ޓޫރިސްޓުންތަކެއް އެއާޕޯޓުން ނުކުންނަކީ. މިދިޔަ އަހަރަކީ ދުނިޔޭގެ ޓޫރިޒަމަށް ވެސް ކާމިޔާބު އަހަރު
22 ޖެނުއަރީ 2025 - 15:13
ދުނިޔޭގެ ޓޫރިޒަމް ދާއިރާ ކޮވިޑްގެ ކުރީގެ ހާލަތަށް ރުޖޫއަވެ، 1.4 ބިލިއަން ޓޫރިސްޓުން މިދިޔަ އަހަރު ދަތުރުކޮށްފައިވާ ކަމަށް ޔުނައިޓް ނޭޝަން ވޯލްޑް ޓޫރިޒަމް އޮގަނައިޒޭޝަން (ޔޫއެން ޓޫރިޒަމް) އިން ބުނެފި އެވެ.
އޭއެފްޕީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ދުނިޔޭގެ ގިނަ މަންޒިލްތަކަށް ދަތުރުކުރި ޓޫރިސްޓުންގެ އަދަދު ކޮވިޑުގެ ކުރީގެ ހާލަތަށް ވުރެ މިހާރު އިތުރެވެ. މިދިޔަ އަހަރު ވަނީ އޭގެ ކުރީ އަހަރަށް ވުރެ ޓޫރިސްޓުން ދަތުރު ކުރި ވަރު 11 ޕަސެންޓު އިތުރުވެފަ އެވެ. އެކި މަންޒިލްތަކަށް 2023 ވަނަ އަހަރު ވަނީ 1.3 ބިލިއަން ޓޫރިސްޓުން ދަތުރުކޮށްފަ އެވެ. އެއީ 2019 ވަނަ އަހަރު ވެސް ޓޫރިސްޓުން ގައުމުތަކަށް ދަތުރު ކުރި ވަރެވެ.
"ޓޫރިޒަމް ދާއިރާ އަންނަނީ ވަރަށް ބޮޑަށް ކުރިއަރަމުން. ހާއްސަ އޭޝިއާގެ ގައުމުތަކުގެ ޓޫރިޒަމް ވަނީ ވަރަށް ބޮޑަށް ރިކަވާ ވެފައި،" ޔޫއެން ޓޫރިޒަމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
މިދިޔަ އަހަރު ޓޫރިޒަމް ދާއިރާ އިން 1.6 ޓްރިލިއަން ޑޮލަރު ލިބިފައިވާއިރު އެއީ 2023 ވަނަ އަހަރަށް ވުރެ ތިން ޕަސެންޓުގެ ކުރި އެރުމެކެވެ. އަދި އެއީ 2019 ވަނަ އަހަރަށް ވުރެ ހަތަރު ޕަސެންޓުގެ ކުރިއެރުމެކެވެ.
މި އަހަރުގެ ދުނިޔޭގެ ޓޫރިޒަމް އެ އަށް ވުރެ ވެސް ކުރިއަރާނެ ކަމަށް ބެލެވޭ ކަމަށް ޔޫއެން ޓޫރިޒަމް އިން ލަފާކުރެ އެވެ.
ދުނިޔޭގެ ޓޫރިޒަމް ރަނގަޅުވަމުން އައި އިރު މިދިޔަ އަހަރު ރާއްޖެ އިން ވަނީ ކޮވިޑުގެ ކުރިން އައި ޓޫރިސްޓުންގެ އަދަދަށް ވުރެ ތިން ލައްކަ ޓޫރިސްޓުން އިތުރަށް އައިސް، ފުރަތަމަ ފަހަރަށް ދެ މިލިއަން ޓޫރިސްޓުން ފަހަނައަޅައިފަ އެވެ. ވޭތުވެދިޔަ ތިން އަހަރު ވެސް އެއް އަހަރުން އަނެއް އަހަރު ރާއްޖެއަށް އަންނަ ޓޫރިސްޓުން އަދަދު ވަނީ އިތުރުވެފަ އެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް 132،000 ޓޫރިސްޓުން އައި އިރު އެއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 9.4 ޕަސެންޓު އިތުރު އަދަދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy