އިންޑިއާގެ ހައި ކޮމިޝަނަރު ޖީ. ބާލަސުބްރަމާނިއަން (ކ-3) އާއި ހައި ކޮމިޝަނުގެ އިސް ބައެއް ބޭފުޅުން ބައްދަލުވުމުގައި: އެ ބައްދަލުވުމުގައި ވަނީ އެގައުމުން ދީފައިވާ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައި -- ފޮޓޯ: ފިނޭންސް މިނިސްޓްރީ
18 ސެޕްޓެމްބަރ 2025 - 09:25
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދިވެހި ސަރުކާރުން ވިއްކި ޓީ ބިލްގެ ތެރެއިން، މި މަހު ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ވެސް އަނބުރާ ދެއްކުން އިންޑިއާއިން އަނެއްކާ ވެސް ފަސްކޮށްދީފި އެވެ.
އެ ޓީބިލް ދައްކަން ޖެހެނީ މިއަދުގެ ނިޔަލަށެވެ. އެކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން އިއްޔެ ފިނޭންސް މިނިސްޓްރީގައި ބައްދަލުކުރައްވައި މަޝްވަރާކުރެއްވި އެވެ.
އެ ޓީބިލަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ގައި ސަރުކާރުން އެސްބީއައި މެދުވެރިކޮށް ބަޖެޓް ސަޕޯޓަށް ނެގި 200 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ އަދަދެކެވެ.
އޭގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. ބާކީ 150 މިލިއަން ޑޮލަރު ލިބުނީ 50 މިލިއަން ޑޮލަރުގެ ތިން ޓީބިލްގެ ގޮތުގަ އެވެ. އޭގެ ތެރެއިން 2024 އަހަރުގެ ޖެނުއަރީ މަހު ވަނީ 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ) ގެ އެއް ޓީބިލް ސަރުކާރުން އަނބުރާ ދައްކައިފަ އެވެ. ބާކީ ނުދައްކާ ހުރި 100 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު މިދިޔަ އަހަރުގެ މެއި މަހު އަނބުރާ ދައްކަން ޖެހިފައި ވަނިކޮށް އެ ފައިސާ ވެސް އިންޑިއާ ސަރުކާރުން އިތުރު އެއް އަހަރަށް އެ މަހު އިތުރުކޮށްދިނެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިންޑިއާގެ ހައި ކޮމިޝަނަރު ޖީ. ބާލަސުބްރަމާނިއަން އެކު ބޭއްވި ބައްދަލުވުމުގައި. -- ފޮޓޯ: ފިނޭންސް މިނިސްޓްރީ
މިދިޔަ އަހަރު ވެސް ކޮށްދިން ގޮތަށް މިފަހަރު ވެސް ފަސްކޮށްދިނީ ޓީބިލްގެ ބާކީ ނުދައްކާ އޮތް އަދަދެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އިއްޔެ ބޭއްވި ބައްދަލުވުމުގައި އިންޑިއާ ސަރުކާރުގެ ލައިންސް އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ފައިނޭންސް ކުރެވޭ މުހިންމު ތަރައްގީގެ މަޝްރޫއުތަކުގެ ޕޯޓްފޯލިއޯއާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ. އަދި އެކަން ތަންފީޒުކުރުމުގައި ދިމާވާ މައިގަނޑު ގޮންޖެހުންތަކާ މެދު މަޝްވަރާކުރައްވައި، ރައްޔިތުންގެ މަންފާއަށްޓަކައި އެ މަޝްރޫއުތައް ކާމިޔާބުކަމާ އެކު ނިންމުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމާ ގުޅޭ ގޮތުން މަޝްވަރާތައް ކޮށްފައިވެ އެވެ.
