ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް -- ފޮޓޯ: އެމްއޭސީއެލް
23 ޖޫން 2025 - 14:01
އަންނަ ޖުލައި 26 ގައި ހުޅުވަން ތައްޔާރުވަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގައި އެންމެ ފާހަގަކޮށްލެވޭ އެއް ސަރަހައްދަކީ އެ ތަނުގެ "އިމާސިވް ޓަނަލް" އެވެ. އެއީ ޗެކިން ކައުންޓަރުތަކާއި އިމިގްރޭޝަން ކައުންޓަރުތަކާއި ކްލިއާ ވުމަށް ފަހު ފަސިންޖަރުންނަށް ވަދެވޭ ދޮރާއްޓެވެ.
ގާތްގަނޑަކަށް 12 ވަރަކަށް ފޫޓުގެ އެ ބޮޑު ދޮރާށިން ފެންނާނީ ރާއްޖޭގެ ހިތްގައިމު ކަނޑުގެ މަންޒަރުތަކާއި ގުދުރަތީ ރީތި ރަށްތަކުގެ ނަލަ ކަމެވެ. އެ އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު، އާ އެއާޕޯޓުގެ އެންމެ ހާއްސަ ކަންތައް ކިޔައި ދެއްވަން ފެއްޓެވީ އެ ހިސާބުންނެވެ.
އާ ޓާމިނަލް ހުޅުވަން މިހާރު ނިންމާފައި ވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ވެސް ދިމާކޮށް ކުރިއަށް އޮތް ޖުލައި 26 ގަ އެވެ.
ހަތަރު ޕާކިން ސްޓޭންޑް އިތުރަށް ލިބޭނެ. އެ ވަގުތުގައި ވައިޑް ބޮޑީގެ ޓާން އެރައުންޑަށް ބަލާފައި އިތުރު 16 އެއާލައިނަށް ކޭޓާ ކުރެވޭނެ ޕްރައިމް ޓައިމްގައި. އެއީ ވަރަށް ބޮޑު އަދަދެއް.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އެޅުމަށް ސައުދީ ބިންލާދިން ގްރޫޕާ ސަރުކާރުން ހަވާލުކުރީ 2016 ވަނަ އަހަރު އެވެ. މީގެ އަށް ވަރަކަށް އަހަރު ކުރިން ފެށި އެ މަޝްރޫއު ނިންމައި އެއާޕޯޓް އަވަހަށް ހުޅުވުމަކީ އާ ސަރުކާރު ވެރިކަމާ ހަވާލުވެ، އެންމެ އިސްކަމެއް ދިން އެއް ޕްރޮޖެކްޓެވެ. އެކަމަށް ބޭނުންވާ އިތުރު ފައިނޭންސިން ވެސް ސައުދީ ފަންޑާ ގުޅިގެން އިތުރު ކުރި އެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓާ ޝަރީފު ވާހަކަދައްކަވަނީ -- ފޮޓޯ: އެމްއޭސީއެލް
ފަސިންޖަރުންގެ ޓާމިނަލް 78،000 އަކަ މީޓަރަކަށް ބޮޑުކޮށް، ހިދުމަތް ހޯދާ މީހުންގެ އަދަދު 7.5 މިލިއަން ފަސިންޖަރުންނަށް އިތުރު ކުރާނެ އެވެ. ޕްރޮޖެކްޓަށް ގެނައި އާ ބަދަލުތަކާ އެކު، އެ ތަނަށް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ހަރަދުކުރި އެވެ.
އެހާ ބޮޑު ހޭދައެއް ކޮށްގެން ވެސް އެ ޓާމިނަލް ނިންމަން ޖެހޭ ސަބަބަކީ އެއާޕޯޓަށް އަންނަ ފަސިންޖަރުންގެ 98 ޕަސެންޓު ޓޫރިސްޓުންނަށް ނިސްބަތްވުމެވެ.
ސީޒަން [ޓޫރިޒަމް ޕީކް] ގައި މުޅިން ބޭނުން ކުރާނީ އާ ޓާމިނަލް. -- ޝަރީފް
ޓޫރިޒަމަކީ ރާއްޖޭގެ މުޅި އިގްތިސާދު ބިނާވެފައި އޮތް ދާއިރާ ކަމަށްވާ އިރު އެ އެތަން ހުޅުވައިގެން އިގްތިސާދަށް ވަންނަ އާމްދަނީ އެތައް ގުނައެއް އިތުުރު ކުރެވޭނެ އެވެ. މާލީ އިދާރާތަކުން ވެސް ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރާ އެއް ފެކްޓާ ބިނާ ކުރަނީ އާ ޓާމިނަލް ހުޅުވުމާ އެވެ. އެއާޕޯޓުގައި މިވަގުތު ބޭނުން ކުރަނީ 1978 ވަނަ އަހަރު ހުޅުވި ޓާމިނަލެވެ. އެ ތަނުގައި ދުވާލެއްގެ މައްޗަށް ހިދުމަތް ދެވޭނީ އެންމެ ގިނަވެގެން 2،000 އެއްހާ ފަސިންޖަރުންނަށެވެ. އެކަމަކު އެ ތަން އޯވަ ކެޕޭސިޓީގައި ބޭނުން ކުރާތާ އެތައް ދުވަހެއް ވަނީ ވެފަ އެވެ.
"އެނގިވަޑައިގަންވާތޯ މިދިޔަ އަހަރު އެންމެ ޕީކް ދުވަހު އަޅުގަނޑުމެންނަށް ލިބުނު ފަސިންޖަރުންގެ އަދަދު. އަޅުގަނޑުމެން ގާތްގަނޑަކަށް 23،000 ޕަސިންޖަރުން އެންމެ ހަޔަސްޓް ޑޭގައި ރިސީވް ކުރިން. އޭގެ މާނަކީ 11،500 މީހުން ފުރުމާއި 11،500 މީހުން އައުން. ދެން ވިސްނާލައްވާ މިތަނުގައި ތޮއްޖެހި، ސީޓެއް ނުލިބި އުޅެން ޖެހޭނެ ހާލަތު،" އެއާޕޯޓުގެ ތޮއްޖެހުން ސިފަކޮށްދެއްވަމުން ޝަރީފު ވިދާޅުވި އެވެ.
އާ ޓާމިނަލުން އެ ކަންކަމަށް ބޮޑު ބަދަލެއް އަންނާނެ އެވެ. އަދި ފަސިންޖަރުންނަށް ތޮއްޖެހުމަކާ ނުލައި އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ހިދުމަތް ލިބޭނެ އެވެ.
އާ ޓާމިނަލާ އެކު އެމްއޭސީއެލްގެ އާމްދަނީ ކުރިއަށް އޮތް އަހަރެއްްހާ ދުވަހުގެ ތެރޭގައި 10 ޕަސެންޓަށް އިތުރު ވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. އެކަން ހާސިލު ކުރަނީ، ޓާމިނަލްގެ ކޮމާޝަލް އޭރިއާ އިތުރު ކޮށްގެންނާއި ފިއުލް ވިއްކާ އަދަދު އިތުރުކޮށްގެންނެވެ.
އާ ޓާމިނަލާ އެކު، އެއާލައިންތަކަށް އެންމެ ޕްރައިމް ނުވަތަ ޑިމާންޑު އޮންނަ ގަޑިތަކުގައި އިތުުރު ސްލޮޓުތައް ވިއްކޭނެ އެވެ. އެހެންވެ އެއީ ވެސް އާމްދަނީ އިތުރުވާނެ އެއް ކަމެވެ.
އެމްއޭސީއެލްއަކީ މިވަގުތު ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ވަންނަ އެއް ކުންފުންޏެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބުނު އިރު އާމްދަނީގެ ގޮތުގައި 8.5 ބިލިއަން ރުފިޔާ ލިބުނެވެ. އެހެންވެ، އާމްދަނީ އަށް 10 ޕަސެންޓު އިތުރުވުމުން އާ ޓާމިނަލާ އެކު އެމްއޭސީއެލްގެ އާމްދަނީ އަށް ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ.
އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު މުހައްމަދު މިހާދު ވިދާޅުވީ، ހެނދުނު 8 އިން މެންދުރު 1 އަކަށް އެއާލައިންތަކަށް އިތުރު 16 ޖާގަ ލިބޭނެ ކަމަށެވެ. އެއާ އެކު، އާ އެއާލައިންތައް އެ ގަޑިތަކުގައި ޖެއްސުމަށް ފުރުސަތު ހުޅުވޭނެ އެވެ.
"ހަތަރު ޕާކިން ސްޓޭންޑް އިތުރަށް ލިބޭނެ. އެ ވަގުތުގައި ވައިޑް ބޮޑީގެ ޓާން އެރައުންޑަށް ބަލާފައި އިތުރު 16 އެއާލައިނަށް ކޭޓާ ކުރެވޭނެ ޕްރައިމް ޓައިމްގައި. އެއީ ވަރަށް ބޮޑު އަދަދެއް،" އޭނާ ވިދާޅުވި އެވެ.
އެ އެއާޕޯޓުގެ ކޮމާޝަލް ސްޕޭސް ނުވަތަ ޑިއުޓީ ފްރީއަށް ދޫކުރާ ޖާގަ އާ ޓާމިނަލާ އެކު ތިން ގުނަ އިތުރު ކުރެވޭނެ އެވެ. ގާތްގަނޑަކަށް 13،000 އަކަފޫޓުގެ އެ ޓާމިނަލްގެ 4،000 އަކަފޫޓު ހާއްސަ ކުރަނީ ޑިއުޓީ ފްރީއަށެވެ. މިހާރު ވެސް ރާއްޖޭގެ ޑިއުޓީ ފްރީ އިން ލިބެން ހުންނަ ފިހާރަތަކުގެ އިތުރަށް، އެންމެ ލަގްޒަރީ ބްރޭންޑްތަކުގެ އިތުރު އުފެއްދުންތައް ބަހައްޓަން ޖާގަ ލިބޭނެ އެވެ.
"ފަށާއިރު ވެސް ޑިއުޓީ ފްރީ ހުންނާނެ. ފްލައިޓުތައް ގިނަވާ ވަރަކަށް ކޮމާޝަލް އޭރިއާ ދާނީ ހުޅުވަމުން،" އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިހާރެކޭ ވެސް އެއްގޮތަށް ލަގްޒަރީ ގިނަ ބްރޭންޑްތަކެއް ޑިއުޓީ ފްރީން ލިބޭ އިރު، ކިއޯސްްކްތަކުގެ އިތުރަށް ބައެއް ބްރޭންޑްތަކަށް ހާއްސަ ބުޓީކް ފިހާތައް ވެސް ހުޅުވާނެ ކަމަށެވެ.
އާ ޓާމިނަލް ހުޅުވާއިރު ވެސް އެއާޕޯޓުގައި އޮންނަ އޮޕަރޭޝަނަލް ރެޑިނަސް އެންޑް އެއާޕޯޓު ޓްރާންސްފާ (އޮރަޓް) ޕްރޮސެސް ކުރިއަށް ގެންދާނެ އެވެ. އެއީ އެއާޕޯޓުގެ އާ ޓާމިނަލްގެ ޗެކިން އާއި ބެގޭޖު ހެންޑްލިން، ސެކިއުރިޓީ، ޕެސެންޖާ ފްލޯގެ އިތުރުން އެއާސައިޑް އަދި ލޭންޑްސައިޑުގެ އޮޕަރޭޝަން ރަނގަޅަށް ކުރިއަށް ގެންދޭތޯ ބަލާ މިންގަނޑެކެވެ. އެ ޕްރޮސެސް ކުރިއަށް ގެންގޮސް، އާ ޓާމިނަލް އެއްކޮށް ބޭނުން ކުރަން ތިން މަހެއްހާ ދުވަސް ނަގާނެ އެވެ.
ޝަރީފު ވިދާޅުވީ، އެކަމަށް ހާއްސަކޮށް ކޮންސަލްޓެންޓެއް ނަގައިގެން، އެ ކޮންސަލްޓެންޓުގެ އިރުޝާދާ އެކު މަސައްކަތް ފަށާފައިވާ ކަމަށެވެ.
"މީގައި އޮވޭ ދެ ގޮތެއް. އެއް ގޮތަކީ ބިގް ބޭންގް ނުވަތަ އެއް ދުވަހުން ރިބަން ކަނޑާފައި ހުރިހާ ހިދުމަތެއް ފެށުން. އެކަމަކު ދުނިޔޭގައި މިހާތަނަށް މިހެން ހުޅުވި އެއާޕޯޓުތަކުގައި ދިމާވި މައްސަލަަތައް ބަލާފައި، އާ ޓާމިނަލް އިން ފުރަތަމަ ޖައްސާ ބޯޓަކީ މޯލްޑިވިއަންގެ ބޯޓަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.
އޮރަޓް ކޮންސަލްޓެންޓުގެ އިރުޝާދާ އެކު، އާ ޓާމިނަލް ބޭނުން ކުރަން ފަށާނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. އެކަން ކުރަނީ ކެނެޑާގެ މޮޑަލިސް ކޮންސަލްޓެންސީގެ އެހީގަ އެވެ. މޯލްޑިވިއަނަށް ހިދުމަތް ދިނުމަށް ފަހު، އޮޕަރޭޝަން ހިނގާ ގޮތް ބަލައި މޮނިޓާ ކުރުމަށް ފަހު، އޮރަޓް ކޮންސަލްޓެންޓުގެ ލަފާގެ މަތިން އެހެން އެއާލައިންތަކުން އަންނަ ފަސިންޖަރުންނަށް ވެސް ފޭބޭނެ ގޮތްތައް ފަހިވާނެ އެވެ. އެކަންކަން ނިންމާނީ، ކޮންސަލްޓެންޓު ބަލާ މިންގަނޑުތައް ފުރިހަމަވާ މިންވަރަކުންނެވެ.
ފުރަތަމަ ޓާމިނަލް ބޭނުން ކުރާނީ ހުރިހާ ނެރޯ ބޮޑީ އެއާކްރާފްޓުތަކެވެ. އެއަށް ފަހު ބޮޑެތި ވައިޑްބޮޑީ އެއާކްރާފްޓްތަކަށް ވެސް ފުރުސަތު ދޭނެ އެވެ.
"ކޮންސަލްޓެންޓުގެ ލަފަޔަކީ 1،000 ޕެކްސް ބޭނުން ކުރާށޭ ދުވާލަކު. އެއީ ނުވަ އެއާލައިނެއްގެ ނެރޯ ބޮޑީތައް. އެ ޕްރޮސެސް މަހެއް ނުވަތަ ދޮޅު މަހެއްހާ ދުވަސް ވެސް ނަގާފާނެ. ކޮންސެލްޓެންޓާއި އެއާލައިންތަކުގެ ސެޓިސްފެކްޝަނަށް އެކަން ޑިޕެންޑް ވާނީ،" ޝަރީފު ވިދާޅުވި އެވެ
"ޔަގީން ކުރައްވާ ސީޒަން [ޓޫރިޒަމް ޕީކް] ގައި މުޅިން ބޭނުން ކުރާނީ އާ ޓާމިނަލް،" އޭނާ ވިދާޅުވި އެވެ.
އެ އެއާޕޯޓުގެ އާ ޓާމިނަލްގެ 48 ކައުންޓަރުން ފުރަތަމަ ދުވަހުން ފެށިގެން ވެސް ހިދުމަތް ދޭނެ އެވެ. އަދި ސެލް ޗެކިން ނުވަ ކައުންޓަރަކުން ވެސް ހިދުމަތް ދޭން ފަށާނެ އެވެ.
އެންމެ ޒަމާނީ ވަސީލަތްތަކާ އެކު އާ ޓާމިނަލްގެ ހިދުމަތްތައް ފެށުން ވާނީ ރާއްޖޭގެ އިގްތިސާދަށް ބޮޑު ބަދަލެއް ފެންނާނެ ކަމަށެވެ. އެކަން ކުރަން އެމްއޭސީއެލްގެ މުވައްޒަފުން އަންނަނީ ދުވާލަކު 15 ވަރަކަށް ގަޑިއިރު މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސެމި
25 June 2025
ތިޓާމިނަލް މެއިންޓެއިންކުރާނެބާ ރަގަޅަށް؟ ރާއްޖޭގަ ކިތަންމެވަރަކަށް ރީއްޗަަތަނެއްހެދިޔަސް ނުއެއްބެލެހެއްޓޭ
ްއ23124ޗ
25 June 2025
ޝުކުރިއްޔާ ރަޢީސް ޔާމީނު އަދި ރައީސް އިބޫއަށް! ދެން މިތަނުގެ ރެބަން ކަނޑައިދޭތީ މުއިއްޒަށް ވެސް ޝުކުރިއްޔާ!
ގޮބޮޅިސްތާން
23 June 2025
ތަނަކު ޓާމިނަލެއް އެޅިޔޭ ކިޔާފަ އިތުރަށް ޓޫރިސްޓުން އަންނަންޖެހޭ ކަމަކަށް ނުދެކެން. އެހެނަސް، އެހާ ޑިމާންޑު އޮތިއްޔާ އިތުރު ބަޔަކަށް ޚިދުމަތް ދެވުމުގެ ޤާބިލުކަން ލިބުމަކީ ނަފާ އިތުރުވެދާނެ ކަމެއް ދޯ
ޝާށޝށާ
24 June 2025
ރާއްޖޭގައި ކްރޫޒް ލައިނަރތަކަށް ކައިރިކުރެވޭނެ ތަނެއް ނެތް. އެފަދަ ތަނެއް ހަދާލީމަ ޓޫރިސްޓުން އަންނަވަރާއި މިހާރު އަންނަ ވަރު ބެލިދާނެ.
އޮނަރަބްލް އަފީފު ދީދީ
23 June 2025
ކިތަންމެވަރަކަށް ރީތިކަމަކަށް ހަދާން އުޅުނުކަމަށްވިޔަސް ތިކަންތިއީ "ރީތިކަމަކަށް" ވާނެ އެއްވެސް ގޮތެއްނެތް. ރާއްޖޭގެ އެންމެފުރަތަމަ އެއަރޕޯޓް GAN International Airport އާއި ހަނިމާދޫ އެއަރޕޯޓްގައި "މަރުތަޅު އަޅުވައިގެން ތިބެ" އެންމެކުޑަމިނުން ވައިގަދަވެ ކ.މާލޭ އެއަރޕޯޓަށް ނުޖެއްސިގެން އަހަރަކު އެތައްބޯޓެއް ސިލޯނަށާއި އިންޑިޔާއަށް ޑައިވާޓް ކުރާންޖެހޭއިރުވެސް ރާއްޖޭގެ އޯލްޓަނޭޓިވް އެއަރޕޯޓްގެ ގޮތުގައިވެސް އައްޑޫ ގޭން އެއަރޕޯޓް ހަދާކަށް ބޭނުމެއްނުވޭ.
ގުދުގުދާބެއްޔާ
24 June 2025
ސުއައިދީބު ހަދާފަ އައްޑޫ އެއަރޕޯޓް ހަވާލުކުރަން އައްޑޫ މީހުން ވަރަށްބޭނުންވޭ!
ޕާޓޭ.
24 June 2025
ޑިމާންޑް އޮތްތަނެއް ތަރައްގީކުރެވޭނީ. ކޮން މަރުތަޅެއްގެވާހަކައެއް، ތިޔަކިޔާ ރަށްތަކުގެ ހުރިހާއެންމެން ރަށް އޮޔާލާފަ އައިސްތިބީ މާލެ/ހުޅުމާލޭގަ.
