބަލައި އޭގެ ރިޕޯޓެއް ވަކިން ހަދައި، އޭގެ ފައިސާގެ މުއާމަލާތްތަކާއި އޭގައި ޝާމިލުވާ ކުންފުނިތަކާ ގުޅޭ މައްސަލަ އެހެން ރިޕޯޓެއްގެ ގޮތަށް ތައްޔާރުކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާށެވެ. އަދި މައްސަލައަށް ބޭނުންވާ އިތުރު މައުލޫމާތު ހޯދުމަށް ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އާއި ކަސްޓަމްސް ކޮމިޝަނަރު ހާޒިރު ކުރުމަށް ވެސް ކޮމިޓީން މިއަދު ނިންމި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޯމު ސެޓު
17 January 2025
ކޮން އިތުބާރެއްބާ އަހަރުމެން ކުރަންވީ މަޖިލީހުގަ އެހެން މީހުންގެ ހިޔާނާތުގެ ވާހަކަ ދައްކާ މީހުނަށް؟ ކޮން ކަމަކުން އަހަރުމެންގެ ސަމާލުކަން ގެއްލުވާލަންބާ ނުނިމި އޮތް ތަހުގީގެއްގެ ވާހަކަ ހާމަ ކުރަމުން މި ގޮތަށް ވާހަކަ ދައްކަނީ؟ ކޮން އިހުލާސްތެރިކަމެއްބާ އޮތީ؟
އަހުމިއްޓޭ
17 January 2025
ގަސްތުގައި އެމްޕީއެލްތެރޭ ބަހައްޓާފަ ހުންނަ ކާގޯ އެކްސްރޭ މެޝިން ނަހަދަހުންނަނީ. މައްސަލަ ޖެހިފަހުންނަތާ ދެއަހަރަށްވުރެގިނަ. ކޮންމެވެސް ބަޔަކަށް ފައިދާތަކެއްވާތީދޯ ސްކޭންނުކޮށް މުދާއެތެރެކުރާނީ.
ތަމީމު
16 January 2025
މި ސިނގިރެޓުތަށް، ކަސްޓަމްސް ގެ ބެލުމުގެ ދަށުން ކަސްޓަމްސްގެ ހެޑް އޮފީސް ކޮޅަށް، ގެންދަން ކަމަށް ބުނެ، އެމްޕީއެލް ސަރަހައްދުން ބޭރު ކުރީ މި މަސްތެރޭގައި.
ސިނގިރޭޓު
16 January 2025
ހޯކްސް ކުންފުނިން ވަގަށް އެތެރެކުރި ސިނގިރޭޓު އާއި އެންޓަޕްރައިސެސް ކިޔާ ކުންފުނިން އެތެރެކުރި ސިނގިރޭޓު. މީ ދެ މައްސަލައެކެވެ! ދޮގުނަހަދާ !
ނުބާ
16 January 2025
ފުރިހަމަ މައުލޫމާތު ނުބާ!
ހުސަ
16 January 2025
މިރާއްޖޭގައި ބައެއް މީހުންގެ އަތްމަތި ވަރަށް ކުރުމުއްދަތެއްގެތެރޭ އާދަޔާއި ޚިލާފަށް ތަނަވަސްވެފައި ހުރިތަން ފެންނަލެއް ގިނަ! ތިމާއަށް ލިބޭ ޢާންމުދަނީ އާއި ނުބައްދަލު ވަރަށް ތަނަވަސް ދިރިއުޅުން އުޅޭ މީހުން ގިނަ! އެއްވެސް މަސައްކަތެއް ނުކޮށް ކުއްލިއަކަށް އާދަޔާ ޚިލާފް ތަނަވަސްކަމެއްގެތެރޭ އުޅޭ މީހުން ގިނަ! މިކަން މިހެން ހިނގާފައި ހުންނަނީ "ވައްކަން" ކޮށްގެން! ކޮރަޕްޝަން ހިންގައިގެން! މަސްތުވާތެކެތި ވިއްކައިގެން! މިއީ ބަލަންޖެހޭ ކަންކަން ނޫންތޯ؟
ދޭހިލޭ
16 January 2025
ތިޔަ ތަޙުގީގެއް ކޮށްފައި، ތަހުޤީގަށް ކަމެއް ފެނިފައި، ޕްރޮސެކިއުޓް ކުރެވިފައި، ޝަރީޢަތަށް ކުރެވޭނެ ދުވަހެއް އަންނާނެ ބާވައެވެ. ތަހުގީގުކޮށް ނިންމޭނެހައި ދުވަހެއް ނުވޭ ބާވައެވެ.
ކުދު ބެއްޔާގެ ޗޯޓޭ
16 January 2025
ފުރިހަމަ އަށް މައުލޫމާތު ނަގާއިގެން ދޯ 241 ކޮމެޓީ އަށް ފޯރު ކޮށްދޭން ޖެހޭނީ؟ ޖުހާ އަންހެނުން ފޮނުވި ސިޓީ ކިޔާލި ގޮތަށް ނޫން ދޯ އިއްވަން ވާނީ ؟؟؟
އަދުރޭސް
18 January 2025
ފުލުހުސްއޮފީސްގެ ތަހުގީގުބައި އުވާލާފައި 241 ކޮމެޓީއިން ރާއްޖޭގެ ހުރިހާ ތަހުގީގެއް ހިންގުމާއި ހަވާލުވާންފެނޭ. ނޫނީ 241 ކޮމެޓީގައި ތަހުގީގުކުރަންތިބި މީހުން ފުލުހުންގެ ތަހުގީގުބަޔަށް ވައްދަންވީ.