ރާއްޖޭގައި ހިންގަމުންދާ ރިސޯޓެއް: މިވަގުތު ރާއްޖޭގައި 180 އެއްހާ ރިސޯޓު އަންނަނީ ހިންގަމުން --- ފޮޓޯ/މިހާރު
23 އެޕްރީލް 2025 - 17:51
މި ސަރުކާރުން މިހާތަނަށް 13 ތަނެއް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ 10 ތަނެއް ދޫކޮށްފައިވަނީ ކްލޯސްޑް ބިޑިން އުސޫލުން ކަމަށާއި އަދި ތިން ތަނެއް ދޫކުރީ ކްރޮސް ސަބްސިޑީގެ އުސޫލުން ކަމަށެވެ. އަދި އޯޕަން ބިޑިންގެ ދަށުން ދޫކުރުމަށް އިތުރު ތިން ތަނެއް މިހާރު ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޯޕަން ބިޑިންގެ ދަށުން ތިން ތަނެއް ވަނީ ހުޅުވާލެވިފައި. އޭގެ ތެރޭގައި ކެލާގެ ފަޅު ތެރޭގައި ހަދަން ޕްލޭންކޮށްފައި އޮތް ދެ ރަށާއި ކާށިދޫ ފަޅުގައި ހަދާ ރަށް ވަނީ ޓެންޑާ ކުރެވިފައި،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ތޯރިގް ވިދާޅުވީ އަމާޒަކީ މިއަހަރު ތެރޭގަައި 1،290 އެނދު މާކެޓަށް ނެރުން ކަމަށެވެ. އަދި އެކަން ހާސިލުވާނެ ކަމަށެވެ.
ޓޫރިޒަމްގެ ބޭނުމަށް މިވަގުތު 156 ރިސޯޓެއް ތަރައްގީ ކުރަމުން އަންނައިރު އެކި ސަބަބުތަކާ ހެދި 61 ރަށެއްގެ މަސައްކަތް އޮތީ އަދިވެސް ހުއްޓިފަ އެވެ. ރާއްޖޭގައި ޓޫރިޒަމްގެ ހިދުމަތްދޭ 65 ދިވެހި ބްރޭންޑްގެ އިތުރުން އިންޓަނޭޝަނަލް 110 ބްރޭންޑުން ގެންދަނީ ޓޫރިޒަމްގެ ހިދުމަތް ރާއްޖޭގައި ދެމުންނެވެ.
ޓޫރިޒަމްގެ އާ މާސްޓަ ޕްލޭންގެ ތެރެއިން 2027 ވަނަ އަހަރު ޓޫރިޒަމުން ލިބޭ އާމްދަނީ ހަ ބިލިއަން ރުފިޔާއަށް އިތުރު ކުރުމަށް ވަނީ އަމާޒު ހިފައިފަ އެވެ. ޓޫރިޒަމުން 2023 ވަނަ އަހަރު ވަނީ 4.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy