ބަޖެޓް ފޮތް. އިންވެސްޓްމެންޓްތަކަށް ކުރި ހޭދަ އެއް ބިލިއަނަށް ވަނީ އަރާފައި. -- ފޮޓޯ | މިހާރު
19 ޖުލައި 2025 - 10:34
ސަރުކާރުގެ ބަޖެޓުން އެކި އެކި އިންވެސްޓްމެންޓްތަކަށް ކުރި ހޭދަ އެއް ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން އެއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 200 މިލިއަން ރުފިޔާ އަށް ވުރެ އިތުރު އަދަދެކެވެ. އެއީ ގާތްގަނޑަކަށް 20 ޕަސެންޓުގެ އިތުރުވުމެކެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، އިންވެސްޓްމެންޓްތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނޭނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިންވެސްޓްމެންޓްގެ ގޮތުގައި ދޫކޮށްފައިވާ ފައިސާ ކަމަށެވެ.
މިއަހަރުގެ ބަޖެޓުގައި އިންވެސްޓްމެންޓްތަކަށް ހަރަދު ކުރަން ކަނޑައަޅާފައިވަނީ 378 މިލިއަން ރުފިޔާ އެވެ. އެހެންވެ، މި އަހަރު ކުރި ހޭދަވަނީ ކަނޑައެޅި ބަޖެޓަށް ވުރެ 184 ޕަސެންޓް އިތުރުވެފަ އެވެ.
މިއަހަރުގެ ބަޖެޓުގައި ހަރަދު ކުޑަ ކުރަން މުހިއްމު ފިޔަވަޅުތަކެއް އަޅަން ޕްލޭންކޮށްފައިވެ އެވެ. އެ ރިފޯމުތަކާ އެކު ދައުލަތުގެ ހޭދަތައް 2.5 ބިލިއަން ރުފިޔާއަށް ކުޑަކުރަން ކަނޑައަޅާފައި އޮތް ނަމަވެސް، އެ ރިފޯމުތަކަށް އަމަލު ނުކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެއާއެކު މިއަހަރު ވެސް އަންދާޒާކުރި ވަރަށް ވުރެ އިތުރަށް ބަޖެޓުން ހަރަދު ކުރަން ޖެހި، ސަބްސިޑަރީ ބަޖެޓެއް ހުށަހެޅުމުގެ ފުރުސަތު މިވަނީ ބޮޑުވެފަ އެވެ.
މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަކީ 56.6 ބިލިއަން ރުފިޔާ އެވެ. މިހާތަނަށް ބަޖެޓުން ވަނީ 23.5 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. އޭގެ ތެރޭގައި ރިކަރަންޓް ހަރަދަށް 16.6 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދަށް 2.1 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިއަހަރުގެ ޖުމްލަ ހަރަދު ވަނީ މިދިޔަ އަހަރަށް ވުރެ 2.3 ބިލިއަން ރުފިޔާ ކުޑަކޮށްފަ އެވެ.
އާމްދަނީގެ ގޮތުގައި ދައުލަތަށް މި އަހަރުގެ މިހާތަނަށް ވަނީ 20 ބިލިއަން ރުފިޔާ ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މހނ
19 July 2025
ހޭދަކުރީ ކޮންކޮން އިންވެސްޓުމަންޓުތަކަށްބާވައެވެ؟ ޙަވާލުކުރެވުނީ ކޮންކޮން ފަރާތްތަކަކަށްބާވައެވެ؟ ވޯޓުގަތުމަށް ކުރެވޭޚަރަދަކީވެސް އިންވެސްޓުމަންޓެކެވެ. ކުރިމަތީގައި ވޯޓުތަކެއް އެބައުޅެއެވެ. މުސުވާލުތައް އުފެދެނީ މާލޭގައިމުޑުތުލަލއިގެންތިބޭ ރަށްރަށުގެ ޢާއިލާބޮޑެތި ނުފޫޒުވެރިން ރަށްރަށަށްގޮސް ވަރަށް ދީލަތިކަމާއި ތިމާގެކަން ބަދަހިކުރާތަން ފެންނަތަން ގިނަވާތީވެއެވެ.
ކޮރަލް
19 July 2025
20 ބިލިއަން ލިބޭ އިރު 56 ބިލިއަން އެބަ ހަރަދު ކުރެ އެވެ. ވީމާ ކޮންމެ އަހަރަކުވެސް އެތައް ބިލިއަން ދަރަނި ވެރި ވާނެ އެވެ. ދެން ސަރުކާރު ހިންގޭނީ ލޯން ދައްކަން ލޯން ނަގައިގެންނެވެ.
އިންވެސްޓް؟
19 July 2025
އިންވެސްޓްމަންޓް އޭ. ތި އެއް ބިލިއަން އިން ބައި ރުފިޔާވެސް ފައިދާ ނުނެރެވޭނެ އަދި ދިން އަދަދުވެސް ނުލިބޭނެ. އިންވެސްޓްމަންޓް އޭ ކިޔާފައި އެސް.އޯ.އީ ތަކަށް ދޭ ފައިސާ އިން ދެނީ މުސާރަ. ވަރަށް ބޮޑު އޮޅުވާލުމެއް.
ރުބީނާ
19 July 2025
ސަރުކާރު ކުންފުނިތަކަށް އޮބިނޯންނަވަރަށް މުވައްޒަފުންލައި އެމީހުންގެ މުސާރަދޭން ކުންފުނިތަކަށް ފައިސާދޫކުރުމަށްފަހު އެއީ އިންވެސްޓްމެންޓް ކޮސްޓްކަމަށް ބަލާނަމަ މިސަރުކާރުގައިތިބި އިކޮނޮމިސްޓުންނަށް ވަރަށް ސަލާމް. ޕީއެޗްޑީ އެއެންމެނަށް ދޭންވާނެ
ނުހެޔޮ
19 July 2025
މިއީ ހަމަ ތެދެއް... ކުންފުނިތަކަށް ގޮތުގައި ދޭ ފައިސާ އިންވެސްޓްމަންޓަށް ވަނީ ކިހިނެއް؟ ތިއީ އެމްއެމްޕީއާރުސީ އަށް ފައިދާ ވިޔޭ ކިޔައިގެން ކީ ކަހަލަ ދެއުޅިއެއް ނުވާ ވާހަކައެއް. މައި ޝެއަރހޯލްޑަރ އިންޖެކްޓް ކުރީމަ ގްރާންޓް އެންޑް ރެވެނިއުގެ ގޮތުގައި ޖަހައިގެން އެ ފައިސާއިން މަދު މިލިއަނެއް ފައިދާވިކަމަށް ދައްކައި އޮޅުވާލަނީ.... ދެއުޅި