ބޭންކް އޮފް މޯލްޑިވްސްގެ ޕޮސް މެޝިނަކުން ފައިސާ ދައްކަނީ: މާދަމާއިން ފެށިގެން ޑެބިޓް ކާޑުތަކުން ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓް 500 ޑޮލަރަށް ބޮޑުވާނެ. -- ފޮޓޯ: މިހާރު
30 ޖޫން 2025 - 09:25
ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކުމަށް ކަނޑާއަޅާފައި އޮންނަ މަހު ލިމިޓް މާދަމާއިން ފެށިގެން 250 ޑޮލަރުން 500 ޑޮލަރަށް ބޮޑުކުރަން ނިންމައިފި އެވެ.
ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކުމަށް މިހާތަނަށް ކަނޑާއަޅާފައި އޮންނަ ލިމިޓް ބޮޑުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ބީއެމްއެލް އިން މިއަދު ބުނީ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކޮށް، މިހާރު ޑެބިޓް ކާޑުތަކުން "ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަ ގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް" ބަދަލުތަކެއް ވެސް ގެނެސްފައި ވާނެ ކަމަށެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި ރާއްޖޭން ބޭރަށް ދަތުރުނުކުރާ ކަސްޓަމަރުންގެ ކާޑުތައް ރާއްޖޭން ބޭރަށް ގެންގޮސްގެން އޭޓީއެމްތަކުން ފައިސާ ނަގާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ މުދަލާއި ހިދުމަތުން ފައިސާ ދެއްކޭ އަދަދު އިތުރުކޮށްދިނުމާ އެކު އޭޓީއެމުން ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޔޫއެސް ޑޮލަރު ކަމަށް ވަނީ ހަދައިފަ އެވެ. އަދި ބޭރުގެ އޭޓީއެމުން ފައިސާ ނެގުމުން 10 ޑޮލަރު ޗާޖުކުރާނެ ކަމަށް ވެސް ބުންޏެވެ.
ޑެބިޓް ކާޑުތަކުން އެންމެ ގިނައިން ކުރާ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް ބައެއް ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގަތުން ކަމަށް ބީއެމްއެލް އިން ބުންޏެވެ. އެހެންވެ މިގޮތަށް ފާހަގަކުރެވޭ ބައެއް މަދު ސައިޓްތަކުން ފައިސާ ދައްކާއިރު 30 ޕަސެންޓާ ހަމައަށް ފީއެއް ނަގަން ވަނީ ނިންމައިފަ އެވެ. މިގޮތަށް ފީ ނަގާނީ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން އެކަންޏެވެ.
މިގޮތަށް ފީ ނެގިޔަސް ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތަކުން އިތުރު ފީއެއް ނުނަގާނެ އެވެ. މީގެ އިތުރުން ޑޮލަރު އެކައުންޓްތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކުން ކުރާ މުއާމަލާތަށް ވެސް ފީއެއް ނުނަގާނެ އެވެ.
މީގެ އިތުރުން ރާއްޖޭން ބޭރުން މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ބޮޑުކޮށްފައިވަނީ މިހާރު ނަގާ ފީ އިތުރުކުރުމަކާ ނުލައި ކަމަށް ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން ބުނީ އެ ބޭންކުން އިސްކަންދެނީ ރާއްޖޭން ބޭރުން ޑެބިޓް ކާޑުން ކުރެވޭ މުއާމަލާތްތަކުގައި އާންމު ފަރުދުންގެ ޒަރޫރީ ބޭނުންތަކަށް ރަނގަޅު ހައްލެއް ހޯދައިދޭން ކަމަށެވެ.
މި ގެނައި ބަދަލުތަކާ އެކު ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކުގެ މަހު ލިމިޓް ބެލުމުގައި މީގެ ކުރިން ބަލަމުން އައި ގޮތް ބަދަލުކޮށް މީގެ ފަހުން ބަލާނީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުގެ ފަހު ދުވަހާ ހަމައަށް ކަމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަވާސަލާމް
30 June 2025
ބީއެމްއެލް އިން މިއަދު ވިސާކާޑް ލިމިޓް 250 ޑޮލަރ އިން 500 ޑޮލަރަށް ބަދަކުރި ވާހަކަ އިވުމުން ވަރަށް އުފާވިއެވެ.ނަނަވެސް ޚަބަރު ކިޔާލުމުން މި އެގުނީ ބޭންކުންވެސް 20.04 ރުފިޔާ އަށް ޑޮލަރެއް ބަދަލުވިކަމެވެ. ހާދަ ގޮތްކުޑަ ސަރުކާރެކެވެ. "ޑޮލަރު ގެ އަގު ތިރިވަނީ މިހާރު އެދަނީ ދަށަށް"ކިޔަމުން އައިސް މިހެދި ގޮތަކީ މިއެވެ.ކުދި ވިޔަފާރިއަށް އިސްކަންދީ ޕޭޕަލް ބޭނުން ކުރެވޭނެގޮތް ހަދަން ވަޢުދު ވެ މި މޭ މަސް ނިމުމުގެ ކުރިން މިކަން ކުރާނެ ވާހަކަވެސް ބުންޏެވެ.
އާނދޯ
30 June 2025
ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކުމަށް މިހާތަނަށް ކަނޑާއަޅާފައި އޮންނަ ލިމިޓް ބޮޑުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެއްވެސް ފީއެއް ނުނަގާ ލިމިޓް އިތުރު ކުރާކަށް ވަޢުދެއް ނުވޭތާއެވެ. %30 އަދި ތަންކޮޅެއް ކުޑައެވެ. %50 އަށް ބަދަލުކޮށްލަން ފެނެއެވެ.
ގާސިމް
30 June 2025
އޮންލައިން ވިޔަފާރިތަކުން އާންމުން ރައްޔިތުންނަށް ލިބޭ ކުޑަ އާމްދަނީކޮޅު ބޭކާރު ގޮތުގަ ހަރަދު ކުރުވާނެ. މިކަމުން ދިވެހިން ސަލާމަްކުރަންޖެހޭ އެބަ. ނަހަމަގޮތުގަ ކާޑު ބޭނުންކުރާ ކާޑުތައް ބްކޮކްކުރަންޖެހޭ.
ގަމީސް
30 June 2025
ޢެންމެން އެހެން ބޭންކް ތަކުން އެކައުންޓް ހުޅުވަންވީ. ޢެއީ ހައްލަކީ
ޡާލިން
30 June 2025
500 ޑޮލަރަށް ބޮޑު ކުރިއިރު 500 ޑޮލަރުން 30% ޑޮލަރު ޗާޖް ކުރަންޏާ އަސްލު 500 ޑޮލަރުގެ ވިޔަފާރިއަކަށް އެބަ ދައްކަން ޖެހޭ 650 ޑޮލަރު. 500 ޑޮލަރުގެ ލިމިޓްގެ ތެރެއިން ކުރަންޏާ ކުރެވޭނީ 350 ޑޮލަރުގެ ވިޔަފާރި. މިވީ ކޯއްޗަކަށް؟
ނަންނުގަތި11111111
30 June 2025
ބޮޑުވީ ދެ ގުނައެއް ނޫން. ދެގުނަ ބޮޑުވިކަމަށް ވާނީ މިހާރު ލިބޭ 250 ގެ އިތުރުން 500 ލިބޭނަމައެވެ. މާނައަކީ 750 ލިބޭނަމަ. ރަގަޅު ގޮތަކީ ބޮޑުވީ 100 ޕަސެންޓެވެ. އިތުރުވީ މިހާރު ލިބޭ އަދަދުގެ އެއްގުނައެވެ.
އަލްޖިބްރރާ
30 June 2025
މިއޮށް ވައުދުތައް ފުދިގެން އުތުރި އަރަނީ. ޑޮލަރުތައް މަގުމަތީ ގިނަވެއްޖެ.
ޥިސްނާ
30 June 2025
މައުމޫނުގެ 30 އަހަރު ޑޮލަރު ގެ އަގު ހިފެހެއްޓުނު، ދެން އައި މީހާ އައިސް 15:42 އައް ބަދަލު ކުރިހިސާބުން މީތި ގޯސްވެއްޖެ، ދެން މިކަން ރަނގަޅު ކުރެވޭނެ މީހަކު ނާންނާނެ ވާނެ ހައެތިވެ ނިމުނީ ދެން ބުނަން އޮތްއެތި ބޮޑުކަމުން ބުނެވޭކަށް ނެއް، ދުވާލު ދެދަޅަޔަށް ނޫސްތަކަށް އަރާނެ މިލިޔަނުން ޓޫރިސްޓުން އަތުވެއްޖޭ، ކިޔާކަމަކާ ވާކަމަކާ ދިމަލެއް ނުވޭ، ބޯހަލާކު
ގޮނުއަނގަ
30 June 2025
މަނިކުފާނު. ތިޔަ ބޜންކަށް ތިޔަވަރު ނެގީމާ އެހެން ބެންކްތަކުން ހަމަ ތިޔަވަރަށް ނުނަގާނެތޯ. ނަގާނަމަ ތިޔަކުރިކަމކީ ވަރަށް ފެންވަރުދަށް ކަމެއް. ތިޔަކަމުގެ ގެއްލުން ބޮޑަށް ކުރާނީ ރާއްޖެތެރޭ ނިކަމެތި މުއްސަނދިންނަށް. ޢެހެން ބޭނަކަކުން އެކައުމްޓެއް ހަދާލަންވެސް އުނދަގީވާނީ ރާއްޖެތެރޭ މީހުންނަށް. މިހާރު ތިޔަފެންނަނީ އުއްޗު މުއްސަނދިވީގޮތަށް ބޭންކު މުއްސަނދި ވާތަން. ދިވެހިން ކިޔާނީ ކާންދީފައި ކަތިލާށޭ.
ހަލާލު
30 June 2025
ކޮމެންޓްކުރާ ކުދިން ހާދަ ކޮހޭދޯ؟ މިއޮތީ ކާޑުލިމިޓް އިސްލާމިކްކޮށްލާފަނުން!