ބަޖެޓް ސަޕޯޓަށް ދިން 100 މިލިއަން ޑޮލަރު ފަސްކޮށްދިނުމުގެ އިތުރުން ރާއްޖެ އަށް 750 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ކަނޑައަޅައި، އޭގެ ތެރެއިން 400 މިލިއަން ޑޮލަރު ސަރުކާރުން ވަނީ ބޭނުން ކުރަން ފަށައިފަ އެވެ. އަދި ބާކީ 30 ބިލިއަން ރުޕީސްގެ ސްވޮޕް ފެސިލިޓީ ވެސް ނެގުމަށްޓަކައި ސަރުކާރުން އަންނަނީ އިންޑިއާގެ ސެންޓްރަލް ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާއާ އެކު މަޝްވަރާތައް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް +
18 September 2025
ބިލު ދައްކަން އެއްބަސްވި ގަވައިދުން ބިލު ނުދައްކައިގެން، ދެންފަހަރަކުން އަންނާނީ އިންޑިޔާގެ ފުލުހުން ރާއްޖެ ބަލާ. ދެން ވަންނާނީ ކޮންތާކަށް؟
ކޮރަލް
18 September 2025
މިއީ ވ ގޯސް ކޮށް ކުރާ ކަމެކެވެ. ދައްކަން ހުންނަ ލޯން ތައް ނުދައްކާ ފަސް ކުރަނީ އެވެ. ދެން އޭގެ ފައިދާ ނަގާ ބޮޑެތި ލޯން ތައް އަލުން ނަގަނީ އެވެ. ހަރަދު ކުޑަ އެއް ނުކުރެ އެވެ. ސިޔާސީ މަގާމް މަދެއް ނުކުރެ އެވެ. ގައުމު ހިންގަނީ ޕާޓީ އަކުން ޕާޓީ އަށް ފެންނަ ގޮތަކަށެވެ. ރައްޔިތުން ބާކީ ވެއްޖެ އެވެ.
ދޯހުއްތުބޭ
18 September 2025
އަހަރަމެންގެ އެތި ކޮޅު ލަސްކޮއްލަ ދީބަލަ!
ދުރުމި
18 September 2025
ވެރިކަމުގައި ތިބި އިރު ހެސްކިޔާފައި ބޭރުންނާއި އެތެރެއިން ލޯނު ނަގާފައި ނުވިތާކަށް އެތަށް ބިލިޔަން ރުފިޔާއެއް ޗާޕުކޮށްފައި އިގްތިސާދަށް ފައިސާ ވަންނަ އެއްވެސް މަސައްކަތެއް ނުކޮށް ގައުމު ދަރުވާލާފައި
ހުހޫ
18 September 2025
މީ ފެންވަރަކީ. ތިބާކައިގެން ގައުމު މި ފުނަޑެނީ.
އަފްރާސިޔާބު
18 September 2025
"ބަޖެޓްސަޕޯޓަށް ދިން 100 މިލިއަން ޑޮލަރު ފަސްކޮށްދިނުމުގެ އިތުރުން ރާއްޖެ އަށް 750 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ކަނޑައަޅައި، އޭގެތެރެއިން 400 މިލިއަން ޑޮލަރު ސަރުކާރުން ވަނީ ބޭނުން ކުރަން ފަށައިފަ އެވެ. އަދި ބާކީ 30 ބިލިއަން ރުޕީސްގެ ސްވޮޕް ފެސިލިޓީ ވެސް ނެގުމަށްޓަކައި ސަރުކާރުން އަންނަނީ އިންޑިއާގެ ސެންޓްރަލް ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާއާ އެކު މަޝްވަރާތައް ކުރަމުންނެވެ." މި ދަރަންޏަކީވެސް ކުރީ ސަރުކާރުގެ ކަމެއްބާ؟
ހައިޝަމްް
18 September 2025
ދަރަނިން މި ގައުމު ސަލާމަތްވާން އޮތް ގޮތަކީ ރައީސް މުއިއްޒުއަށް ދެވަނަ ދައުރެއް ދީގެން. އެމްޑީޕީއިން ވެރިކަމަށް އައިއްސިނަމަ އަނެއްކާ މިގައުމު ވެއްޓޭނީ ބޮޑު އަނދަވަޅަކަށް.
ފަސީމާާ
18 September 2025
ރައީސް މުއިއްޒުގެ ހާރިޖީ ސިޔާސަތު ހަމަ ކޮލިޓީއޭ
އަންސަރްް
18 September 2025
ރާއްޖެ އިންޑިއާ ގުޅުން ވަރަށް ބަދަހި. މިގޮތުގަ ކުރިޔަށް ދިޔުން އުންމީދަކީ
ސަލްމާޗީ
18 September 2025
ސަލާންޖެހުން ނޫން ކަމެއް އެއްވެސް ވެރިއަކު ކުރަން ނުދަނޭ!! ރައްޔިތުންވެސް މިތިބީ ސަލާންޖަހަން އަދި ނެތް ފައިސާއިން ދިރިއުޅުން ހަމަޖައްސަން ދަސްކޮށްދީފަ!