ޗޮކުން ދިޔަ ސުވަދީބު
25 June 2025
ނުޖެހޭ ހަދާކަށް. އަމިއްލަ އަތޮޅުގެ މީހުން މަޑުނުކުރާ ތަނެއްގެ ވާހަކަ ތިޔަ ދައްކަނީ. ފަޅު ތަނެއްގަ ކޮން އެއަރޕޯޓެއް ތަރައްގީ ވާނީ؟
ދުންމާރި ބޯ
23 June 2025
ދިވެހިރާއްޖެ ކިޔަނީ ހަމައެކަނި މާލޭ އާއި މާލެ ސަރަހައްދުހެން ހީވާކަހަލަ. އެނެއްހެން ބުނަންޏާ ގުރޭޓަރ މާލޭ އޭރިއާ. ދިވެހި އެންމެން ގެ މަތިން ލޯނު ނަގައި ދަރަނިވެރިކޮށް މާލެ އާއި މާލޭ ސަރަހައްދު ރީތިކޮށް(ނަމުގައި ތަރައްޤީ) ކުރީމަ އަތްޖަހަން ޖެހޭނެ...
ނަންއިތުރު
23 June 2025
ހިނގާ ބަލަމާ ވާރެވެހެންޏާ ބާލިދީ ބަހައްޓަން ނުޖެހޭތޯ.. ދެން ހުޅުވީމަ އެނގޭނީ މިކަނޑާ ސަޅިބައިސާއެއްވެސް
ކައުންސެލަރު.....
23 June 2025
ރައީސް ޔާމީންގެ މަސައްކަތެއްމީ..... މަރުހަބާ.... އެކަމަކު ޔާމީން އެކި ފޯރަމްތަކުގައި އެކިއެކި މީހުންނަށް ޚާއްޞަކޮށް ވެރިނަށް އާޑަމަލާމާތް ކުރުން ފުރައްސާރަކުރުން ބަލައެއް ނުގަންނަން އެއްގޮތަކަށްވެސް..
މިސް ޔޫ ރައިސް ޔާމީން
23 June 2025
ޝުކުރިއްޔާ ތަރައްގީގެ ބާނީ ރައީސް ޔާމީން. މިރާއްޖެ ކޮޅަށް ޖެހޭނެ އެއްވެސް މީހެއް ނެތް ޔާމީން ނޫނީ.
ގިސްލާރޮވޭ
24 June 2025
ބޭފުޅާ. އެވެރިކަން ނިމުނުއިރު އެތަނުގައިހުރީ ދަބަރަށްވެފައި ހުރި ތަނބުތަކެއް. ތަން ޑިޒައިންކޮށް އިތުރަށް ބޭނުންވާ ފައިސާ ހޯދައި ނިންމީ މިދިޔަ ސަރުކާރުން. މިސަރުކާރުން މައިގަނޑުގޮތެއްގައި އެކުރަނީ އިންޓީރިއާ މަސައްކަތް. މިއީ ހަގީގަތަކީ.
އޮނަރަބްލް އަފީފު ދީދީ
23 June 2025
ދައުލަތްދަރަނިކޮށް 4 ވަރަކަށް ބިލިޔަންޑޮލަރުގެ ލޯނުނަގައިގެން ކ.މާލޭ އެއަރޕޯޓް ހެދުމުން ދައުލަތަށްލިބޭ ފައިދާއަށްވުރެން ބޮޑުފައިދާ ތިތަނުން ނަގަމުންދަނީ Trans Maldivian Airways އާއި މަހުޖަނު ރިސޯޓް އޯނަރުން ފަދަ ފަރާތް ތަކުން. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ބޮލުގައި ތިޔަ ދަރަނި އެޅޭއިރު ތުރާކުނުން އައްޑުއަށް ހިމެނޭ އެއްވެސް ރަށަކަށް ތިތަނުގެ ސަބަބުން ލިބޭ އެއްވެސް މަންފާއެއްނެތް. ތިއީ ކުލީއަޅުން އިތުރަށް އަޅުވެތި ކުރާނެކަމުގެ ރަމްޒީ ބިނާއެއް.
ވިޔަސްނުވިޔަސްގަޔާ
23 June 2025
ރ.ޔާމީނުގެ ޕްރޮޖެކްޓެއް މީ
ވެޔެ
24 June 2025
ނަމުން އެކަނި. ކަންކުރީ އެހެންބައެއް.